އިސްލާމިކް ސްޓޭޓް (އައިސިސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރުކަމަށް ދައުލަތުން ތުހުމަތުކުރާ ޏ. ފުވައްމުލަކު މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީން ހައްޔަރުކޮށްފިއެވެ.

އަމީން ހައްޔަރުކޮށްފައި މިވަނީ ހައިކޯޓުން އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތައް ބާތިލްކޮށް އޭނާ މިނިވަންކުރުމަށް މީގެކުރިން ހުކުމްކޮށްފައިވަނިކޮށެވެ.

ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމްކޯޓުން ވަނީ ހައިކޯޓުގެ ނިންމުން ބާތިލުކޮށްފައެވެ.

އެއަށްފަހު ދައުލަތުން އަމީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގައި އެދުމުން، ކޯޓުން ވަނީ ދައުލަތުގެ އެދުމާ އެއްގޮތަށް 30 ދުވަހުގެ މުއްދަތަކަށް އޭނާ ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި އަމަރުގެ ދަށުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައެވެ.

އަމީން އެންމެ ފުރަތަމަ ހައްޔަރުކުރީ މީގެ ދެ އަހަރު ކުރިންނެވެ.

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިސްޓު ޖަމާއަތެއްގައި ބައިވެރިވުމާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ކުށުގެ ދައުވާއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެތެރޭގައި އަމީންގެ ބަންދު މުރާޖައާކުރަން ހުށަހެޅުމުން އެކަށީގެންވާ ބޭސްފަރުވާ އޭނާއަށް ލިބެން ނެތް ކަމަށްބުނެ ގޭބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން ނިންމާފައިވެއެވެ.

ނަމަވެސް އެހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ އަމީން ގޭބަންދަށް ބަދަލުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި އެއަމުރު ބާތިލްކޮށްފައެވެ.