މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ބިދޭސީން ރެކްރޫޓްކުރުމުގެ މަސައްކަތް ހަވާލުކުރި ގޮތާ ގުޅޭ މައްސަލާގައި އެކުންފުނީގެ ކުރީގެ ސީއީއޯ އިބްރާހިމް ޒިޔާތުގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފިއެވެ.

އޭސީސީން މިއަދު ހާމަކުރި ގޮތުގައި އެމައްސަލާގައި ޒިޔާތުގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމުގެ ކުށުގެ ދައުވާ ކަމަށެވެ.

އޭސީސީން ބުނީ އެ މައްސަލާގައި ކަންހިނގާފައިވާގޮތަށް ބާލާއިރު އެމް.ޓީ.ސީ.ސީ އިން ހިންގާ ޕްރޮޖެކްޓުތަކުގައި މަސައްކަތްކުރުމަށް ބޭނުންވާ ބިދޭސީން ރެކްރޫޓްކުރުމަށް 20 ޖުލައި 2017 ގައި ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރާ 15 އެޖެންސީއަކާއެކު އެކުންފުނިން އެއްބަސްވުން ހަދާފައިވެއެވެ.

ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމަށް އެދޭއިރު އެމް.ޓީ.ސީ.ސީއިން ޢަމަލުކުރަންޖެހޭ އުސޫލު އެ އެއްބަސްވުމުގައި ތަފްސީލްކޮށް ބަޔާންކޮށްފައި ވެއެވެ.

އެޖެންސިތަކާއެކު ވެފައިވާ އެއްބަސްވުމުގައި އެމް.ޓީ.ސީ.ސީން އަމަލުކުުރުމަށް ކަނޑައަޅާފައިވާ އޫސޫލާ ހިލާފަށް ބީދޭސީން ރެކްރޫޓްކުރުމަށް ހާއްސަ ޖޮބް އޯޑަރއެއް އެމް.ޓީ.ސީ.ސީގެ ނަންބަރު 01/2017 ސްޕެޝަލް ޖޮބް އޮޑަރ ތާއްޔާރުކޮށް، އެއްބަސްވުން ހާދަފައިވާ ކުންފުނިތަކުގެ ތެރެއިން ހަމައެކެނި އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް އެމް.ޓީ.ސީ.ސީން ފޮނުވާފައިވާކަމަށް އޭސީސީން މައުލޫމާތު ދެއެެވެ.

އެ ޖޮބް އޯޑަރއަށް ހުއްދަ ދީފައިވަނީ އެމް.ޓީ.ސީ.ސީގެ ސީ.އީ.އޯގެ މަޤާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތުއެވެ.

އޭސީސީން ބުނީ އެ ޖޮބް އޯޑަރއަކީ، 15 އެޖެންސީއަކާއެކު އެއްބަސްވުން ޤާއިމްކުރުމަށްފަހު، އެމް.ޓީ.ސީ.ސީން ތައްޔާރު ކޮށްފައިވާ ފުރަތަމަ އޯޑަރާ ގުޅިގެން ރެކްރޫޓްމަންޓް އެޖެންސީތަކުން ޝަކުވާ ހުށަހެޅުމާގުޅިގެން، އެ އޯޑަރ ކެންސަލްކޮށް، ތައްޔާރުކޮށްފައިވާ ދެވަނަ އޯޑަރ ކަމަށެވެ.

ފުރަތަމަ ޖޮބް އޯޑަރަށް ބަލާއިރު، އެއްބަސްވުން ހަދާފައިވާ ހުރިހާ ރެކްރޫޓްމަންޓް އެޖެންސީތަކަށް އެމް.ޓީ.ސީ.ސީން ފުރަތަމަ އޯޑަރ އީމެއިލްކޮށްފައި ވީނަމަވެސް، ރެކްރޫޓްމަންޓް އެޖެންސީތަކުން ފޮނުވާފައިވާ ބިދޭސީންގެ މަޢުލޫމާތުތަކަށް ބިނާކޮށް އެމް.ޓީ.ސީ.ސީން ބިދޭސީންގެ ލިސްޓު ތައްޔާރުކޮށްފައިވަނީ، ރެކްރޫޓްމަންޓް އެޖެންސީތަކާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފަށް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަމަށް އޭސީސީން ބުނެއެވެ.

އޭސީސީން ބުނީ ދެވަނަ އޯޑަރަށް ބަލާއިރު، މޯލްޑިވްސް އިމިގްރޭޝަނުން ބިދޭސީން ގެނައުމުގެ އުޞޫލަށް ގެނެސްފައިވާ ބަދަލަކާ ގުޅިގެން އެމް.ޓީ.ސީ.ސީއާއެކު އެއްބަސްވުން ހަދާފައިވާ ބައެއް ރެކްރޫޓްމަންޓް އެޖެންސީތަކަށް ގިނަ ޢަދަދެއްގެ ބަނގްލަދޭޝް ރައްޔިތުން ނުގެނެވޭނެ ކަމަށާއި، ނަމަވެސް، އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަށް މޯލްޑިވްސް އިމިގްރޭޝަނުން ޚާއްސަ ހުއްދައެއް ދީފައިވާކަމަށް އެ އޯޑަރއާގުޅޭ ހުއްދައިގެ ލިޔުމުގައި، އެމް.ޓީ.ސީ.ސީއިން ބަޔާންކޮށްފައިވާ ކަމަށެވެ.

އޭގެއިތުރުން، އެމް.ޓީ.ސީ.ސީގެ ސްޕެޝަލް ޖޮބް އޯޑަރ ގުޅޭ މަސައްކަތް މަޑުޖައްސާލުމަށް 30 އޮގަސްޓު 2017 ގައި އޭސީސީން އެމް.ޓީ.ސީ.ސީއަށް އަންގާފައި ވީނަމަވެސް، އޭގެފަހުން ވެސް ސްޕެޝަލް ޖޮބް އޯޑަރގެ ދަށުން އެމް.ޓީ.ސީ.ސީން އެސް.ކޭ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއި، ކަންޓްރީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް 33 ބިދޭސީން ރާއްޖެއަށް ގެނެސްފައިވާކަން ތަޙުޤީޤުން އެނގޭ ކަމަށް އޭސީސީން ބުނެއެވެ.

އެމް.ޓީ.ސީ.ސީގެ ސްޕެޝަލް ޖޮބް އޯޑަރއަކީ އެކުންފުނީގެ ސީ.އީ.އޯގެ މަޤާމުގައި އޭރު ހުރި އިބްރާހިމް ޒިޔާތުގެ މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެ ދެކުންފުންޏަކަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކޮށްފައިވާ ކަމެއް ކަމާއި، އެކަމުގެ ސަބަބުން އެ ދެ ކުންފުންޏަށް ނާޖާއިޒު ފައިދާ ހޯދައިދީފައިވާކަން ތަޙުޤީޤަށް ލިބިފައިވާ މަޢުލޫމާތާއި ލިޔެކިޔުންތަކުން އެނގޭ ކަަމަށްވެސް އޭސީސީން ބުނެއެވެ.