މާލެ، ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބޮޑު ތަރައްގީގެ މަޝްރޫއު ހުއްޓުވުމަށް އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ޝަރީއަތަށް ފޮނުވައިފިއެވެ.

މިނިސްޓްރީ އޮފް ޕްލޭނިންގ، ހައުސިން، އެންޑް އިންފްރާސްޓްރަކްޗަރ އާއި، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަދި އެންވަޔަރަމެންޓް މިނިސްޓްރީއާ ދެކޮޅަށް މައްސަލަ ހުށަހަޅާފައިވަނީ ތިމާވެށީގެ އެކި ކަންކަމާ ގުޅިގެން މަސައްކަތްކުރާ އެންވަޔަރަމެންޓަލް އެކްޓިވިސްޓެއް ކަމުގައިވާ ހުމައިދާ ޢަބްދުލްޣަފޫރެވެ.

ޝަރީއަތް ފެށުމުގެ ކުރިން ބާއްވާ މަރުހަލާ ނުވަތަ ޑިސްޕިއުޓް މަރުހަލާގައި ތިން އަޑުއެހުމެއް ކުރިއަށް ގެންގޮސްފައިވާއިރު، ފުރަތަމަ އަޑުއެއެހުމުގައި މައްސަލައާ ގުޅޭ ލިޔެކުޔުންތައް ދިރާސާކުރުމަށް ސިވިލް ކޯޓުން ދައުލަތަށް މުހުލަތު ދީފައިވެއެވެ. ދެވަނަ ދައުލަތުން ހާޒިރުވެފައިވަނީ ލިޔެކިޔުންތައް ދިރާސާ ނުކޮށެވެ.

މިއަދު ކުރިއަށް ދިޔަ ތިންވަނަ އަޑުއެހުމުގައި، ދައުލަތުން ބުނެފައިވަނީ ޝަރީއަތުން ބޭރުގައި މި މައްސަލާގައި ގޮތެއް ނިންމެން ނެތް ކަމަށާއި، އެހެންކަމުން ޝަރީއަތުގެ މަރުހަލާއަށް މައްސަލަ ގެންދަން އެދޭކަމަށެވެ.

އަދި މައްސަލަ ހުށަހެޅި ފަރާތުންވެސް ދައުލަތުގެ އެދުމަށް ތާއީދުކޮށްފައިވާތީ، ކޯޓުން ވަނީ ދެފަރާތުގެ އެދުމުގެ މަތީން ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާ ނިންމާލާފައެވެ.

މައްސަލައިގެ ޝަރީއަތް ފެށޭނެ ވަކި ދުވަހެއް ކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި މަޝްރޫއުގެ ދަށުން މާލެ، ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލުމަށް ޖުމްލަ ތިން ބްރިޖް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މިމަޝްރޫއުގެ އަމަލީ މަސައްކަތްކުރުމަށް އިންޑިޔާގެ އެފްކޯންސް ކޮންސްޓްރަކްޝަނާއެކު ދިވެހި ސަރުކާރުން ވަނީ މިދިޔަ އޮގަސްޓް މަހު ސޮއިކޮށްފައެވެ.