ސާފް ޗެމްޕިއަންޝިޕުގައި މިރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު ގިނަ ބަޔަކަށް އެއްތަނެއްގައި ތިބެގެން ބެލޭނެ ފުރުސަތު ފަހިކޮށްދިނުމަށް، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ދިރާގުން ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު ސްކްރީން އެޅުވުމަށް ނިންމައިފިއެވެ.

އެޗްޑީސީން ހާމަކޮށްފައިވާ ގޮތުގައި ހިޔާ ފްލެޓް ސަރަހައްދުގައި ގައުމީ ޓީމުގެ މެޗު ބެލޭނެ އިންތިޒާމް ދިރާގާއި ގުޅިގެން ބޮޑު ސްކްރީނުގައި ދިރާގު ޓީވީ މެދުވެރިކޮށް އެޅުވުމުގެ އިންިތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ދިވެހިންގެ ލެޔާ ގުޅިފައިވާ ފުޓުބޯޅައިގައި، ދިވެހިން އެންމެ ފޯރިނަގާ އެއް މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕުގައި ވާދަވެރި އިންޑިއާ އާއި ދެކޮޅަށް ކުޅޭ މެޗު ބޮޑު ސްކްރީންތަކުގައި އަޅުވަން ނިންމާފައިވަނީ ސަޕޯޓަރުން ބޭނުންވާވަރަށް ދަނޑަށް ނުވަދެވޭތީ، އެއްތަނެއްގައި ތިބެގެން ގިނަބަޔަކަށް މެޗު ބެލޭނެ މަގުފަހި ކޮށްދިނުމުގެ ގޮތުންނެވެ.

ދިރާގާއި އެޗްޑީސީ ގުޅިގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބޮޑު ސްކްރީން އަޅުވަން ނިންމާފައިވާއިރު މާލޭގައިވެސް ކާނިވަލް ސަރަހައްދުގައި ބޮޑު ސްކްރީން އެޅުވުމަށް މާލޭ ސިޓީ ކައުންސިލާއި ޔޫތް މިނިސްޓްރީގެ އިތުރުން އެފްއޭއެމް އިން ގުޅިގެން ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލުން އިސްނަގައިގެން ކާނިވަލް ސަރަހައްދުގައި ބޮޑުސްކްރީން އަޅުވަން ފަށާފައިވަނީ މުބާރާތުގައި ރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރި މެޗުން ފެށިގެންނެވެ. އެއީ މެޗުބަލަން ދަނޑަށް ވަނުމަށް ޓިކެޓު ނުލިބުމުގެ ސަބަބުން ގިނަ ސަޕޯޓަރުންތަކެއްގެ އެދުމުގެ މަތިންނެވެ.

ރައުންޑް ރޮބިން އުސޫލުން މުބާރާތް ކުރިއަށްދާއިރު ސެމީ ފައިނަލް ކުޅެން ނުޖެހުނުނަމަވެސް މިރޭ އަދި މިއަދު ހަވީރުވެސް މުބާރާތުގައި ކުޅޭ މެޗަކީ ގާތްގަނޑަކަށް ސެމީ ފައިނަލް މެޗުތަކެކެވެ. ސަބަބަކީ މި މެޗުތަކުން މޮޅުވާ ކޮންމެ ޓީމަކަށްވެސް ފައިނަލްގެ ޖާގައެއް ކަށަވަރުވާތީއެވެ.

އެހެންނަމަވެސް ތާވަލުގެ އެއްވަނަައިގައި އޮތް ނޭޕާލާއި ދެވަނައިގައި އޮތް ދިވެހިރާއްޖެއަށް މެޗު އެއްވަރުކޮށްލައިގެންވެސް ފައިނަލުން ޖާގަ ކަށަވަރުވާނެއެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި 3 މެޗުން 6 ޕޮއިންޓާއެކު ނޭޕާލް އޮތްއިރު ދެވަނައިގައި ރާއްޖެވެސް އޮތީ މިއަދަދަށް ޕޮއިންޓު ހޯދައިގެންނެވެ. ރާއްޖެއަށް ފައިދާ ގޯލުގެ ތަފާތުން ނޭޕާލްގެ މައްޗަށް ކުރި ލިބުނު ކަމުގައިވީނަމަވެސް ނޭޕާލަަށް އެއްވަނަ ލިބެނީ މުބާރާތުގެ ގަވައިދުގާ ވާގޮތުން ހެޑް-ޓު-ހެޑް ނަތީޖާއަށް އިސްކަން ދޭތީއެވެ. ޕޮއިންޓް ތާވަލުގެ ތިންވަނައިގައި އިންޑިއާ އޮތީ ތިން މެޗުން 5 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި ބަންގްލަދޭޝް އޮތީ 4 ޕޮއިންޓާއެކުއެވެ.