ފުލުހުންގެ މަތީ ފަންތީގެ ބައެއް އޮފިސަރުން ވަކިކުރުމަށް ޕޮލިސް ބޯޑުން ނިންމި މައްސަލަ އެއޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައި، މައްސަލައިގެ އަޑުއެހުންތައް ސިއްރުކުރަން ކޯޓުން ނިންމައިފިއެވެ.

މައްސަލައިގެ އަޑުއެހުންތައް ލައިވްކުރުމަށް އެ އޮފިސަރުންގެ ފަރާތުން އެދުމުން، ކޯޓުން މިގޮތަށް ނިންމާފައިވަނީ އަޑުއެހުންތައް ލައިވްކޮށްފިނަމަ، ގައުމީ ސަލާމަތަށް ނުރައްކާވާނެކަމަށް ކަނޑައަޅައެވެ.

ޕޮލިސް ބޯޑުން ވަކިކުރަން ނިންމާފައިވާ 7 އޮފިސަރުންގެ ތެރެއިން މިމައްސަލަ ކޯޓަށް ހުށަހަޅާފައިވަނީ، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، އެސިސްޓެންޓު ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޖަމްޝީދާއި، ސުޕްރިޑެންޓް އޮފް ޕޮލިސް އިސްމާއީލް ޝަމީމް އާދަމާއި، ޗީފް ސުޕްރިޑެންޓު އޮފް ޕޮލިސް ޢަބްދުﷲ ޝަރީފާއި، ޗީފް ސުޕްރިޑެންޓު އޮފް ޕޮލިސް މުޙައްމަދު ދާއޫދެވެ.

ޝަރީއަތް ފެށުމުގެ ކުރިން އެމައްސަލައިގެ ޑިސްޕިއުޓް މަރުހަލާ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، މައްސަލަ ހައްލުކުރުމަށް ފަނޑިޔާރު ތަކުރާރުކޮށް ދައުލަތަށް ފުރުސަތު ދިންކަން ފާގަހަގަކުރައްވާ، އެ އޮފިސަރުން ތަމްސީލްކުރައްވާ ގާނޫނީ ވަކީލް އަދި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު ވިދާޅުވީ، ދައުލަތުން އިތުރު ވަގުތަށް އެދިފައިވާ ކަމަށާއި، ނަމަވެސް އޮފިސަރުންގެ މަސްލަހަތަށް ބަލައި ވަގުތު ދެވެން ނެތް ކަމަށް ގާޒީ ނިންމެވި ކަމަށެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި، މައްސަލަ ބައްލަވާ ގާޟީ އަލީ އަބްދުﷲ ންމަވާފައިވަނީ އެ މައްސަލައިގެ އަޑުއެހުންތައް ލައިވްކޮށްގެން ކުރިއަށް ގެންގޮސްފިނަމަ ދިވެހި މުޖުތަމައުގެ އަމާންކަން ގެއްލި ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށެވެ.

މީގެއިތުރުން، އަޑުއެހުންތައް ހުޅުވާލައިގެން ލައިވްކޮށް ބާއްވައިފިނަމަ އިންސާފު ގާއިމްކުރުމަށް ހުރަސްއެޅިދާނެކަމަށްވެސް ގާޟީ ވިދާޅުވިއެވެ.

ފުލުހުންގެ ބޯޑުން ކޮމިޝަންޑް އޮފިސަރުންގެ ތެރެއިން ލާއިންސާނީ އަނިޔާވެރި އަމަލެއް ނުވަތަ ކޮރަޕްޝަނުގެ އަމަލެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ އޮފިސަރުންގެ މައްސަލަތައް ބަލައި އެ ބޭފުޅުންނާމެދު ކަންކުރާނެ ގޮތަކާ ގުޅޭ ލަފާ ކޮމިޝަނާ އޮފް ޕޮލިސްއަށް އެރުވުމުގެ ބާރު ފުލުހުންގެ ގާނޫނުގައި ދީދައިވީނަމަވެސް، އެއޮފިސަރުން މަގާމުން ވަކިކުރުމަށް ފެންނަކަމަށް ޕޮލިސް ބޯޑުން ނިންމީ އެއިން އެއްވެސް އޮފިސަރަކަށް ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނުދީކަމަށް އެއޮފިސަރުން ތަމްސީލްކުރާ ލޯ ފާމުން ބުނެފައިވެއެވެ.