ބްރިޖް ވިއު ޕްލެޓްފޯމް ސަރަހައްދުގައި ހިންގަމުން ދިޔަ ނިއުޕޯޓް ވިއު ރެސްޓޯރަންޓް ހުސްކޮށް، އެ ބިން ދައުލަތާ ހަވާލުކުރަން ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފިއެވެ.

ހައި ކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފީ އަޑުއެހުމުގައި، ކޯޓުން ނިންމާފައިވަނީ އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށްކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވާ ކަނޑައެޅުމާއި އެނިންމުން ބިނާކުރި ސަބަބުތައް ސައްހަ ނޫންކަމަށް ބަލަންޖެހޭ ސަބަބެއް ސްޓްރާޑާގެ ފަރާތުން ހުށަހަޅާފައި ނުވާކަމަށެވެ.

ސިނަމާލޭގެ ބްރިޖުގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް އާއްމުންނަށް ދެއްކުމަށް ފްލެޓުފޯމަކާއެކު، ކާ އެއްޗެހި ވިއްކާތަނެއް ހަދައި، ނިއުޕޯޓް ހިންގާ ސްޓްރާޑާ ކުންފުންޏާއެކު އޭރުގެ ޕްލޭނިން މިނިސްޓްރީން ތިން އަހަރުގެ މުއްދަތަކަށް ސޮއިކުރިއެވެ.

ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާއިން ކުލި ދައްކަމުންނުދާތީ، އެއްބަސްވުން ބާޠިލްކޮށް، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 2019 ވަނަ އަހަރުގެ ފެބްރުއަރީ 27 އާއި ހަމައަށް އެ ބިމުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ 1،149،271 ރުފިޔާ ހޯދުމަށާއި ބިން ހުސްކުރުމުގެ އަމުރަކަށް އެދި ދައުލަތުން ވަނީ ސްޓްރާޑާ އާ ދެކޮޅަށް ސިވްލް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

އެ މައްސަލައިގެ ދަށުން، 15 ދުވަހުގެ ތެރޭގައި އެ ބިން ހުސްކޮށް ދައުލަތާއި ހަވާލުކުރުމަށާއި، 1،149،271 ރުފިޔާއާއި އެކު، އެބިން ހަވާލުކުރާ ދުވަހާ ހަމައަށް މިސްލީ ބަދަލެއްގެ ގޮތުގައި އިތުރަށް އަރަމުންދާ ކުއްޔާއި ޖޫރިމަނާގެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކުރިއެވެ.

މި މައްސަލަ އިސްތިއުނާފް ކުރަމުން ސްޓްރާޑާއިން ހުށަހަޅާފައިވަނީ އެންމެ އިސްތިއުނާފީ ނުގުތާއެކެވެ. އެއީ ސްޓްރާޑާއިން ބުނީ އެކުންފުންޏަށް ކުއްޔަށްދޫކޮށްފައިވާ ބިމުގައި ހިންގަމުންދިޔަ "ޗާޓައިމް" ހުރި ބިން ދައުލަތަށް ނެގުމުން، ބަދަލުގެ ގޮތުގައި ދައުލަތުން އެކުންފުންޏަށް ދައްކަންޖެހިފައި އޮތް އަދަދު އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާއަށްވުރެ ބޮޑުކަމަށާއި، އެހެންކަމުން ސްޓްރާޑާއިން ކުލި ނުދައްކާކަމުގައި ބުނެ އެއްބަސްވުން ބާތިލްކޮށް ތަން ހުސްކުރުމަށް އެންގި އެންގުން ރަނގަޅު ނޫންކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ހައި ކޯޓުގެ ނިންމުމުގައި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފައިވާ ބިމުން ބައެއް ދައުލަތަށް ނަގާފައިވަނީ އެ ކުންފުނީގެ ރުހުން އޮވެގެންކަމާއި، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށްދީފައިވާ ބިމުން ދައުލަތުގެ ބޭނުމަށް ނެގުނު ބިމުގައި ހުރި އެ ކުންފުނިން ހިންގަމުންދިޔަ ފިނިބުއިން ވިއްކާތަން "ޗާޓައިމް" އެހެން ތަނެއްގައި ހެދުމަށް ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށް އިސްލާޙު ގެނެސް، އެ ކުންފުންޏަށް ހުއްދަދީފައިވާކަން ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން، ސިވިލް ކޯޓުގެ ހުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް، ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފައެވެ.