ބެލްޖިއަމްގެ މަޤުބޫލު މަޖައްލާތަކުގެ މެންބަރުން ހިމެނޭ މީޑިއާ ޓީމެއް ވިޒިޓް މޯލްޑިވްސްގެ ދައުވަތަކަށް ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެ އަތުވެއްޖެއެވެ.

މިދަތުރު ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ 11 އިން 18 ގެ ނިޔަލަށެވެ. މި ދަތުރުގައި ރާއްޖެ އައިސްފައިވަނީ ބެލްޖިއަމްގެ ޕްލަސް މެގަޒިން، އެލް މެގަޒިން، ބެލްޖިއަމް މެޓްރޯ، ފީލިން، ގައެލް އަދި ސަޑްޕްރެސްގެ ޖާނަލިސްޓުންނެވެ. މި މަޖައްލާތަކަކީ ބެލްޖިއަމްގައި ވަރަށް މަޤުބޫލު މަޖައްލާތަކެކެވެ.

އޮންލައިން، ޕްރިންޓް ޑިޖިޓަލް އަދި ސޯޝަލް މީޑިއާގައި ލިޔުންތަކާއި، އަދަދުތައް ޝާއިޢުކުރާ މިމަޖައްލާތަކަކީ ކޮންމެ ދުވަހަކު، ހަފްތާއަކު އަދި މަހަކު ލިޔެކިއުންތަކާއި، އަދަދުތައް ނެރޭ މަޖައްލާތަކެކެވެ.

ވިޒިޓް މޯލްޑިވްސްއިން އިންތިޒާމްކޮށް، މި މަޖައްލާތަކުގެ ޖާނަލިސްޓުންގެ ބައިވެރިވުމާއެކު އިންތިޒާމްކޮށްފައިވާ މި ފެމިލިއަރައިޒޭޝަން ދަތުރުގެ ސަބަބުން މިމާކެޓުގައި ދަތުރުފަތުރުކުރުމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކޮށް، ރާއްޖެއިން ލިބެން ހުންނަ ތަފާތު ތަޖުރިބާތައް ޕްރޮމޯޓުކުރެވޭނެއެވެ.

މި ފެމިލިއަރައިޒޭޝަން ދަތުރުގައި ބައިވެރިވާ ބެލްޖިއަމްގެ މީޑިއާ ޓީމް ތިބުމަށް ހަމަޖެހިފައިވަނީ ކަނޑިންމަ މޯލްޑިވްސް، ޕުލަމޭރިއާ މޯލްޑިވްސް އަދި މޫވެންޕިކް ރިޒޯޓް ކުރެދިވަރު މޯލްޑިވްސް ގައެވެ. މި ޓީމުން މި ރިޒޯޓުތަކުގެ ސްޕާގެ ހިދުމަތާއި، ވޯޓާ ސްޕޯޓްސް ފަދަ ހަރަކާތްތައް ތަޖުރިބާކުރާނެއެވެ. އަދި މި ރިޒޯޓުތަކުގެ އެކި ރެސްޓޯރެންޓުތަކުން ލިބެން ހުންނަ ތަފާތު ކެއުންތައް ވެސް ތަޖުރިބާކުރާނެއެވެ.

މި ފެމިލަރައިޒޭޝަން ދަތުރަކީ ބެލްޖިއަމް މާކެޓުގައި ރާއްޖޭގެ މަޤުބޫލުކަން ދެމެހެއްޓުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ހިންގޭ ހަރަކާތެކެވެ. މި ދަތުރުގެ ސަބަބުން ބެލްޖިއަމް މާކެޓުގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ޝައުގުވެރިވާ ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތައްވެސް ހިއްސާކުރާނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

މިއީ ބެލްޖިއަމް މާކެޓަށް އަމާޒުކޮށް ރާއްޖެއިން މިއަހަރު ބާއްވާ ފުރަތަމަ ފެމިލިއަރައިޒޭޝަން ދަތުރެވެ. މި ސަރަހައްދުގައި ރާއްޖެ ޕްރޮމޯޓުކުރުމުގެ ގޮތުން ވިޒިޓްމޯލްޑިވްސްއިން މި އަހަރު މިހާތަނަށްވަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މީގެތެރޭގައި ރޯޑް ޝޯ، ވެބިނާ އަދި ފެއާތައް ހިމެނެއެވެ.

ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ބެލްޖިއަމް ފަދަ މާކެޓްތަކާއި، އައު މާކެޓްތަކުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑު ޕްރޮމޯޓުކުރުމެވެ. މިކަން ހާސިލްކުރުމަށްޓަކައި ވިޒިޓް މޯލްޑިވްސްއިން ދަނީ އެކި މާކެޓުތަކަށް ހާއްސަކޮށް އެގްޒިބިޝަންތަކާއި ފެއަރތަކުގައި ބައިވެރިވެ، ރޯޑް ޝޯ، ވެބިނާތަކާއި އެހެން ހަރަކާތްތައް ބާއްވަމުންނެވެ.