ޔޫރަޕު ފުޓުބޯޅައިގެ ބެލެނިވެރި ފަރާތް، ޔޫއެފާއިން އަބަދުވެސް ވިސްނަނީ ލާރި ހޯދޭނެ ގޮތްތަކާއި މެދުގައި ކަމަށާއި، ކުޅުންތެރިންނާއި މެދު ނުވިސްނާކަމަށް ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ގޯލްކީޕަރު ތިބޮއު ކޯޓުއާ ބުނެފިއެވެ.

ކޯޓުއާ މިހެން ބުނެފައިވަނީ ބައިނަލްއަގްވާމީ ބްރޭކުގައި ބެލްޖިއަމްގެ ގައުމީ ޓީމަށް ކުޅެދިން ދެވަނަ މެޗަށްފަހު މީޑިއާ އަކަށްދިން އިންޓަވިއު އެއްގައެވެ.

އާދިއްތަ ދުވަހު ނޭޝަންސް ލީގުގެ ތާޑް-ޕްލޭސް ޕްލޭ އޮފްގައި އިޓަލީ އާއި ދެކޮޅަށް ކުޅުނު މެޗަށްފަހު ވާހަކަދައްކަމުުން ކޯޓުއާ ބުނީ ޔޫއެފާ އިން ދެކެނީ ކުޅުންތެރިންނަކީ ރޮބޮޓުން ކަމަށާއި އެއިދާރާގެ ވިސްނުން ހުރީ ހަމައެކަނި އިތުރަށް ލާރި ހޯދުމަށް ކަމަށެވެ. އެގޮތުން ކޮންމެ މެޗަކީ އެ އިދާރާއަށް ލާރި ހޯދުމަށް ފަހި މަގަކަށްވާ ކަމަށާއި އެކަމުގެ ސަބަބުން ކުޅުންތެރިންނަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރާކަމަށް ކޯޓުއާ ބުނެފައިވެއެވެ.

މީގެއިތުރުން ކޯޓުއާ ބުނީ ކުޅުންތެރިން މިފަދަ ކަންކަމާ ހިތްހަމަނުޖެހޭނަމަ އެ ޝުއޫރުތައް ފާޅުކުރަން ޖެހޭ ކަމަށާއި، ބަޔަކު ކުރާ 'ބުލީ' އަލަށް ރުހިގެން ހުންނަން ނުޖެހޭ ކަމަށެވެ.

އަދި ޔޫއެފާއަށް 'ޔޫރަޕިއަން ސުޕާ ލީގް' މައްސަލައަކަށްވެފަ ކުޅުންތެރިންނަށް ނޭދެވޭ އަސަރުކުރާއިރުވެސް އެ އިދާރާއިން އިތުރު ލީގު ތަކާއި މުބާރާތްތައް ތައާރަފް ކުރަމުންދިޔުން އެއީ ޔޫއެފާއިން ކުޅުންތެރިންނާ މެދު ނުވިސްނާ ފައިސާ އަށް ދަހިވެތިވުމުގެ ހެއްކެއްކަން އެނގޭ ކަމަށެވެ.

ކުޅުންތެރިންގެ މިފަދަ އެތައް ވާހަކަތަކަކަށް ރައްދުދެމުން ޔޫއެފާ އިން މީގެކުރިން ވަނީ މަޝްހޫރު ބައެއް މީޑިއާ ތަކުގައި އެ އިދާރާގެ ކަންކަން ދިފާއުކޮށް ވާހަކަދައްކާފައެވެ. އެގޮތުން ބީބީސީގައި ވާހަކަދައްކަމުން އެ އިދާރާގެ ރައީސް ވަނީ ނޭޝަންސް ލީގުގެ މެޗުތަކަކީ އިންޓަނޭޝަނަލް މެޗް ކަލަންޑަރުގެ ތެރޭގައި ކުޅެވޭ މެޗުތަކަކަށް ވާތީ މިއީ ކުޅުންތެރިންނަށް އިތުރު ބުރައަކަށް ވެގެންވާނެ ކަމެއް ނޫންކަމަށް ބުނެފައެވެ.

އަދި ނޭޝަންސް ލީގު ބާއްވައިގެން ލިބޭ އާމްދަނީ އަކީ ޔޫއެފާގެ ބަޖެޓު ބޮޑުކުރަން ބޭނުންކުރާ އެއްޗެއް ނޫން ކަމަށާއި އެއިން މަންފާ ކުރާނީ އެ އިދާރާގައި ރަޖިސްޓަރ ކޮށްފައިވާ ގައުމުތަކުގެ އެސޯސިއޭޝަންތަކަށް ކަމަށްވެސް ޔޫއެފާގެ ރައީސް ބުންޏެވެ.

2018/2019 ވަނަ އަހަރުގެ ފުޓުބޯޅަ ސީޒަނުން ފެށިގެން ބާއްވަމުން އަންނަ ޔޫއެފާ ނޭޝަންސް ލީގުގެ މިފަހަރުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފްރާންސް އިންނެވެ. ފްރާންސް އިން މުބާރާތުގެ ޓްރޮފީ އުފުލާލީ ފައިނަލުގައި ސްޕެއިންގެ މައްޗަށް 1-2 އިން ކުރިހޯދައިގެންނެވެ.