މިލަދުންމަޑުލު އުތުރުބުރީ ނޫމަރާގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ނެތުމުގެ ސަބަބުން ކުރިމަތިވާ ދަތިތަކާ ގުޅިގެން އެރަށު ކައުންސިލުން ނައިބް ރައީސް ފައިސަލް ނަސީމް މަޝްވަރާކޮށްފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލު ކުރައްވުމުގައި އެރަށު ކައުންސިލަރުން ވިދާޅުވީ، އެރަށު ކައުންސިލް އިދާރާއަށް އައު އޮފީހެއް ބޭނުންވުމާއި، ރަށުގެ ޒުވާނުންނަށް ފުޓްސަލް ކުޅުމަށް ދަނޑެއްގެ މުހިއްމުކަން ބޮޑުވެފައިވުމާއި، އަދި އެރަށު ސްކޫލުގެ ތަރައްޤީއަށް ބޭނުންވާ ބައެއް ކަންކަމުގެ މައުލޫމާތުވެސް ކައުންސިލް މެންބަރުން ވަނީ ސަރުކާރުގެ ސަމާލުކަމަށް ގެނަސްފައެވެ.

މީގެ އިތުރުން ރަށުގެ ބަނދަރުގެ މަރާމާތުގެ މަސައްކަތާއި، ފަރަށް އަރާފައިވާ ބާޖު ފުން ނުކުރެވި އެކަމުގެ ސަބަބުން ރަށްގިރުމުގެ މައްސަލަ އިތުރަށް ބޮޑުވުމުގެ ޝަކުވާވެސް ނައީބް ރައީސްއާ ހިއްސާކޮށްފައި ވެއެވެ.

ކައުންސިލުން ވަނީ، ނޫމަރާއަކީ އާބާދީގެ ގޮތުންވެސް ކުޑަ ރަށަކަށްވެފައި، ރަށުގެ ތަރައްޤީއަށް މީގެކުރީގެ ސަރުކާރުތަކުން ދިން ސަމާލުކަން ކުޑަކަން ހާމަކުރައްވާފައެވެ.

އަދި މި ސަރުކާރުން އެރަށުގެ ތަރައްޤީއަށް ދެއްވާ އަހަންމިއްޔަތަށްޓަކައި ސަރުކާރަށް ޝުކުރުއަދާ ކުރައްވާފައެވެ.

ރަށުގެ ތަރައްޤީއަށް ބޭނުންވާ އެކިއެކި ކަންކަމާއި ގުޅޭގޮތުން ކައުންސިލަރުން ވަނީ ނައިބް ރައީސްއާ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެވުމުގައި ނައިބް ރައީސް ވަނީ ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ވެދެވެންހުރި އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ.

އަދި ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެމައްސަލަތައް ހައްލުކުރެއްވުމަަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެވުމުގައި ނައީބް ރައީސް ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލުތަކަށް އިތުރު ބާރާއި އިހްތިޔާރުތައް މިހާރު ލިބިދީފައިވާ ކަމަށާއި އެގޮތުން ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއެކު ރައްޔިތުންނަށް އިތުރު ފަސޭހަތަކެއް ލިބިދެވިފައިވާ ކަމަށެވެ.

އަދި ރަށުގެ އާންމު ހާލަތު އޮޅުންފިލުވައި، ރަށުގެ ޒުވާނުން މުޖުތަމައުގައި ހުންނަ ނޭދެވޭ އާދަތަކާއި ދުރުކުރުމަށް ކައުންސިލުން މަސައްކަތް ކޮށްދެއްވުމަށް ނައިބް ރައީސް އެދިވަޑައިގެންނެވިއެވެ.