ސްޓޭޓްް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލުގެ އަގު އަނެއްކާވެސް ބޮޑު ކޮށްފިއެވެ.

ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެސްޓީއޯއިން ބުނީ އެތަނުން ވިއްކަމުން އަންނަ ތެލުގެ އަގު ބޮޑު ކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ކަމަށެވެ.

އެސްޓީއޯ އިން ބުނީ މީގެ ކުރިން 10.72 (ދިހަ ރުފިޔާ ހަތްދިހަ ދެލާރި) އަށް ވިއްކަމުން އާ ޑީސަލް ލީޓަރެއް މިރެއިން ފެށިގެން ދެން ލިބޭނީ 11.84 (އެގާރަ ރުފިޔާ އައްޑިހަ ހަތަރު ލާރި)އަށް ކަމަށެވެ.

އޭގެ އިތުރުން، 9.74 (ނުވަ ރުފިޔާ ހަތްދިހަ ހަތަރު ލާރި) އަށް ވިއްކަމުން އައި ޕެޓްރޯލް ދެން ލިބޭނީ 11.16(އެގާރަ ރުފިޔާ ސޯޅަ ލާރި)އަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ބަދަލު ގެނައީ މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ.

އެގޮތުން އެފަހަރުވެސް ވަނީ ޕެޓްރޯލާއި ޑީސަލުގެ އަގު އޭރު ވިއްކަމުން އައި ވަރަށް ވުރެ ބޮޑުތަނުން ބޮޑުކޮށްފަ އެެވެ.

ތެލުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެސްޓީއޯއިން ބުނީ އެތަނުން ވިއްކަމުން އަންނަ ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ކަމަށެވެ.

ޕެޓްރޯލާއި ޑީސަލްގެ އަގު މިދިޔަ އަހަރު މާރިޗް މަހު ހެޔޮކުރިއެވެ.

އޭގެ ފަހުން މި އަހަރު ފެބްރުއަރީ މަހާ ހަމައަށް ހެޔޮ އަގުގައި ތެޔޮ ވިއްކަމުން އައި ނަމަވެސް އޭގެ ފަހުން ދެ ފަހަރެއްގެ މަތިން ވަނީ ތެލުގެ އަގު ބޮޑުކޮށްފައެވެ.

އެސްޓީއޯއިން ބުނީ ފާއިތުވި ދެ މަސް ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތެލުގު އަގު ވަނީ ވަރަށް ބޮޑަށް އުފުލިފަ ކަމަށާއި، މިހާރު ދުނިޔޭގެ ތެލުގެ އަގު ހުރީ ފާއިތުވި ހަތް އަހަރު ތެރޭގައި ބޮޑުނުވާ މިންވަރަށް ބޮޑުވެފައިވާ ކަމަށެވެ.

އެހެންކަމުން، އެކުންފުންޏަށް ތެޔޮ ގަންނަން ލިބޭ އަގުވެސް ވަނީ ވަރަށް ބޮޑުވެފައި ކަމަށެވެ.

އެސްޓީއޯއިން ބުނީ އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ވީހާވެސް ފަސޭހަ ގޮތެއްގައި ކަސްޓަމަރުންނަށް ތެޔޮ ފޯރު ކޮށްދިނުމުގެ ހިދުމަތް ދިނުމަށް ކަމަށެވެ.