ކޮވިޑް ވެކްސިންގެ ބަދަލުގައި ނޭފަތަށް ޖަހާ ސްޕްރޭއެއް ޓެސްޓްކުރަން ތައްޔާރުވެފައިވާ ކަމަށް ރަޝިޔާއިން ހާމަކޮށްފިއެވެ.

ރަޝިޔާއިން ޓެސްޓްކުރަން ތައްޔާރުވަމުން ދަނީ، ރަޝިޔާއިން ތަރައްގީކޮށް އުފައްދައި ދުނިޔޭގައި މިހާރު ބޭނުންކުރަމުންދާ ސްޕުޓްނިކްވީ ކޮވިޑް ވެކްސިންގެ ސްޕްރޭ ވައްތަރެވެ.

ނޭފަތަށް ޖަހާ ސްޕްރޭ މިފަހަރު ޓެސްޓްކުރާނީ ބޮޑެތި މީހުން ބޭނުންކޮށްގެން ކަމަށް، ރަޝިޔާ ސަރުކާރުން އާންމުކުރި ބަޔާނެއްގައި ބުނެފައިވެއެވެ.

ސްޕްރޭ ބޭނުންކުރާނީ ނޭފަތަށް ދެޑޯޒް ޖަހާގޮތަށް ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. ނަމަވެސް، ކްލިނިކަލް ޓްރައިލްސް ކުރިއަށްދާނެ ގޮތުގެ ތާވަލެއް ރަޝިޔާއިން ހާމަކޮށްފައެއް ނުވެއެވެ.

ރަޝިޔާއިންވަނީ، ސްޕުޓްނިކްވީ ވެކްސިންގެ ނޭފަތުންޖަހާ ސްޕްރޭއެއް، އުމުރުން 8 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިން ބޭނުންކޮށްގެން މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ޓެސްޓްކޮށްފައެވެ. އަދި އެ ވެކްސިން މިދިޔަ ސެޕްޓެމްބަރުމަހު ބޭނުންކުރަން ފަށާނެ ކަމަށްވެސް ކުރިންވަނީ ހާމަކޮށްފައެވެ.

ރަޝިޔާ ސަރުކާރަށް ނިސްބަތްވާ ގަމާލިޔާ އިންސްޓިޓިއުޓުން ކޮވިޑަށް ވެކްސިނެއް ތަރައްގީކޮށް އުފައްދައި ރަޝިޔާގެ ރައްޔިތުންނަށް އެންމެ ކުރީކޮޅުން ފެށިގެން ވެކްސިން ޖަހަން ފަށާފައިވާއިރު، ރަޝިޔާގައި އަލަށް ބަލިޖެހޭ މީހުންގެ އަދަދުތައް އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ.

އިއްޔެއަކީ، ރަޝިޔާއިން ކޮވިޑް ފެނުނުފަހުން އެއް ދުވަހެއްގައި އެންމެ ގިނަމީހުން މަރުވި ދުވަހެވެ.

ކޮވިޑްބަލީގެ އެންމެ ކުރީކޮޅުގައި ރަޝިޔާއިން ވެކްސިނެއް އުފައްދައި ބޭނުންކުރަން ފެށިނަމަވެސް، ވެކްސިން ޖަހާ މީހުންގެ އަދަދު އިތުރުވެގެންނެއް ނުދިޔައެވެ. ސަބަބަކަށްވީ، ރަޝިޔާގެ ކަމާބެހޭ އިދާރާތަކަށް އާންމުންގެ އިތުބާރު ކުޑަވުމާއި އަދި ރަޝިޔާއިން އުފެއްދި ކޮވިޑް ވެކްސިނަށްވެސް އާންމުންގެ އިތުބާރު ކުޑަވުމެވެ.

ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން އިއްޔެވެސްވަނީ، ރަޝިޔާއިން ކުރިއަށްގެންދާ ވެކްސިން ޖެހުމުގެ ކެމްޕެއިން އިތުރަށް ހަލުވި ކުރަންޖެހޭ ކަމަށް ވިދާޅުވެފައެވެ.