ކަލަރސް ޓީވީން މިހާރު ދައްކަމުން އަންނަ ބިގްބޮސް ސީޒން 15ގެ ރޭގެ ޝޯގައި ޔޮހާނީ ހާއްސަ މެހެމާނެއްގެ ގޮތުގައި ފެނިގެން ގޮސްފިއެވެ.

އިންޑިޔާ ޓުޑޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކަލަރސް ޓީވީން ދައްކާ މިޝޯވގެ ހޯސްޓް ސަލްމާން ޚާންގެ ދައުވަތަކަށް ހާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވުމަށް ޔޮހާނީއަށް ދައުވަތު ދީފައިވަނީވެސް ސަލްމާން ޚާންއެވެ.

މިދައުވަތު ސަލްމާންގެ ފަރާތުން ލިބުމުން ވަރަށް އުފާވިކަމަށް ޔޮހާނީ ވަނީ ބުނެފައެވެ.

އެގޮތުން މި ޝޯގައި ބައިވެރިވެލުން ވެގެން ދިޔައީ ވަރަށް ތަފާތު ތަޖުރިބާއަކަށް ކަމަށާއި ޝޯގެ ތެރެއިން ސަލްމާނާއެކު ވަރަށް މަޖާ ވަގުތުކޮޅެއް ހޭދަ ކުރެވުނު ކަމަށްވެސް ޔޮހާނީ ވަނީ ބުނެފައެވެ.

ބިގްބޮސްގެ ރޭގެ ޝޯވގެ ތެރެއިން، ސަލްމާނަށް މަނިކޭ މަގޭ ހިތޭ، ލަވަ ދަސްކޮށް ދިނުމާއި، ސަލްމާނާއެކު ލަވަކިޔުން ވެގެން ދިޔައީ ދުވަހަކުވެސް ޔޮހާނީގެ ހަނދާނުން އަދި ހިތުންވެސް ފިލައިގެން ނުދާނެ ފަދަ އުފާވެރި ވަގުތު ކޮޅަކަށް ކަމަށް އުމުރުން 28 އަހަރުގެ ޔޮހާނީ ބުނެފައިވެެއެވެ.

ޝޯވގައި ޔޮހާނީގެ ހާއްސަ ފެނިލުމުގައި އޭނާ "މަނިކޭ މަގޭ ހިތޭ" ހުށައަޅައި ދިނުމުގެ އިތުރުން އެލަވައިގެ ޖާދޫގައި މަޝްހޫރު ފިލްމީ ތަރި އަދި ޝޯގެ ޕްރެޒެންޓަރ ސަލްމާން ޚާން ވެސް ޖައްސާލިއެވެ.

https://www.instagram.com/p/CUzR7I7oaBB/?utm_source=ig_embed&utm_campaign=embed_video_watch_again

ޔޮހާނީގެ ފަހަތުން ސަލްމާން މަނިކޭ މަގޭ ހިތޭ ކިޔަމުން ދާއިރު އޭނާގެ ހުންނަ ސަކަ މިޒާޖުގެ ތެރެއިން ޔޮހާނީ ވަނީ ސަލްމާންގެ ހިތާ ކުޅެލާފައެވެ.

ބިގްބޮސްއަކީ ވަރަށް ސަޅި ޝޯއެއް ކަމަށް ޔޮހާނީ ފާހަގަ ކޮށްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ސިންހަޅަ ބަހުން ކިޔާފައިވާ މަނިކޭ މަގޭ ހިތޭ ލަވަ ވެގެން ގޮސްފައި ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ލަވައަކަށެވެ.

އެގޮތުން އޭނާގެ ޔޫޓިއުބްގައި މި ލަވަ ރިލީޒް ކުރިތާ މަސް ދުވަހުގެ ތެރޭގައި، 9.1 މިލިއަން ވިއުސް މިލަވައަށް ލިބިފައިވެއެވެ.

އިންޑިޔާ ޓުޑޭގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮލީވުޑުން ޔޮހާނީއަށް ލިބުނު ތަރުހީބު އަދި ބޮގްބޮސްއާ ހިސާބުން ނިމިފައި ނުވާކަމަށެވެ.

މި ދަތުރު ވެގެން ދިޔައީ ޔޮހާނީ ދެކެމުން އައި އެންމެ ފޮނި ހުވަފެން ކަމުގައިވާ ބޮލީވުޑްގެ ފިލްމަކަށް ލަވައެއް ކިޔާލުމުގެ ފުރުޞަތު ޔޮހާނިީއަށް ލިބިގެން ދިޔުމަށް މަގު ފަހިކޮށް ދިން ދަތުރަކަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެގޮތުން ފިލްމް ޝިއްދަތަށް ޔޮހާނީ ކިޔައިދޭ ހިންދީ ލަވަ ރިކޯޑް ކޮށްފައި ވާކަމަށް ބުނެފައިވެއެވެ.

ދުނިޔޭގެ އެތައް ބަހުރުވައަކުން ޔޮހާނީގެ "މަނިކޭ މަގޭ ހިތޭ" ލަވަ ރެކޯޑް ކުރެވި ގިނަ ބައެއްގެ ހިތްތަކާ ކުޅެމުން ދިޔަ ނަމަވެސް "މަނިކޭ މަގޭ ހިތޭ" ގެ ޔޮހާނީގެ ވާސަން އަދިވެސް ފަނޑު ވުމެއްނެތި އަންނަނީ ފިޔަ ޖަހަމުންނެވެ.