އުރީދޫ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލްގެ ކުރިންކުޅުނު އެންމެފަހު މެޗުގައި ރާއްޖޭގެ މައްޗަށް ކުރިހޯދާ އިންޑިއާއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

އެތައް ހާސް ދިވެހި ސަޕޯޓަރުންނެއްގެ ކުރިމަތީގައި ކުޅުނު މިމެޗު އިންޑިއާ ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

ދަނޑުމަތީގައި ކުޅުނު ކުޅުންތެރިންގެ އިތުރުން ރާއްޖޭގެ 12 ވަނަ ކުޅުންތެރިޔާގެ ފަރާތުންވެސް ތަފާތުދެއްކި މިމެޗުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގައި ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ އެހެންނަމަވެސް މުނިފޫހިފިލުވާލަދިން މޮޅު ކުޅުމެކެވެ.

ދެޓީމުންވެސް ފުރުސަތުތަކެއް ތަނަވަސްކުރަން މަސައްކަތްކުރަމުންދިޔައިރު ރާއްޖެ ޓީމުންވެސް ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެމޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އަށް އިންޑިއާ ހާފުގެ ތެރެއިން ރަނގަޅު ފުރުސަތެއް ލިބުމާއެކު ސަޕޯޓަރުންގެ އަޑުން މުޅި ދަނޑު ގުގުމާލިއިރު، ދަގަނޑޭ ބޯޅަ ހިފައިގެން ގޯލާއި ހިސާބަށް ދިއުމުގެ ކުރިން އިންޑިއާގެ ކުޅުންތެރިން ވަނީ އޭނާއަށް ހުރަސްއަޅާފައެވެ.

ފުރަތަމަ 20 މިނެޓުގެ ތެރޭގައި އިންޑިއާ ޓީމުން ފާހަގަކޮށްލެވޭ ހަމަލާއެއް ފޮނުވާލާފައިވަނީ އެޓީމުގެ ކެޕްޓަން ސުނިލް ޗެތްރީ އެވެ. ކޯނަރ ކިކަކުން ތަނަވަސްވި ފުރުސަތަކުން ޗެތްރީ އޯވާ ހެޑެއް ފޮނުވާލަން މަސައްކަތް ކުރިނަމަވެސް މިހަމަލާ ގޯލާއި އަމާޒުވެފައެއް ނުވެއެވެ.

އިންޑިއާއިން މެޗުގައި ލަނޑުޖަހާ ލީޑުނެގީ 32 ވަނަ މިނެޓުގައެވެ. ކައުންޓަރ އެޓޭކެއްގައި ތަނަވަސްވި ފުރުސަތަކުން މިލަނޑު އެޓީމަ ކާމިޔާބު ކޮށްދިނީ މަންވީރު ސިންގ އެވެ.

ރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- އަލީ ޖުމާން ފުވާދު / ވީނިއުސް

ރާއްޖެއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ފުރަތަމަހާފުގެ ފުރިހަމަވަގުތު ހަމަވާން ދެމިނެޓަށްވެފައި ވަނިކޮށް ލިބުނު ޕެނަލްޓީއަކުންނެވެ. އޭރިއާތެރެއިން ރާއްޖޭގެ އިތުބާރު ފޯވާޑް ހަމްޒާ މުހަންމަދު (ހަމްޕު) އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު މި ޕެނަލްޓީ ގޯލިގެ ތެރެއަށް ވައްދާލައިގެން ރާއްޖެ އަށް އުންމީދު ހޯދައިދިނީ ދަގަނޑޭއެވެ.

