މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ އީއާރްޕީ ސޮފްޓްވެއަރ އަޕްޑޭޓް ކޮށް އަމިއްލައަށް މިހާރު ކުރަންޖެހޭ ގިނަ މަސައްކަތް އޮޓޮމޭޓް ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށް އެކުންފުނިން ބުނެފިއެވެ.

އެމްޕީއެލުން ބުނީ އެ ކުންފުނިން މިހާތަނަށް ބޭނުން ކުރަމުން އައި އެންޓަޕްރައިޒް ރިސޯސް ޕްލޭނިންގް (އީއާރްޕީ) ސްފްޓްވެއަރ ގެ ބަދަލުގައި "އޮރަކަލް ފިއުޝަން ކްލައުޑު އެންޓަރ ޕްރައިސް ރިސޯސް ޕްލޭނިން" (އީއާރްޕީ) ސޮފްޓްވެއަރއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއާއެކު ކުންފުނިން ދެމުން ގެންދާ ގިނަ ހިދުމަތްތަކުގެ ސްޕީޑް އަވަސްވެ، ހަރަދުގެގޮތުން ކުންފުންޏަށް ލުއިތަކެއް ލިބިގެން ދާނެ ކަމަށެވެ.

ކުންފުނީގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ، އޮރަކަލަކީ ސޮފްޓްވެއަރ އުފެއްދުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ކުންފުންޏެއް ކަމަށާއި އޮރަކަލް އީއާރުޕީ ސިސްޓަމަކީ ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ވަރަށް ގިނަ ކުންފުނި ތަކަކުން ބޭނުންކުރަމުންދާ ސިސްޓަމެއް ކަމަށެވެ.

ޝާހިދު ވިދާޅުވީ މި ސިސްޓަމް ބޭނުންކުރަން ފެށުމުން މެނުއަލްކޮށް މިހާރު ދެމުން އަންނަ ގިނަ ހިދުމަތް ތައް އޮޓޮމޭޓްވެ ހިދުމަތުގެ ފެންވަރު ރަނގަޅުވެގެން އަންނާނެ ކަމަށެވެ.

އޮރަކަލްގެ އީއާރުޕީއާއި އެކު އެމްޕީއެލް ޒަމާނީ ވިޔަފާރީގެ މާހައުލަކަށް އެމްޕީއެލް ބަދަލުވެގެން ދާނެ ކަމަށް އެ ކުންފުނީގެ އައިޓީ ޑިޕާޓްމަންޓްގެ ހެޑް އާދަމް ޝިފާން ވިދާޅުވިއެވެ.

މި ޕްރޮގްރާމާ ގުޅޭގޮތުން އޮރަކަލްގެ ހެޑް އޮފް އެޕްލިކޭޝަން ސޭޖް (SAGE) އަހްމަދު ޝަރުވާރް ވިދާޅުވީ މިހާތަނަށް ބޭނުން ކުރަމުން ދިޔަ އިއާރުޕީ ސިސްޓަމް ބޭނުން ކުރަމުން ގެންދިޔައީ މެނުއަލް ކޮށް ކަމަށެވެ.

އަދި އެ ސޮފްޓްވެއަރ އަކީ މެއިންޓެއިން ކުރުމަށް އުނދަގޫ ސޮފްޓްވެއަރއެއް ކަމަށާ، ބަދަލެއް ގެންނަން ޖެހުނަސް އެމަސައްކަތް ކުރަން އުނދަގޫ ސޮފްޓްވެއަރއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އޮރަކަލް ކުންފުނީގެ ސޮފްޓްވެއާއި އެކު، ކޮންމެ 90 ދުވަހުން އާ ފީޗާސް ތައް ލިބޭނެކަމަށް އެމްޕީއެލް އިން ފާހަގަ ކުރައްވައެވެ.

އެމްޕީއެލްގެ ޚިދުމަތްތައް ޑިޖިޓަލްކޮށް، ޒަމާނީ ކުރުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ ލިބޭ އުފަލެއްކަން ޝަރުވާރުވަނީ ފާހަގަ ކުރައްވާފައެވެ.

ޕޯޓުތަކާއި އެކު މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވާ އޮރަކަލާއެކު، އޮރަކަލް ފިއުޝަން ކްލައުޑް އީއާރްޕީ ސިސްޓަމް ލައިވް ކުރެވޭނަ ކަމަށް ލަފާ ކުރެވެނީ 2022 ވަނަ އަހަރުގެ ކުރީ ކޮޅު ކަމަށްވެސް އެމްޕީއެލުން ބުނެއެވެ.