ދައުލަތުގެ ބޭނުމަށް ކައުންސިލެއްގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ބިމެއް، މުދަލެއް ނޫނީ އިމާރާތެއް ސަރުކާރުގެ އެއްވެސް އިދާރާއަކަށް ނަގާނަމަ، އެތަނަކަށް ނޫނީ މުދަލަކަށް ކައުންސިލުން ކޮށްފައިވާ ހަރަދަށް ބަދަލު ދޭނެ އުސޫލް ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އާންމުކޮށްފިއެވެ.

އެލްޖީއޭއިން ސަރުކާރުގެ ގެޒެޓުގައި އިއްޔެ އާންމުކުރި އުސޫލުގައި ބުނެފައިވަނީ، ސިޓީ ކައުންސިލެއް ނޫނީ ރަށު ކައުންސިލެއް ނޫނީ އަތޮޅު ކައުންސިލެއްގެ އިހުތިޞާސުގެ ތެރޭގައި ހިމެނޭ ތަނެއް ނޫނީ މުދަލެއް ސަރުކާރުގެ ބޭނުމަށް ނަގާނަމަ އެކަށީގެންވާ ބަދަލެއް ދޭން ޖެހޭނެ ކަމަށެވެ.

އަދި، ކައުންސިލުގެ އިހުތިޞާސުގެ ތެރޭގައި ހިމެނޭ މުދަލެއް ނޫނީ ތަނެއް ގައުމީ އިދާރާއެއްގެ ބޭނުމަށް ނެގޭނީ ދެފަރާތުގެ ދެމެދުގައި އެކަމަށް އެއްބަސްވެގެންކަމަށާއި، އެއްބަސްވުމުގައި ކައުންސިލަށް ލިބެން ޖެހޭ ބަދަލާއި، އެ ފައިސާ ލިބެން ޖެހޭ މުއްދަތާއި، ފައިސާ އަދާ ކުރާނެ ގޮތުގެ ތަފުސީލުތައް އޮންނަންވާނެކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި އުސޫލުގެ ބޭނުމަކީ ކައުންސިލުން އިންވެސްޓުކޮށްފައިވާ ނުއުފުލޭ މުދަލެއް ނުވަތަ އިމާރާތެއް ނުވަތަ ވަސީލަތެއް ގައުމީ އިދާރާއެއްގެ ބެލުމުގެ ދަށަށް ގެންނަ ހާލަތުގައި ކައުންސިލަށް، އެ ކައުންސިލުން ކުރި އިންވެސްޓުމެންޓުގެ ބަދަލު ލިބޭކަން ކަށަވަރުކުރުންކަމަށް އުސޫލުގައި ވެއެވެ.

މީގެއިތުރުން، ބަދަލުގެ އަދަދު ކަނޑައަޅަނީ ސަރުކާރުގެ އިދާރާ އާއި ކައުންސިލުން އެއްބަސްވާ މިނިވަން އޮޓިޑަރަކު މުދަލުގެ އަގުކުރުމަށް ފަހުގައި ކަމަށާއި އަގުކޮށް ނިމުމުން އުސޫލުގައި ބަޔާންކުރާ ތިން ގޮތުގެ ތެރެއިން ކޮންމެވެސް އެއް ގޮތަކަށް އަގު ކަނޑައަޅައިގެން ބަދަލު ދޭން އެއްބަސްވާނެ ޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

ކައުންސިލްތަކުން ކޮށްފައިވާ އިންވެސްޓްމަންޓުތަކަށް ބަދަލުގެ ގޮތުގައި އަގު ކަނޑައެޅޭ ގޮތަކީ ބާޒާރުގެ އަގު، ކައުންސިލުން ކޮށްފައިވާ އިންވެސްޓްމަންޓް އަގު ނުވަތަ ނަގާތަން ނުވަތަ މުދަލުގެ ބަދަލުގައި އެފަދަ ތަނެއް އަޅަން ނޫނީ މުދަލެއް ހޯދަން ހިނގާ ހަރަދެވެ. އުސޫލުގައި ބަޔާންކޮށްފައިވާގޮތުން، މިފަދައިން ބަދަލު ދިނުމަށްފަހު ނަގާ ވަސީލަތެއް ނުވަތަ މުދަލެއް ކުއްޔަށް ދޭނަމަ އެ ކުލި ލިބޭނީ ކައުންސިލަށެވެ.

ބަދަލާމެދު ގޮތެއް ނިންމާނީ ފިނޭންސް މިނިސްޓްރީގެ ލަފާގެ މަތިންކަމަށާއި، އެ ލަފާގެ މަތިން ގޮތެއް ނުނިންމޭ ހާލަތުގައި ކޯޓު މެދުވެރިކޮށް ގޮތެއް ނިންމިދާނެ ކަމަށްވެސް އެލްޖީއޭއިން ކަނޑައަޅާފައިވާ އުސޫލުގައި ވެއެވެ.