ސާފް ޗެމްޕިއަންޝިޕުގެ އެންމެ ވާދަވެރި މެޗުތައް މިއަދު ކުޅެން ފަށާފައިވާއިރު އެންމެފަހުވަގުތުގައި މުޅި ބަންގްލަދޭޝް ރޮއްވާލާ ނޭޕާލް ޓީމުން ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ސެމީ ފައިނަލެއްފަދަ މިމެޗު އެއްވަރުކޮށްލައިގެންވެސް ނޭޕާލަށް މުބާރާތުގެ ފައިނަލަށް ދަތުރުކުރުމުގެ ފުރުސަތު އޮތްއިރު އެޓީމުން ފައިނަލްގެ ޖާގަ ކަށަވަރުކުރީ މެޗުގެ އެންމެފަހު ވަގުތުކޮޅުގެ ތެރޭއެވެ.

ބަންގްލަދޭޝް ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީވެސް އެޓީމުންނެވެ. ފުރަތަމަ ހާފުގެ 9 ވަނަ މިނޭތުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ސުމޮން ރެޒާ އެވެ.

މިހާފުގައި ދެޓީމަށްވެސް ވަނީ ލަނޑުޖަހަން ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެހެންނަމަވެސް މިހާފުގައި އިތުރުލަނޑެއް ފެނިގެންގޮސްފައެއް ނުވެއެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 52 ވަނަ މިނެޓުގައި ނޭޕާލުގެ ނަވްޔަންގް ޝެރެސްތާއަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ފޮނުވާލި ބޯޅަ ބަންގްލަދޭޝްގެ ގޯލްކީޕަރު އަނީސުރް ރަހުމާން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ބަންގްލަދޭޝްގެ އެމްޑީ ސުމަން ރިޒާއަށްވެސް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މޮޅަށް ކުޅެމުންދިޔަ ބަންގްލަދޭޝްއަށް މެޗުގައި މައްސަލަތަކެއް ކުރިމަތިވީ 79 ވަނަ މިނެޓުގައި އެޓީމުގެ ކީޕަރަށް ދެއްކި ރަތްކާޑާއި އެކުއެވެ. ރެފުރީ އޭނާއަށް ރަތް ކާޑެއް ދެއްކީ ނޭޕާލުގެ ކައުންޓަ އެޓޭކެއް ހުއްޓުވުމަށް އޭރިއާ ބޭރުން ބޯޅައިގައި އަތްލުމާ ގުޅިގެންނެވެ.

މި ރަތްކާޑާއެކު ބަންގްލަދޭޝް ޓީމުގެ ފަހަތަށް ބާރުބޮޑުގެ ޕްރެޝަރ ބޮޑުވަމުންދިޔައިރު ނޭޕާލުން މެޗުގެ ނަތީޖާ ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ ފުރިހަމަވަގުތު ހަމަވާން ދެމިނެޓަށްވެފައި ވަނިކޮށް މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ނޭޕާލް އަށް މުބާރާތުގެ ތާރީހުގައިވެސް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދިނީ އަންޖަން ބިސްޓާއެވެ. މިއީ އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ބިޝްވަނާތު ޖޯޝް އަންޖަން ބިސްޓާއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ފުރަތަމަ ފަހަރަށް ނޭޕާލުން މުބާރާތުގެ ފައިނަލްގެ ޖާގައެއް ހޯދިއިރު މިހާތަނަށް އެގައުމަށް މި މުބާރާތުގައި ހޯދިފައިވާ އެންމެބޮޑު ކާމިޔާބީއަކީ 1993 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ތިންވަނަ ހޯދުމެވެ.

ފައިނަލްގެ ފުރަތަމަ ޖާގަ ނޭޕާލުން ކަށަވަރުކުރިއިރު ދެން ފައިނަލްގައި ކުޅޭނީ މިރޭ ރާއްޖެ އާއި އިންޑިއާ ބައްދަލުކުރާ މެޗު ކާމިޔާބު ކުރާ ޓީމެކެވެ. އެހެންނަނަމަވެސް ރާއްޖެއަށް މިމެޗު އެއްވަރުކޮށްލައިގެންވެސް ފައިނަލްގައި ކުޅެވޭނެއެވެ.

ޕޮއިންޓް ތާވަލް އޮތްގޮތުން 4 މެޗުން 7 ޕޮއިންޓާއެކު ނޭޕާލް އެއްވަނައިގައި އޮތްއިރު ދެވަނައިގައި ރާއްޖެ އޮތީ 3 މެޗުން 6 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އިންޑިއާ 5 ޕޮއިންޓާއެކު އޮތްއިރު 4 ވަނަ އަދި ފަސްވަނައިގައި އޮތީ މުބާރާތުން މިހާރު ކަޓާފައިވާ ބަންގްލަދޭޝް އާއި ސްރީ ލަންކާއެވެ.