ދިވެހިރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްއާ މަޝްވަރާ ކުރައްވައިގެންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގާއި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގައި އޮތުން އެންމެ އެކަށީގެންވަނީ ބަރުލަމާނީ ނިޒާމެއްކަމަށް އަބަދުވެސް ގަބޫލްކުރައްވާ ކަމަށާއި، ބަރުލަމާނީ ނިޒާމަށް ރާއްޖެ ބަދަލު ކުރުމުގެ މަސައްކަތަކީ ރައީސް ސޯލިހާއި އެމަނިކުފާނު މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދާނެ މަސައްކަތެއް ކަމަށެވެ.

ނިޒާމުގެ ކަންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ވާހަކަދެއްކެވުމަށް ފަހުގަ އަޅުގަނޑު އެކަމަށް އަމަލުކުރާނެ ގޮތް ދަންނަވާނަން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައީސް ނަޝީދު ފައްޓަވާފައިވާ މަސައްކަތުގެ ދަށުން ގާނޫނު އަސާސީ އިސްލާހު ކުރުމުގެ ކަންކަން އަވަސްކުރުމަށް ގޮވާލައި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ހުށްހެޅުމަށް ޕެޓިޝަނެއްވެސް ވަނީ އެކުލަވާލާފައެވެ.

މީގެއިތުރުން، އެމަނިކުފާނާއި ރައީސް ސާލިހާއި ދެމެދު އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއި ބެހޭގޮތުން ސުވާލުކުރުމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސާލިހާއި އޮތް ގުޅުން ދުވަހަކުވެސް ނުކެނޑޭނެކަމަށެވެ.

އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއާއި ވާހަކަ ނުދައްކާނެ ކަމަށް ދެކިގެނެއް ނުހުންނަން. އަދި ހުންނަން އެއީ ދަތިވެސް ކަމެއް. އަޅުގަނޑު މައިގަނޑު ގޮތެއްގައި ދެންނެވި ވާހަކަ އަކީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލްތައް އެ ބިލްތައް ބައްޓަން ކުރެވި ޑްރާފްޓް ކުރިވިފައިވާ ގޮތް ތަކަކީ، އެމްޑީޕީގެ ސިޔާސަތު ތަކާ އެއްގޮތަށްވާ ޑްރާފްޓް ތަކަކަށް ވުމުގެ ބޭނުންތެރިކަން ބޮޑޭ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ، ދުވަހަކުވެސް ރައީސް ސާލިހް އާއި ވާހަކަ ނުދައްވަކައި ހުންނެވުމަކީ އެމަނިކުފާނު ދުވަހުވެސް ހިތްޕުޅަށް އަރާ ވަޑައިގަތް ކަމެއް ނޫން ކަމަށެވެ.

ރައީސް ސާލިހާއި ފިކުރީގޮތުން ހިޔާލުތަފާތު ކަމަށާއި، ރައީސުލްޖުމްހޫރިއްޔާއާ އެކީ ސިޔާސީ ގޮތުން ހުރެވެން ނެތްކަމަށް ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވެއެވެ.