ތަފާތުވާނެކަމަށް ބުނި 19 ވަނަ މަޖިލިސް އެއްވެސް ތަފާތެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެމްބަރު ޝިޔާމް މިފަދައިން ވިދާޅުވީ، ހިއުމަން ރައިޓްސް ކޮމިޝަންގެ މުވައްޒަފުންގެ އިންސާނީ ކަރާމާތާއި ހައްގުތައް ރައްކާތެރިކޮށްދިނުމަށް ގޮވާލާ ހުށައެޅި މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން އެކަމާ ނުރުހުން ފާޅުކުރައްވަމުންނެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރެވެ.

މައްސަލަ ހުށައަޅުއްވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، އެޗްއާރުސީއެމްގެ ބައެއް މެމްބަރުންނާއި ބައެއް އިސްވެރިން އެމުއައްސަސާގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް، ވަޒީފާއިން ކަނޑާލާނެކަމުގެ ބިރު ދައްކާކަމަށާއި، އެމުވައްޒަފުން މަސައްކަތްކުރާ މާހައުލުގައި ބިރުވެރިކަން އުފެދިފައިވާކަމަށެވެ.

މުޒައްޒަފުންނަށް ކުރިމަތިވާ 84 މައްސަލައެއް ފާހަގަކުރެވި މިކަންކަމުގެ ހިތްހަމަނުޖެހުން މުވައްޒަފުން ފާޅުކުރަން ފެށުމުން މުވައްޒަފުންނަށް ކުރިއަށްވުރެވެސް ބޮޑަށް އިހާނެތިކޮށް ހިތުމާއި ބުލީކުރުމާއި ފުރައްސާރަކުރުން އިތުރުވެގެންދިޔުމުން އެތަށް މުވައްޒަފުން ވަޒީފާއިން ކެނޑިގެން ގޮސްފައިވާކަމަށްވެސް މެމްބަރު ވަނީ ވިދާޅުވެފައެވެ.

މެމްބަރު އާދަމް ޝަރީފް މި މައްސަލަ ހުށައެޅުއްވީ، މެމްބަރުންނާއި މުވައްޒަފުންނާއި ދެމެދު ޒާތީ މައްސަލަތައް އުފެދި މެމްބަރުންނާއި މުއައްސަސާގެ ޒިންމާ އަދާނުކުރެވޭ ހިސާބަށް، ހިއުމަން ރައިޓްސް ކޮމިޝަން ބޮއްސުންލާފައިވާތީ މުވައްޒަފުންނާއި މެމްބަރުންނާއި ދެމެދު ހިނގާ މައްސަލަތައް ބަލައި އެމުވައްޒަފުންނަށް މަސައްކަތްކުރެވޭނެ ދުޅަހެޔޮ މާހައުލެއް ގާއިމްކޮށްދިނުމާއި މުވައްޒަފުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް ގޮވާލައެވެ.

މި މައްސަލަ މަޖިލީހުން ބޭރުކޮށްލުމުން ހިތްހަމަނުޖެހުން ފާޅުކުރައްވާ މެމްބަރު ޝިޔާމް ވިދާޅުވީ އެޗްއާރުސީއެމްއާ ދެކޮޅަށް ހުށައެޅި މައްސަލަ ބޭރުކޮށްލުމުން ވަރަށް ހިތާމަކުރައްވާކަމަށެވެ. އެޗްއާރުސީއެމްގެ މުވައްޒަފުން ބިއުވެރިކަމެއްގައި ތިބިއިރު، އެމައްސަލަ މަޖިލހަށް ހުށައެޅުމުން، މައްސަލަ ބަލައިންގަންނާނެ ހިތްވަރުވެސް މަޖިލީހުގައި ނެތްކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެ މުއައްސަސާގެ ވާހަކަ މިދިޔަ ދެހަފްތާގެ ތެރޭގައި ނޫސްތަކުން ރިޕޯޓްކުރިކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ، ނޫސްވެރިން އެ މައުލޫމާތު ހޯދާތީ، އެވްއާރުސީއެމްއިން މަސައްކަތްކުރަނީ ނޫސްވެރިންނާވެސް ދެކޮޅު ހެދުމަށްކަމަށެވެ. އެހެންނަމަވެސް މިއީ ނޫސްވެރިންނަށް، ނޫސްވެރިން ބޭނުންވާ ޖާގަ ދޭނެކަމަށް ބުމެ އައި ސަރުކާރުކަަމަށާއި، މިއަދު ނޫސްވެރިންނަށް އެޗްއާރުސީއެމްއަށް ސުވާލެއްވެސް ކޮށްނުލެވޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ގާނޫނުތައް ހައްލުވަނީ ގާނޫނުތަކަށް ގެންނަ އިސްލާހާއި، ގާނޫނަށް އިތުރުކުރާ ބަޔަކުން ނޫންކަމަށެވެ. ކަންކަން ހައްލުކުރެވޭނީ ވުޒާރާތަކާއި މުއައްސަސާތައް ހޭލައްވައިގެންކަމަށެވެ. މަޖިލީހަކީ މިދަފަ ކަންކަން ހައްލުކުރުމަށް އެންމެ ބޮޑު ރޯލެއް އަދާކުރަންޖެހޭ ތަންކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ.

އެހެންކަމުން ވުޒާރާތަކާއި، ވަޒީރުން ހޭލައްވަން މަޖިލީހުން ރަނގަޅު މަސައްކަތްތަކެއްކުރަން ޖެހޭކަމަށެވެ.

19 ވަނަ ރައްޔިޔުންގެ މަޖިލިސް ތަފާތުވާނެކަމަށްބުނެ، އައި މަޖިލީގެ ތަފާތުކަމެއް ނުފެންނަކަަމަށް ޝިޔާމް ވިދާޅުވިއެވެ.

"ސަރުކާރު ހިތްހަމަ ޖެހޭ ކަންކަމެއް ނޫން މިތަކުން ކުރާނީކީ. އަޅުގަނޑުމެން އެބަޖެހޭ ސަރުކާރު ހިތްހަމަ ނުޖެހުނަސް މިކަހަލަ ކަންކަމާ ދެކޮޅަށް ތެދުވަން އިއްޒަތްތެރި ރައީސް. ރައްޔިތުން އެމްޑީޕީގެ 65 މެމްބަރުން މިތާ ބައިތިއްބާފައި މިތިބީ ސަރުކާރަށް ސަނާ ކިޔާކަށް ނޫން. އަޅުގަނޑުމެންނަށް މިއަޑުއިވެނީ އެކި އެކި މެމްބަރުން، މިވެނި ވަޒީރަކަށް ތާއީދެއް ނެތޭ ބުނާ އަޑު. އަޅުކަނޑުމެންނަށް އަމަލުން އެކަންތައްތައް ދައްކާތަނެއް ނުފެނޭ"
ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް

މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި މައްސަލަ ބަލައިގަތުމާ ގުޅޭ ގޮތުން ވޯޓަށް އެހުމުން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 40 މެންބަރުންގެ ތެރެއިން ވޯޓު ދެއްވީ 4 މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 36 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.