ސަރުކާރުން އެސްޓީއޯ މެދުވެރިކޮށް ގެންނަން ނިންމި އެމްބިއުލާންސްތަކުގެ ތެރެއިން 20 އެމްބިއުލާންސެއް މާލެ ގެނެސްފިއެވެ.

އަތޮޅުތެރޭގެ ހޮސްޕިޓަލުތަކުގައާއި ސިއްހީ މަރުކަޒުތަކުގައި އެމްބިއުލާންސް ނެތުމުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)އާއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ މިއަހަރުގެ ޖޫން މަހުގެ ދިހަވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އެސްޓީއޯ އިން ވަނީ އޭގެތެރެއިން 20 އެމްބިއުލާންސެއް މިއަދު މާލެ ގެނެސްފައެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނަސީމް އޭރު ވިދާޅުވީ، އެމްބިއުލާންސްގެ ޚިދުމަތް އިތުރަށް ފުޅާވެގެން ދިޔުމުން އަތޮޅުތެރޭގައި މިހާރު ކުރިމަތިވަމުންދާ ގިނަ ގޮންޖެހުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން އެމްބިއުލާންސް ގެނެވި، އަތޮޅުތެރޭގައި ޚިދުމަތް ދޭން ފުޅާކުރެވުމުން، ކާރިސާގެ ވަގުތުތަކުގައްޔާއި އެކްސިޑެންޓްތަކުގައި ބަލިމީހުންނަށް ފޯރުކޮށްދެންޖެހޭ ސިއްޙީ ކުއްލިފަރުވާ ފަސޭހަކަމާއެކު ދެވިގެންދާނެ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެ އެއްބަސްވުމުގެ ދަށުން އެސްޓީއޯއިން އެމްބިއުލެންސްތައް މިނިސްޓްރީއަށް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ 180 ދުވަހުގެ ތެރޭގައި ކަމަށްވެސް ހެލްތު މިނިސްޓްރީން ބުނެއެވެ.