• އެކްޓިވް ކޭސްގެ އަދަދު 1،207 އަށް މައްޗަށް، ހޮސްޕިޓަލްތަކުގަ 14 މީހުން

ރާއްޖޭން އަލަށް 106 މީހުން ކޮވިޑް-19 އަށް އަލަށް ޕޮޒިޓިވް ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، އިއްޔެގެ ހަވީރު 6:00 އިން ފެށިގެން މިއަދުގެ ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 4،284 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓިވްވީ 106 ސާމްޕަލް ކަމަށެވެ.

ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 1،720 ސާމްޕަލްއަކީ ގްރޭޓަރ މާލެ ސަރަހައްދުން ޓެސްޓު ކުރެވުނު ސާމްޕަލްއެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 21 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 78 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 7 މީހަކު ނިސްބަތްވަނީ ރިސޯޓްތަކަށެވެ.

އަލަށް ޕޮޒިޓިވްވި 106 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވިކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 85،838 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 89 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 84،381 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 1،207 ގައެވެ. މީގެތެރެއިން 14 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ގެންދަނީ ފަރުވާދެމުންނެވެ.

އިއްޔެއާއި މިއަދު ރާއްޖެއިން ކޮވިޑްބަލީގައި ދެމީހުން މަރުވެ، މިބަލީގައި މިހާތަނަށް ރާއްޖެއިން މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 237 އަށް އަރާފައެވެ.