ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން، ސަރުކާރުން އެކި ކަންކަމަށް ކުރި ހަރަދު 3.8 ބިލިއަނަށް އަރައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހުގެ ނިޔަލަށް ކޮވިޑާއި ގުޅިގެން ސިއްހީ އަދި އިޖުތިމާއީ ދާއިރާގެ އެކި ކަންކަމަށް 2.1 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. މިއީ މިދިޔަ ހަފްތާއާ އަޅާބަލާއިރު، 0.04 އިންސައްތަ އިތުރު އަދަދެކެވެ.

މީގެއިތުރުން މި މުއްތަދުގައި އިކޮނޮމިކް ރެސްޕޯންސް ސްޕެންޑިންގްސްއަށް 1.7 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ސިއްހީ އަދި އިޖުތިމާއީ ދާއިރާއިން މީހާތަނަށް އެންމެ ގިނަ ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީންނެވެ. އެއޮތޯރިޓީން 784.5 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ދެވަނައަށް އެންމެ ބޮޑު ހޭދައެއް ހެލްތް މިނިސްޓްރީން ކޮށްފައިވާއިރު، އެމިނިސްޓްރީން ވަނީ 813.4 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

މީގެއިތުރުން އައިޖީއެމްއެޗުން 196.7 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، ޑިޒާސްޓަރ މެނޭޖްމެންޓް ފަންޑުން 84.01 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ. އަދި އެމްއެންޑީއެފުން 67.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ސިއްހީ ކަންތައްތަކަށް ކުރި ވަކިވަކި ހޭދަތަކުގެ ތެރޭގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެދާއިރާގެ ހިދުމަތް ދިނުމަށް ބޭނުންވާ ތަކެތި ހޯދުމަށެވެ. އެފަދަ ކަންކަމަށް 1.1 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

އޮޕަރޭޝަނަލް ސާވިސްގެ ގޮތުގައި 205.5 މިލިއަން ހަރަދުކޮށްފައި ވާއިރު، ކެޕިޓަލް އިކުއިޕްމެންޓްގެ ގޮތުގައި 201.9 މިލިއަން ރުފިޔާ ހަރަދުކޮށްފައި ވެއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންނަށް އެލަވެންސް ދިނުމަށް 177.4 މިލިއަން ހަރަދުކޮށްފައި ވާއިރު، އެކި ފަރާތްތަކަށް އެހީއާއި ސަބްސިޑީގެ ގޮތުގައި 164.9 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

އިގްދިސާދީ ދާއިރާއިން ކުރި ހޭދައިގެ ތަފްސީލަށް ބަލާއިރު، އިންކަމް ސަޕޯޓްގެ ގޮތުގައި ޖޫންމަހުގެ 24ގެ ނިޔަލަށް 22،946 މީހަކަށް 421 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

އަދި ކޮވިޑް-19 ރިކަވަރީ ލޯންގެ ގޮތުގައި 1.1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވެއެވެ. މީގެތެރޭގައި ބީއެމްއެލް މެދުވެރިކޮށް ދޫކުރި 585.9 މިލިއަން ރުފިޔާއާއި، އެސްޑީއެފްސީ މެދުވެރިކޮށް ދޫކުރި 362.3 މިލިއަން ރުފިޔާ ހިމެނެއެވެ.

މީގެއިތުރުން 98،455 ގެއެއްގެ ފެންބިލްގެ ޑިސްކައުންޓްގެ ގޮތުގައި، 26 މިލިއަން ރުފިޔާ ދީފައިވާއިރު، 90،932 ގެއެއްގެ ކަރަންޓުބިލް ޑިސްކައުންޓްގެ ގޮތުގައި 14.7 މިލިއަން ވަނީ ދީފައެވެ.

މާލެއިން ކޮވިޑްގެ ކޭސްތައް ފެންނަން ފެށުމުން ފުރަމާލެ ސަރަހަށްދު ލޮކްޑައުންކުރުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި މާލީ ދަތިތައް ހައްލުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ބަޔަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.