ލަނޑުޖެހުމަށްފަހު ގައުމީ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ- ފޮޓޯ:- އަލީ ޖުމާން ފުވާދު / ވީނިއުސް

ދެވަނަ ހާފުގައިވެސް ދެޓީމުންވެސް އެޓޭކިންގ ގޭމެއް ކުޅުނުއިރު މިހާފުގެ ފުރަތަމަ 15 ވަރަކަށް މިނެޓުގެ ތެރޭގައިވެސް ދިވެހި ޓީމުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން ދަގަނޑޭ އާއި އަލީ ފާސިރު (ސެންޓޭ) ގުޅިގެން ރަނގަޅު ފުރުސަތެއް ތަނަވަސްކުރިއިރު ޑީއޭރިއާ ކައިރީގައި ހުރެފައި ސެންޓޭ ފޮނުވާލި ހަމަލާއެއް މިފަހަރުވެސް ގޮސް ޖެހުނީ އިންޑިއާ ޑިފެންޑަރެއްގެ ގައިގައެވެ.

ރާއްޖެއިން މޮޅު ކުޅުމެއް ދައްކަމުން ދިޔައިރު 61 ވަނަ މިނެޓުގައި ސުނިލް ޗެތްރީ ވަނީ އަނެއްކާވެސް އިންޑިއާ އަށް ލީޑު ނަގައިދީފައެވެ.

އުންމީދު ގެއްލުވާނުލާ އަނެއްކާވެސް ދިވެހި ޓީމުން ރަނގަޅު ގޭމެއް ކުޅެމުންދިޔައިރު 64 ވަނަ މިނެޓުގައި ދަގަނޑޭ ވަނީ ވަރަށް ނުރައްކާތެރި ހިލޭ ޖެހުމެއް ޑީ އޭރިއާ ތެރެއިން ފޮނުވާލާފައެވެ. އެހެންނަމަވެސް ދަގަނޑޭ ފޮނުވާލި ހަމަލާ ގޯލަށް ވަނުމަށް ހުރަހަކަށްވީ އިންޑިއާގެ ކީޕަރު ގުރްޕްރީތް ސިންގ އެވެ.

އިންޑިއާ އިން ލީޑުފުޅާކުރީ މެޗުގެ 75 ވަނަ މިނެޓުގައެވެ. ހިލޭޖެހުމަކުން ތަނަވަސްކުރި ފުރުސަތެއްގައި މިލަނޑުވެސް އެޓީމަށް ކާމިޔާބު ކޮށްދިނީ ސުނިލް ޗެތްރީ އެވެ. މިއީ ޗެތްރީ މި މުބާރާތުގައި ކާމިޔާބުކުރި 4 ވަނަ ލަނޑެވެ.

އިންޑިއާ މުބާރާތުގެ ފައިނަލަށް ދަތުރުކުރިއިރު މިއީ އެޓީމުން މި މުބާރާތުގެ ފައިނަލުގައި ކުޅޭ 12 ވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން އެގައުމުން މުބާރާތުގެ ފައިނަލުގައި ކުޅޭ 8 ވަނަ ފަހަރެވެ. އިންޑިއާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެގައުމުން މިހާތަނަށް ޖުމްލަ 7 ފަހަރަށް މި މުބާރާތް ކާމިޔާބު ކޮށްފައިވެއެވެ.

އިންޑިއާ އާއި ދެކޮޅަށް މިމަހުގެ 16 ވަނަ ދުވަހު ފައިނަލް މެޗުގައި ނުކުންނާނީ ނޭޕާލެވެ. ނޭޕާލް މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ބުދަ ދުވަހު ހަވީރު ބަންގްލަދޭޝް އާއި ދެކޮޅަށްކުޅެ އެއްވަރުވެގެންނެވެ.

މިފަހަރުގެ މުބާރާތުގައި އިންޑިއާ އާއި ނޭޕާލް ކުޅުނު މެޗު 0-1 އިން ކާމިޔާބުަކުރީ އިންޑިއާ އެވެ. ނޭޕާލް ފައިނަލުން ޖާގައެއް ހޯދާފައިވާއިރު މުބާރާތުގައި އެޓީމު ކުޅުނު ފުރަތަމަ މެޗުން ވަނީ ރާއްޖޭގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް ރާއްޖޭގެ މައްޗަށް ނޭޕާލަށް ކުރިހޯދުން ފުރަތަމަ ފަހަރެވެ.