ތަފާތު ބަލިތަކުގެ ސަބަބުންނާއި އެހެން ހާލަތްތަކުގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ރެކޮމެންޑް ކޮށްފިއެވެ.

މިކަމަށް ރެކޮމެންޑް ކޮށްފައިވަނީ ޑަބްލިޔޫއެޗްއޯގެ އިމިއުނައިޒޭޝަންއާބެހޭ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓުން މިދިޔަ ހަފްތާގައި ބޭއްވި ފަސްދުވަހުގެ މަޝްވަރާތަކަށް ފަހުގައެވެ.

މަޝްވަރާތަކަށްފަހު ޖެނީވާއި ބޭއްވި ޕްރެސް ކޮންފަރެންސްގައި، ވެކްސިން ޖެހުމުގައި އަމަލުކުރަން އެ ގްރޫޕަށް ފެންނަ ރެކޮމެންޑޭޝަންތައްވަނީ ހާމަކޮށްފައެވެ.

މި ގްރޫޕުން ރެކޮމެންޑް ކޮށްފައިވަނީ، ތަފާތު އެހެން ބަލިތަކާއި ހާލަތްތަކުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށިމީހުންނަށް މިހާރު ދެމުން އަންނަ ދެ ޑޯޒްގެ އިތުރުން، އިތުރު ވެކްސިން ޑޯޒެއް ޖެހުމަށް ފެންނަ ކަމަށެވެ.

ދިފާއީ ނިޒާމު ބަލިކަށިވެފައި ތިބޭ މީހުންނަށް ތިންވަނަ ޑޯޒެއް ޖަހަން ޖެހެނީ، އެފަދަ މީހުން ވެކްސިންގެ އަސަރު ކުރާލެއް ކުޑަވުމާއި، ކޮވިޑްބަލި ޖެހިއްޖެނަމަ ބަލީގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިއުމުގެ ރިސްކު ބޮޑުވުމުން ކަމަށް ބުނެފައި ވެއެވެ.

ޕްރެސް ކޮންފަރެންސްގައި ޑަބްލިޔޫއެޗްއޯގެ ވެކްސިން ޑިރެކްޓަރ ކެތަރިން އޯބްރިއަން ވިދާޅުވީ، އެކްސްޕާޓުން ރެކޮމެންޑްކުރަނީ މިހާރު ޖަހާ ދެޑޯޒްގެ އިތުރުން އެފަދަ މީހުންނަށް ތިންވަނަ ޑޯޒެއް ޖެހުމަށް ކަމަށެވެ.

އެހެން ނަމަވެސް، ތިންވަނަ ޑޯޒެއް ޖަހަންވާނީ، އެފަދަ ބަލިމީހުންގެ ދިފާއީ ނިޒާމުގެ މަސައްކަތް ރަނގަޅަށް ބަލައި ވަޒަންކޮށް އަދި ބަލީގެ ހާލަތަށް ބެލުމަށް ފަހުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޑަބްލިޔޫއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓުންވަނީ، ޗައިނާގެ ސިނޮފާރމާއި، ސިނޮވެކުން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ އިތުރު ޑޯޒެއް، އުމުރުން 60 އަހަރުން މަތީގެ މީހުންނަށް ޖެހުމަށްވެސް ރެކޮމެންޑް ކޮށްފައެވެ.

އެގޮތުން، ރެކޮމެންޑް ކޮށްފައިވަނީ މިހާރު ޖަހާ ދެޑޯޒް ފުރިހަމަވުމުން، އޭގެ މަހެއް ނުވަތަ ތިންމަސް ފަހުން ތިންވަނަ ޑޯޒެއް ޖެހުމަށެވެ.

މިގޮތަށް ރެކޮމެންޑް ކޮށްފައިވަނީ، ލެޓިން އެމެރިކާގައި ހެދި ދިރާސާތަކުން، ދުވަސް ވާވަރަކަށް، އުމުރުން ދުވަސްވީ މީހުންނަށް އެދެ ވެކްސިނުން ލިބިދޭ ރައްކާތެރިކަން ކުޑަވާކަން ހާމަކުވުމާ ގުޅިގެންނެވެ.

ސިނޮފާރމާއި، ސިނޮވެކް ވެކްސިންގެ ދެޑޯޒް ޖެހުމަށްފަހު، އުމުރުން ދުވަސްވީ މީހުންނަށް ލިބިދޭ ރައްކާތެރިކަން ކުޑަވާކަން ވަރަށް ސާފުކޮށް ޑޭޓާތަކުން ހާމަވާކަމަށް، ޑަބްލިޔޫއެޗްއޯ އެކްސްޕާޓުންގެ ޕެނަލްގެ ސެކްރެޓަރީ ޖޯޝިމް ހޮމްބަކް، ޕްރެސް ކޮންފަރެންސްގައި ވިދާޅުވިއެވެ.

"ތިންވަނަ ޑޯޒެއް ނުވަތަ ޓޫ ޕްލަސް ވަން ޝެޑިއުލްއަކަށް ދިއުމަކީ ދިފާއު ވަރުގަދަ ކޮށްދޭ ކަމެއްކަންވެސް އަޅުގަނޑުމެންނަށް އެނގޭ. އެކަމުން އަޅުގަނޑުމެން އުންމީދުކުރަނީ އިތުރު ރައްކާތެރިކަމަށް"
ޖޯޝިމް ހޮމްބަކް

ޑަބްލިޔޫއެޗްއޯގެ ސްޓްރެޓީޖިކް އެޑްވައިޒަރީ ގްރޫޕް އޮފް އެކްސްޕާޓްސްއަކީ، މުޅިން މިނިވަންގޮތެއްގައި މަސައްކަތްކުރާ އިމިއުނައިޒޭޝަންއާބެހޭ ޚާއްސަ ތަޖުރިބާކާރުން ހިމެނޭ ގްރޫޕެކެވެ. މި ގްރޫޕަކީ ޑަބްލިޔޫއެޗްއޯއަށް ލަފާދޭ ގްރޫޕެވެ.

މި ގްރޫޕުން މިހާރު ތައްޔާރުވަމުންދަނީ، އެކި ގައުމުތަކުގައި ޖަހަމުންގެންދާ ބޫސްޓަރ ޑޯޒްގެ ހުރިހާ ޑޭޓާތައް ރިވިއުކުރުމަށެވެ.

މިވަގުތު ބޫސްޓަރ ޑޯޒް ޖަހަން ނުފެންނަ ކަމަށް ޑަބްލިޔޫއެޗްއޯއިން ބުނި ނަމަވެސް، ބައެއް ގައުމުތަކުގައި ދޮށީ އުމުރުގެ މީހުންނަށާއި، ވަކި ކަހަލަ ބަލިތަކުގައި ތިބޭ މީހުންނަށްވަނީ ބޫސްޓަރ ޑޯޒް ޖަހަން ފަށާފައެވެ.