2022 ވަނަ އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ގައުމުގެ ޝަރަފު ޔޫރަޕް ފުޓުބޯޅައިގެ ގަދަބާރެއް ކަމުގައިވާ ޖަރުމަނުން ހޯދައިފިއެވެ.

ޔޫރަޕް ކޮލިފިކޭޝަންގެ މެޗުތައް ކުޅެމުންދާއިރު ޖަރުމަނު މުބާރާތަށް ކޮލިފައިވީ އެގައުމަށް އަދި ކޮލިފިކޭޝަނުގައި ބާކީ ދެމެޗު އޮށްވައެވެ.

މި ޝަރަފު ޖަރުމަނުން ހޯދީ ހޯމަ ދުވަހުގެރޭ ނޯތު މެސަޑޯނިއާގެ މައްޗަށް 0-4 އިން ކުރިހޯދައިގެންނެވެ.

ނޯތު މެސަޑޯނިއާގެ ދަނޑުގައި ކުޅުނު މިމެޗު ޖަރުމަނުން ކާމިޔާބުކުރިއިރު އެޓީމުން ވަނީ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މުޅިމެޗުގެ 75 އިންސައްތަ ޕޮޒެޝަން އިންސައްތަ ޖަރުމަނުން ޑޮމިނޭޓު ކުރިއިރު މެޗުގައި އެޓީމުން ވަނީ ޖުމްލަ 24 ހަމަލާއެއް އުފައްދާފައެވެ.

މެޗުގައި ޖަރުމަނުން ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ދެވަނަ ހާފުގައެވެ. އެގޮތުން އެޓީމަށް ލީޑުނަގައިދިން ލަނޑު ދެވަނަ ހާފުގެ 5 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ކައި ހަވާޓްޒް އެވެ. އަދި ޖަރުމަނަށް ލީޑު ފުޅާކޮށްދިން ލަނޑު މިހާފުގެ 25 ވަނަ ވަނަ މިނެޓުގައި ޓިމޯ ވާނާ ކާމިޔާބު ކޮށްދިން އިރު އޭގެ ތިންމިނެޓުފަހުން އޭނާ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

މެޗުގައި ޖަރުމަނުން ޖެހި ފަހު ލަނޑު ކާމިޔާބު ކޮށްދިނީ ޖަމާލް މުސިއާލާ އެވެ. މިއީ މެޗުގެ ފުރިހަމަވަގުތު ހަމަވާން 7 މިނެޓަށްވެފައި ވަނިކޮށް އޭނާ ކާމިޔާބު ކުރި ލަނޑެކެވެ. އަދި މިއީ ޖަރުމަނުގެ ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑުވެސް މެއެވެ.

ބާކީ ދެމެޗު އޮއްވާ ޖަރުމަނު ވޯލްޑް ކަޕަށް ކޮލިފައިވިއިރު މިއީ އެގައުމުން މުބާރާތުގެ ޖާގައެއް ހޯދި 20 ވަނަ ފަހަރެވެ. ޖަރުމަނަކީ ދެވަނައަށް އެންމެ ގިނަފަހަރު ވޯލްޑް ކަޕަށް ކޮލިފައިވެފައިވާ ގައުމެވެ. އެންމެ ގިނަ ވޯލްޑްކަޕް ކުޅެފައިވާ ގައުމަކީ ބްރެޒިލް އެވެ. އެއީ 21 ފަހަރެވެ.

ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި މުބާރާތުގެ ކޮލިފިކޭޝަން މެޗުތައް ކުޅެމުން އަންނައިރު މުބާރާތް ތާވަލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހުން ފެށިގެން 18 ޑިސެމްބަރުގެ ނިޔަލަށެވެ. މިއީ އަރަބި ގައުމެއްގައި މި މުބާރާތް ކުޅޭ ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ.