ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު، މޮމްސް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "ސުޕަރ ކިޑްސް ޗެލެންޖް" އިފްތިތާޙް ކޮށްދެއްވައިފިއެވެ.

"ސުޕަރ ކިޑްސް ޗެލެންޖް" އަކީ ކުޑަކުދިން އެކުދިންގެ މައިންބަފައިން ނުވަތަ އެކުދިން ބަލަހައްޓާ ފަރާތްތަކާއެކު އުނގެނުމަށާއި، މަޖާ ވަގުތުކޮޅެއް ހޭދަކުރުމަށް އަމާޒުކޮށްގެން ރާވާފައިވާ ސިލްސިލާ ހަރަކާތްތަކެކެވެ.

"ސުޕަރ ކިޑްސް ޗެލެންޖް" އިފްތިތާހް ކޮށްދެވުމަށް ބުދަ ދުވަހު މާގިރި ހޮޓަލުގަ ބޭއްވި ރަސްްމިޔާތެގައި ވަހަކަ ދައްކަމުން މެޑަމް ފަޒްނާ ވިދާޅުވީ، މޮމްސް ޖަމްއިއްޔާއިން ހާސިލުކުރުމަށް ކަނޑައަޅާފައިވާ މަގްސަދުތަކުގެ ތެރޭގައި، ގައުމީ ފެންވަރެއްގައި އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ 3 ކަމެއް ކަމުގައިވާ އަންހެނުން ބާރުވެރިކުރުވުމާއި، އަންހެނުންނާއި ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮކަމަށް މަސައްކަތްކުރުން އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާއި ދެކޮޅަށް އަޑުއުފުލުން ހިމެނޭކަން އުފަލާއެކު ފާހަގަކުރައްވާ ކަމަށެވެ.

މެޑަމް ފަޒްނާ ވަނީ އަންހެނުން ބާރުވެރިކުރުވައި އަންހެނުންގެ ދިރިއުޅުން ފަސޭހަކުރުމަށް މޮމްސް ޖަމްއިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރުއަދާ ކުރައްވާފައެވެ.

މެޑަމް ފަޒްނާ ވިދާޅުވީ ކޮވިޑް-19ގެ ފުރަބަންދުގެ ހާލަތުގައި ކުޑަކުދިން ފޫހިވިޔަނުދީ ތިބުމަށްޓަކައި ނިމިދިޔަ ރަމަޟާން މަހު ސުޕަރ ކިޑްސް ޗެލެންޖްގެ ފުރަތަމަ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވާތީ އެކަމަށްޓަކައި އެ ޖަމްއިއްޔާއަށް ތައުރީފު ކުރައްވާފައެވެ.

ފަޒްނާ ވަނީ އޯގާތެރިކަމާއި، ލޯބިވުމާއި، އެހެން މީހުންގެ އިހްސާތަކަށް އިހްތިރާމްކުރުމަކީ ކުޑަކުދިންގެ ގައިގައި ހުރުން މުހިންމު ސިފަތަކެއް ކަމުގައި ފާހަގަކުރައްވައި މިފަހަރުގެ ޕްރޮގްރާމުގައި އޯގާތެރިކަމުގެ ސިފަ އަށަގެންނެވުމަށް ހަރަކާތްތަކެއް ހިމަނާފައިވާތީ އެކަމަށްޓަކައި އުފާކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

މި ޕްރޮޤްރާމުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމަށް ކުދިންނަށް ބޮޑަށް ފުރުސަތުދީގެން ބެލެނިވެރިން އެހީތެރިންގެ ދައުރު އަދާކުރުމަށް ބާރުއަޅުއްވާފައި ވެއެވެ.

ކުދިންނަށް ހުސްވަގުތު ދިނުމުގެ މުހިންމުކަމާމެދު ވާހަކަފުޅު ދައްކަވަމުން މެޑަމް ފަޒްނާ ވަނީ ކުދިން ކުރުމަށްޓަކައި ހަވާލުކުރާ މަސައްކަތްތަކާއި، ހުސްވަގުތު ދިނުމުގައި ބެލެންސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަދި އެކަމަނާ ވަނީ މިކަމުގެ ސަބަބުން ކުދިންގެ ހުސްވަގުތުގައި އެކުދިންނަށް އެދުވަހު ހިނގިކަންކަމާމެދު ވިސްނާލުމަށް ފުރުސަތު ލިބި، އެކުދިންގެ މުސްތަގްބަލާމެދު ވިސްނުމަށް މަގުފަހިވެގެންދާނެކަމުގައި ވިދާޅުވެފައެވެ.

މިހަފުލާގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ބެލެނިވެރިން ކުދިންނާއިއެކު ވަގުތު ހޭދަކުރުމަށް ބާރު އަޅުއްވާފައެވެ. އެގޮތުން އެކަމަނާ ވަނީ ކުދިންގެ ހުސްވަގުތުތައް ފުރާނެ ގޮތްތައް ރޭވުމުގައި އެކުދިންނާއި އެކު ވަގުތު ހޭދަކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

މިހަފްލާގައި މެޑަމް ފަޒްނާގެ އަރިހުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަހްމަދު މަހްލޫފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މޮމްސް ޖަމްއިއްޔާއަކީ 2016 ވަނަ އަހަރު އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއަކީ މިވަގުތު ރާއްޖޭގައި އެންމެ ގިނަ އަންހެނުންނަށާއި ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމްޢިއްޔާއެވެ. މި ޖަމްޢިއްޔާގައި 100 ރަށުން ޖުމްލަ 37،000 މެންބަރުން ތިބެއެވެ.