ސާފް ޗެމްޕިއަންޝިޕުގައި ބުދަ ދުވަހުގެރޭ އިންޑިއާ އާއި ދެކޮޅަށް ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ނުކުންނާނީ ކެރިގެން ކަމަށާއި، މާތް ﷲ ގެ އިރާދަފުޅުން އެމެޗުގައި ކާމިޔާބު ހޯދާނެކަމަށް ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) ބުނެފިއެވެ.

ރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗުތަކުގައި އަބަދުވެސް ދިވެހި ސަޕޯޓަރުން ދަނޑު ފުރާލާއިރު، ސާފް ޗެމްޕިއަންޝިޕުގެ މެޗުތަކުގައިވެސް މަންޒަރު ފެންނަނީ ހަމަ މިފަދައިންނެވެ.

އެހެންނަމަވެސް 5000 މީހުންގެ ޖާގައިގެ ގަލޮޅު ދަނޑަށް، ބޭނުންވާވަރަށް ސަޕޯޓަރުންނަށް ނުވަދެވި ގިނަބަޔަކު ޝަކުވާ ކުރަމުންދާ މިދަނޑިވަޅުގައި، މާލޭ ސިޓީ ކައުންސިލްގެ ފަރާތުންނާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުގެ ފަރާތުން ވަނީ ދަނޑުން ބޭރުގައި ގިނަބަޔަކަށް އެއްކޮށްތިބެ މެޗު ބެލުމުގެ ފުރުސަތު ފަހިކޮށްދީ ކާނިވަލް ސަރަހައްދުގައި ބޮޑު ސްކްރީން އެޅުވުމަށް ނިންމާފައެވެ.

ދަނޑުން ބޭރުގައި ތިބެވެސް ގައުމީ ޓީމަށް ހިތްވަރުދޭ ސަޕޯޓަރުންގެ އަޑު އިވޭކަމާއި ހުރިހާ ދިވެހިންގެ ހެޔޮ ދުޢާގެ އަސަރު ކުރާކަން ހާމަކޮށް، މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އަކޫ ބުނީ، ދަނޑަށް ސަޕޯޓަރުންނަށް ނުވަދެވުނަސް ހުރިހާ ރައްޔިތުންވެސް ހެޔޮހިތުން ދިވެހި ޓީމަށް ކާމިޔާބީއެއް އެދޭކަން ގަބޫލުކުރާ ކަމަށެވެ. އަދި އެގޮތުގައި ދިވެހި ސަޕޯޓަރުން ތިބޭނަމަ، މި މުބާރާތުގެ ތަށި ނުނެގެންވީ އެއްވެސް ސަބަބެއް ނެތް ކަމަށްވެސް އަކޫ ބުންޏެވެ.

އަދި ދަނޑަށް ނުވަދެވެސް ސަޕޯޓަރުން ސަޕޯޓު ކޮށްދިނުމަށް އެދޭ ކަމަށާއި، ހެޔޮ ދުޢާ ކޮށްދިނުމަށް އެދޭކަމަށް އަދި އެ ދުޢާގެ ނަތީޖާ މާދަމާރޭގެ މެޗުގައިވެސް އަދި އެއަށްފަހު ފައިނަލުގައިވެސް ފެންނާނެކަމަށް އަކޫ ބުންޏެވެ.

އަދި ގައުމީ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ނުކުންނާނީ ގައުމުގެ ހައްގުގައި، މޭ ފުޅާކޮށްލައިގެން، ކެރިގެން ކަމަށާއި މާތް ﷲ ގެ އިރާދަފުޅުން މުބާރާތް ކާމިޔާބުކުރާނެ ކަމަށްބުނެ އަކޫ ވަނީ ދިވެހިންގެ ހެޔޮ ދުޢާ އަށް އެދިފައެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގަހަމަ، ހުރިހާ ބޭފުޅުންވެސް ހެޔޮހިތުން ހަމަ އަޅުގަނޑުމެންނަށް ކާމިޔާބީއަށް އެދޭކަމަށް އަޅުގަނޑުމެން ގަބޫލުކުރަން. އެގޮތުގަ ތިބިއްޔާ މިތަށި އަޅުގަނޑުމެންނަށް ނުނެގޭނެ އެއްވެސް ގޮތެއް ނެތް. ބޮޑު ސްކްރީން ދޮށުގަވެސް، ރަށުގަވެސް ނުވަތަ ގޭގަވެސް އަޅުގަނޑުމެންނަށް ސަޕޯޓުކޮށްދެއްވާ، އަޅުގަނޑުމެންނަށް ހެޔޮ ދުއާ ކޮށްދީ. އެ ދުޢާގެ ނަތީޖާ އިންޝާﷲ އަޅުގަނޑުމެންނަށް މާދަމާ އަދި ދެން އަންނަ ފައިނަލް މެޗުގައިވެސް ފެނިގެންދާނެ. އަޅުގަނޑުމެން ނުކުންނާ ގައުމުގެ ހައްގުގަ، މޭ ފުޅާކޮށްލާފަ ކެރިގެން މި ނުކުންނަނީ، އިންޝާﷲ މިކަން ކާމިޔާބުކުރާނަން".
ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ

ގައުމީ ޓީމުން ސާފް ޗެމްޕިއަންޝިޕް ދެފަހަރަށް ކާމިޔާބު ކުރިއިރުވެސް ޓީމުގައި ހިމެނިފައިވާ އަދި 2018 ވަނަ އަހަރު ޗެމްޕިއަންކަން ހޯދި ޓީމުގެ ކެޕްޓަންކަންވެސް ކޮށްފައިވާ އަކޫ މިފަހަރުވެސް ކެޕްޓަންކަމުގެ ބުރަ ޒިންމާ އާއި ހަވާލުވެ ހުރެ ދަނީ ދަނޑުމަތީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ.

އަކޫގެ ލީޑަރޝިޕްގެ ދަށުން ގައުމީ ޓީމުން މިހާތަނަށް މި މުބާރާތުގައި ތިންމެޗު ކުޅެފައިވާއިރު ބައިކޮޅަށް ވަނީ އެންމެ ލަނޑެކެވެ. ރާއްޖެ ޓީމުގެ ޑިފެންސްލައިނުން މުބާރާތުގައި ދައްކަމުންދާ ސާބިތުކަމަށް ގިނަބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.

ރާއްޖެއިން މުބާރާތުގެ ފައިނަލަށް ދަތުރުކުރުމަށްޓަކައި ގިރާކުރަންޖެހޭ އޮޅި ކަމުގައިވާ އިންޑިއާ މެޗަށް ދަނޑަށް ވަނުމަށް ސަޕޯޓަރުންނަށް ވިއްކަން ހަމަޖެހިފައިވާ 3000 ޓިކެޓު ވަނީ ވިކި ހުސްވެފައެވެ.

މެޗު ބެލުމަށް ދަނޑަށް ނުވަދެވޭ ފަރާތްތަކަށް އެއްތަނެއްގައި ގިނަބަޔަކު ތިބެ މެޗު ބެލޭނެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ފުރުސަތު ތަނަވަސްކޮށްދީފައެވެ.