ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން މިހާރު މާލޭގައި ތިއްބެވި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްއަށް ނިސްބަތްވާ ރައީސުންނާއި ބައެއް ކައުންސިލަރުންނާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން މިއަދު ބައްދަލު ކުރައްވައިފިއެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި މިބައްދަލުވުމުގައި، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ނުޙައްގުން ސަރުކާރުން ދެމުންގެންދާ އަނިޔާ ކުށްވެރިކޮށް ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އެބޭފުޅުންނަށް ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަންކައުންސިލރުން ދެއްވާފައި ކަމަށް ޕީޕީއެމުން ބުނެއެވެ.

"މިނިވަންކަމުގެ ދިފާއުގައި ދިވެހިން" މި ކެމްޕެއިން އަތޮޅުތަކުގައި ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށާއި ޕެޓިޝަންގައި ސޮއިކުރުމުގެ ހަރަކާތްތައްވެސް ވަރަށް ފޯރީގައި ކުރިއަށް ގެންދަވާނެ ކަމަށް ކައުންސިލަރުން ވިދާޅުވި ކަމަށްވެސް ޕީޕީއެމުން ބުނެއެވެ.

އަދި މިހާރު ރަށްރަށުގެ ކައުންސިލްތަކާ ޕާޓީއާއެކީ ރަނގަޅު ގުޅުމެއް އުފެދިފައިވާކަން ފާހަގަކޮށް ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި އިތުރަށް ފުޅާކުރުމާ ގުޅޭގޮތުން ލީޑަރޝިޕާއި ކައުންސިލަރުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

ޕީޕީއެމުން ބުނީ ކައުންސިލްތަކުގެ ރައީސުންވަނީ ކައުންސިލްތައް ހިންގުމަށް ސަރުކާރުން އެއްބާރުލުން ނުދޭތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވާފައި ކަމަށާއި އެގޮތުން ކައުންސިލްތަކަށް ޤާނޫނީ ބާރު ދީފައިވީ ކަމުގައިވިޔަސް ކައުސިލްތަކުން ބޭނުންވާ ބަޖެޓު ސަރުކާރުން ހަމަޖައްސައި ނުދޭތީއާއި، ޤާނޫނުން ކުރުމަށް ލާޒިމުކުރާ ކަންކަން ކުރުމަށްވެސް ބަޖެޓު ނުލިބޭކަމުގެ ކަންބޮޑުވުން ފާހަގަކުރި ކަމަށެވެ.

އަދި ކައުންސިލްތަކުން ސަރުކާރުގެ އިދާރާތަކަށް ފޮނުވާ ސިޓީތަކަށާއި ކުރެވޭ މުޢާމަލާތްތަކަށް އިޖާބަނުދޭކަމާއި ކައުންސިލްތައް ހިންގުމަށާއި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ހުރި ދަތިތައް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕާއި ހިއްސާކުރެއްވި ކަމަށް ޕީޕީއެމުން ބުނެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރޝިޕުން ވަނީ ކައުންސިލްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށް އިދިކޮޅު ސިޔާސީ ކޯލިޝަންގެ ގޮތުގައި ކުރަންޖެހޭ ހުރިހާކަމެއް ކުރަމުންދާނެ ކަމުގެ ޔަގީންކަން ކައުންސިލްތަކަށް ދީފައެވެ.