ރާއްޖޭން ކޮވިޑް-19 ބައްޔަށް ފަރުވާ ހޯދަމުންދިޔަ ދެ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން މިއަދު ހާމަކޮށްފައިވާގޮތުން ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް، އެމެޖެންސީގައި ގެންދިޔަ 81 އަހަރުގެ ދިވެހި އަންހެނެއް ރޭ 09:20 ގައި ވަނީ މަރުވެފައެވެ.

މީގެއިތުރުން އައްޑޫ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީން ފަރުވާ ހޯދަމުންދިޔަ 87 އަހަރުގެ ދިވެހި ފިރިހެނެއް ރޭ 01:13ގައި މަރުވެފައިވާކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މިއާއެކު ކޮވިޑް ބަލީގައި ރާއްޖޭން މަރުވި މީހުންގެ އަދަދު ވަނީ 237އަށް އަރާފައެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 85،732 އަށް އަރާފައެވެ. އަދި ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 84،292 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 1،192 ގައެވެ. މީގެތެރެއިން 13 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާކަމަށް އެޗްޕީއޭއިން ބުނެއެވެ.