މީހެއްގެ ފޯނު ހެކްކޮށް އެފޯނުގައި ހުރި ބަރަހަނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ލީކްކޮށްލި މައްސަލައިގައި ހައްޔަރުކުރި މީހާ ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ސައިބަރ ކްރައިމްގެ މިމައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ މއ. އިސްޕަންޖުގެ މުހައްމަދު މަސާއިދު ބިން ސައީދުއެވެ.

އެކި ދުވަސްވަރު މަތިން އެކި މީހުންގެ މީސްމީޑިއާ އެކައުންޓްތަކާއި ޒާތީ މުއާމަލާތް ހިމެނޭ އެހެން އެކައުންޓުތައް ހެކްކުރުމަށްފަހު އެކި މީހުންގެ ޒާތީ މައުލޫމާތާއި އެ މީހުންގެ ބަރަހަނާ މަންޒަރު ދައްކުވައިދޭ ފޮޓޯ އަދި ވީޑިއޯ ނެގުމަށްފަހު ޓެލެގްރާމް އާއި އެހެނިހެން މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ހާމަކޮށްފައިވާ މައްސަލައިގައި މަސާއިދުގެ މައްޗަށް 11 ދައުވާއެއް ވަނީ އުފުލާފައެވެ.

މި ދައުވާތައްކުގެ ތެރޭގައި ހިމެނެނީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ތިން ދައުވާ، އޮރިޔާން ކާޑު ފެތުރުމުގެ ކުށުގެ ތިން ދައުވާ، އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ، އެނގިހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދަން އުޅުމުގެ ކުށުގެ ދައުވާ، އަދުލުއިންސާފު ގާއިމުކުރުމަށް ހުރަސްއެޅުމުގެ ދައުވާ، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ދައުވާ، އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާއެވެ.

މި މައްސަލައިގައި މަސާއިދު މައްޗަށް، ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެއެވެ. މިގޮތުން މީނާ ބޭނުންކުރާކަމަށް ބެލެވޭ އައިޕީ އެޑްރެސްއެއް މެދުވެރިކޮށް, ވިކްޓަމްގެ ފޮޓޯތަކެއް ސޯޝަލްމީޑިއާއަށް ލީކްކޮށްލާފައިވާކަމަށް ބެލެވޭ ސްކްރީންޝޮޓެއް ފުލުހުން ވަނީ ހުށައަޅާފައެވެ.

މަސާއިދުގެ ބަންދުގެ މަޖިލީހުގައި ފުލުހުން ބުނެފައިވަނީ އޭނާގެ އޮފީހުގައި ބޭނުންކުރާ ސިސްޓަމުގެ 2 ޓީބީ ހާރޑްޑްރައިވް ތަހުލީލުކުރުމުން 1 މިލިއަނަށްވުރެއް ގިނަ ފޮޓޯއާއި ފާސަނަލް ފައިލްސް ފެނިފައިވާކަމަށާއި, މީނާގެ އޮފީހުގެ ވަތްގަނޑުގެ ތެރެއިން އިތުރު 2 ހާރޑްޑްރައިވް އަދި މީނާގެ ގެއިން 7 ހާރޑްޑްރައިވް ފެނިފައިވާކަމަށެވެ.

މިމައްސަލައިގައި ޕީޖީން ބުނެފައިވަނީ މިމައްސަލައަކީ ގިނަ ބައެއްގެ ވިކްޓިމްސް ތަކެއް ހިމެނޭ މައްސަލައެއް ކަމަށާއި, ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަބުރު ރައްކާތެރިކުރުމުގެ ހައްޤު މިކުށުގެ އަމަލުގެ ސަބަބުން ގެއްލިފައިވާކަމަށެވެ.