ސާފް ޗެމްޕިއަންޝިޕުގައި ދިވެހި ގައުމީ ޓީމުން ކާމިޔާބީ ހޯދާނެކަމަށް ދިވެހި ސަޕޯޓަރުން އެކުރާ އިތުބާރަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްކަމަށް ގައުމީ ޓީމުގެ ކޯޗް އަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.

އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ފައިނަލުގެ ކުރިން ކުޅޭ އެންމެ ފަހު މެޗުގައި އިންޑިއާ އާއި ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޒެއިން ވިދާޅުވީ، ސާފް ޗެމްޕިއަންޝިޕަކީ އަބަދުވެސް ރާއްޖޭގެ ގައުމީ ޓީމަށް ޕްރެޝަރ ކުރިމަތިކުރުވާ މުބާރާތެއް ކަމަށެވެ.

ސުޒެއިން ވިދާޅުވީ 1987 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލްގައި ރާއްޖެ ކުޅުނުފަހުން، ދިވެހި ރައްޔިތުން މި މުބާރާތުގައި ރާއްޖޭގެ ޓީމު ދާންޖެހޭ ވަކި ހިސާބެއް ކަނޑައަޅާފައިވާ ކަމަށާއި އެ 'އެކްސްޕެކްޓޭޝަން' އާއި އެއްވަރަށް ކުޅެންޖެހުން އެއީ އޮންނަ ޕްރެޝަރެއް ކަމަށެވެ. ހާއްސަކޮށް 2008 ވަނަ އަހަރު މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ގައުމީ ޓީމުން އުފުލާލިފަހުން، ޗެމްޕިއަންކަން ނޫން އެހެން އެއްވެސް މަގާމެއް ދިވެހިން ބޭނުން ނުވާކަން ސުޒެއިން ފާހަގަކުރެއްވިއެވެ.

އެހެންކަމުން އެއީ ޕްރެޝަރ އެއް ކަމަށާއި އެހެންނަމަވެސް އެއީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިންހަމަޖެހުމެއްގެ ގޮތުގައި ސުޒެއިން ވަނީ ސިފަކުރައްވާފައެވެ.

މިއީ ހިތްހަމަޖެހުމެއްކަމަށް ގަބޫލުކުރައްވަނީ ގައުމީ ޓީމަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރެވޭނެ ގާބިލްކަން ހުރިކަމަށް ދިވެހި ސަޕޯޓަރުން ގަބޫލުކުރާ ކަމުގެ އިހުސާސް ކުރެވުންކަމަށް ސުޒެއިން ވިދާޅުވިއެވެ.

"ސާފް ޗެމްޕިއަންޝިޕަކީ އަބަދުވެސް ޕްރެޝަރ އެއް. ސާފް ޗެމްޕިއަންޝިޕުގަ 1978 ގަ ފައިނަލް ކުޅުނު ހިސާބުން ރާއްޖޭގެ ރައްޔިތުން ގަބޫލުކުރާ ނުވަތަ ބޭނުންވާ ކަންތައްތަކެއް އެބައޮތް. ދެން 2008 ވަނަ އަހަރު އެންމެފުރަތަމަ ރާއްޖެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ހިސާބުން، ކޮންމެ ސާފް ޗެމްޕިއަންޝިޕެއްގަވެސް ދިވެހިންގެ އުންމީދުތައް މިހާރު ގުޅިފައިވަނީ ތަށްޓާ. އެހެންވީމަ އެއީ ޕްރެޝަރ އެއް. އެހެންންމަވެސް އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ހިތްހަމަޖެހުމަކަށް ވަނީ އަޅުގަނޑުމެންގެ ޓީމަށް އިތުބާރުކޮށް، އަޅުގަނޑުމެންގެ 12 ވަނަ ކުޅުންތެރިޔާ އެބަ ގަބޫލުކުރޭ އަޅުގަނޑުމެންގެ ކުޅުންތެރިން މިކަން ކުރާނެކަން. އެހެންވެގެން އެގޮތަށް އެވާހަކަ ދައްކަނީވެސް. އެހެންވީމަ އަޅުގަނޑުމެން އެ ޕްރެޝަރ ނަގާނީ ވަރަށް ޕޮޒިޓިވްކޮށް".
ގައުމީ ޓީމުގެ ކޯޗް އަލީ ސުޒެއިން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ރައުންޑް-ރޮބިން އުސޫލުން ކުރިއަށްދާއިރު ރާއްޖެއަށް މާދަމާ ރޭގެ މެޗަކީ ފައިނަލުން ޖާގައެއް ހޯދުމަށް މަދުވެގެން ޕޮއިންޓެއް ހޯދުން މަޖުބޫރު މެޗެކެވެ. މިހާރު ޕޮއިންޓު ތާވަލު އޮތްގޮތުން 3 މެޗުން 6 ޕޮއިންޓާއެކު ނޭޕާލް އެއްވަނައިގައި އޮތްއިރު ދެވަނައިގައި ރާއްޖެ އޮތީވެސް ހަމަ މިއަދަދަށް ޕޮއިންޓު ހޯދައިގެންނެވެ. އެހެންނަމެސް ނޭޕާލަށް ކުރިލިބެނީ ހެޑް-ޓު-ހެޑް އުސޫލުގެ ސަބަބުންނެވެ. ތިންވަނައިގައި އެއް ޕޮއިންޓު މަދުންލިބި އިންޑިއާ އޮތްއިރު ހަތަރުވަނައިގައި ބަންގްލަދޭޝް އޮތީ 4 ޕޮއިންޓާއެކުއެވެ.

މާދަމާ ކުޅޭ މެޗުތަކަކީ މިހާރު އޮތްގޮތުންނަމަ ގާތްގަނޑަކަށް ސެމީ ފައިނަލް މެޗުތަކެވެ. ވާދަވެރި ކުޅުމެއް ފެނިގެންދާނެ މިމެޗުތަކުގެ ތެރެއިން ހަވީރު ކުޅޭނީ ބަންގްލަދޭޝް އާއި ނޭޕާލްގެ މެޗެވެ. އަދި ރާއްޖެ އާއި އިންޑިއާގެ ކުރިމަތިލުން ފެނިގެންދާނެ މެޗު ފަށާނީ މާދަމާރޭ 21:00 ގައެވެ.