ސާފް ޗެމްޕިއަންޝިޕުގައި ބުދަ ދުވަހުގެރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗަށް ޓިކެޓު ވިއްކަން ފަށާފައިވާއިރު 18 ގަޑިއިރު ކިއުގައި ހުރެގެން ދިވެހި ޒުވާނަކު މިމެޗަށް ޓިކެޓު ގަނެފިއެވެ.

އަންގާރަ ދުވަހު ހެނދުނު ޓިކެޓު ގަންނަން ސޯޝަލް ސެންޓަރު ސަރަހައްދުގައި 18 ގަޑީރު ހޭދަކުރި ސަޕޯޓަރާއެކު މިނިސްޓަރ މަހްލޫފް- ފޮޓޯ:- ފޭސްބުކް

އެތައް ގަޑިއިރެއް ކުރިން ޓިކެޓު ގަތުމަށް ކިއު ނުހެދުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސް ކޮށްފައިވީނަމަވެސް ރާއްޖެ ޓީމަށް ސަޕޯޓުކުރުމަށް ބޭނުންވާ އެތައް ބަޔަކު ރެއިން ފަށައިގެން ސޯޝަލް ސެންޓަރ ސަރަހައްދުގައި ކިއު ހަދާފައިވާއިރު ބައެއް ފަރާތްތަކުން ކިއު އަށް އަރާފައިވަނީ ގިނައިރު އެތާ ތިބެވޭނެ އިންތިޒާމުތަކެއް އަމިއްލަ އަށް ހިފައިގެން ގޮހެވެ.

އަންގާރަ ދުވަހު ހެނދުނު ޓިކެޓު ގަންނަން ސޯޝަލް ސެންޓަރު ސަރަހައްދުގައި ތިބި ދިވެހި ސަޕޯޓަރުން- ފޮޓޯ:- ފޭސްބުކް

އެގޮތުން އެތަނުގައި އިށީނދެގެން ތިބުމަށް ނުވަތަ އޮށޯވެގެން އޮތުމަށް ބޭނުންވާނެ ގޮނޑި، ކުނާ އަދި އެހެން ސާމާނުތަކާއެކު ކިއުއަށް އަރާފައިވާއިރު ބައެއް ފަރާތްތަކުން ކިއުގައި ތިބޭއިރު މުނިފޫހި ފިލުވުމަށް ތާސްބައި ފަދަ އެކި ކުޅިވަރު ކުޅޭ ސާމާނުވެސް ގެންގޮސްފައިވެއެވެ.

އަންގާރަ ދުވަހު ހެނދުނު ޓިކެޓު ގަންނަން ސޯޝަލް ސެންޓަރު ސަރަހައްދުގައި ތިބި ދިވެހި ސަޕޯޓަރުން- ފޮޓޯ:- ފޭސްބުކް

ރާއްޖޭގެ ގައުމީ ޓީމު ގަލޮޅު ދަނޑުގައި މެޗެއް ކުޅޭނަމަ އެމެޗެއް ބެލުމަށް ދިވެހި ސަޕޯޓަރުންދޭ އަހަންމިއްޔަތާއި އެދައްކާ ނަމޫނާ އަކީ ހަމައެކަނި މިއަދަކު ނުވަތަ އިއްޔެއަކު ފެނިގެން ގޮސްފައިވާ ކަމެއް ނޫނެވެ. މީގެ އެތައް ޒަމާނެއް ކުރިންވެސް ކަން އޮތީ ހަމަ މިހެނެވެ.

އަންގާރަ ދުވަހު ހެނދުނު ޓިކެޓު ގަންނަން ސޯޝަލް ސެންޓަރު ސަރަހައްދުގައި ތިބި ދިވެހި ސަޕޯޓަރުން- ފޮޓޯ:- ފޭސްބުކް

ގަލޮޅު ދަނޑުގައި މުބާރާތަށް ޓިކެޓުވިއްކުން މީގެކުރިން ކުރިއަށް ދިޔަނަމަވެސް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސްގެ ބޮޑު ހިޔާނާތުގެ މައްސަލާގައި މަގާމުން އެކަހެރި ކޮށްފައި ހުންނެވުމަށްފަހު ހަތަރުމަހަށްފަހު ޔޫތް މިނިސްޓަރ އަހްމަދު މަހްލޫފްގެ ސަސްޕެންޝަން އުވާލުމާއެކު އެމަނިކުފާނު އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ޓިކެޓު ގަންނަން ބޭނުންވާ ފަރާތްތަކަށް އެކަން ކުރުމުގައި ލުއި ގޮތެއް ހަމަޖައްސަވައިދެއްވުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއިއެކު މަޝްވަރާ ކުރެއްވުމެވެ.

ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއިން ލަންކާ ބަލިކުރި މެޗަށްވެސް ޓިކެޓު ގަތުމަށް ސަޕޯޓަރުންނަށް ގޮންޖެހުން ތަކަކާއި ކުރިމަތިވެފައިވީއިރު އެމެޗުގައި ސަޕޯޓަރުންނަށް ވިއްކި ޓިކެޓުގެ އަދަދު މަދުކަމުންވެސް ގިނަބަޔަކު ވަނީ ޝަކުވާކޮށް އިހުތިޖާޖު ކޮށްފައެވެ.

މިހުރިހާ ކަމަކަށް ރިއާޔަތްކޮށް އެފްއޭއެމް އާއިއެކު ކުޅިވަރު ވަޒީރު މަޝްވަރާކޮށްފައިވާއިރު މިކަންކަމަށް މިހާރު ވަނީ ކޮންމެވެސް ވަރެއްގެ ހައްލެއް ގެނެސް ލުއިތަކެއް ގެނެސްދެއްވާފައެވެ.

އެގޮތުން ކުރިން ގަލޮޅު ދަނޑުގެ ދެ ކައުންޓަރުން ވިއްކަމުންދިޔަ ޓިކެޓުތައް މިމެޗަށް ވިއްކާނީ ސޯޝަލް ސެންޓަރުގައި އެޔަށްވުރެ ގިނަ ކައުންޓަރުތަކަކުންނެވެ. އަދި ކުރިން ސަޕޯޓަރުންނަށް 2700 ޓިކެޓުވިއްކުމަށް ނިންމިނަމަވެސް ފަހުން ވަނީ އިތުރު 1000 ޓިކެޓު ވިއްކާފައެވެ. މިމެޗަށް އެންމެ ފުރަތަމަވެސް ވިއްކަން ކަނޑައަޅާފައިވަނީ 3000 ޓިކެޓެވެ.

މީގެކުރިން މީހަކަށް 5 ޓިކެޓު ވިއްކަމުން ދިޔައިރު ކިއުގައި ޖެހޭ ގިނަ ފަރާތްތަކަކަށް ޓިކެޓު ވިއްކުމުގެ ބޭނުމުގައި ކޮންމެ މީހަކަށް ވިއްކުމަށް ނިންމާފައިވަނީ ދެ ޓިކެޓެވެ.

އަންގާރަ ދުވަހު ހެނދުނު ޓިކެޓު ގަންނަން ސޯޝަލް ސެންޓަރުގައި ތިބި ދިވެހި ސަޕޯޓަރުން- ފޮޓޯ:- ވީނިއުސް

މިއަދު ހެނދުނު 10:00 އިން ފެށިގެން 23:00 އާއި ހަމައަށް ޓިކެޓު ވިއްކުމަށް ނިންމާފައިވީނަމަވެސް ޓިކެޓު ވިއްކަން ފެށިތާ 3 ގަޑިއިރުގެ ތެރޭ ވިއްކަން ކަނޑައަޅާފައިވާ ހުރިހާ ޓިކެޓެއް ވަނީ ވިކި ހުސްވެފައެވެ.

ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭ 21:00 ގައެވެ. މިމެޗަކީ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަށް ދެޓީމަށްވެސް މޮޅުވުން މަޖުބޫރު މެޗެކެވެ.

މުބާރާތުގެ ފަހު މެޗުތައް ބުދަ ދުވަހު ކުޅޭއިރު ސްރީ ލަންކާ ނޫން އެހެން ހުރިހާ ޓީމަކަށްވެސް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 3 މެޗުން 6 ޕޮއިންޓާއެކު ނޭޕާލް އޮތްއިރު ދެވަނައިގައި ރާއްޖެވެސް އޮތީ މިއަދަދަށް ޕޮއިންޓު ހޯދައިގެންނެވެ. ރާއްޖެއަށް ފައިދާ ގޯލުގެ ތަފާތުން ނޭޕާލްގެ މައްޗަށް ކުރި ލިބުނު ކަމުގައިވީނަމަވެސް ނޭޕާލަަށް އެއްވަނަ ލިބެނީ މުބާރާތުގެ ގަވައިދުގާ ވާގޮތުން ހެޑް-ޓު-ހެޑް ނަތީޖާއަށް އިސްކަން ދޭތީއެވެ. ޕޮއިންޓް ތާވަލުގެ ތިންވަނައިގައި އިންޑިއާ އޮތީ ތިން މެޗުން 5 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި ބަންގްލަދޭޝް އޮތީ 4 ޕޮއިންޓާއެކުއެވެ.