ޖެންޑަރ މިނިސްޓްރީން އިންތިޒާމް ކޮށްގެން ބާއްވަން ހަމަޖެހިފައިވާ "ރިވެލި ތަރި 2021" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސް ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތަކާއި އެ ހުނަރުތައް ދައްކާލާ، ހިތްވަރުދީ، ކުރިއެރުވުމުގެ މަގުސަދުގައި "ރިވެލި ތަރި" ނަމުގައި ބާއްވާން ހަމަޖެހިފައިވާ ހަރަކާތެއް ކަމަށެވެ.

އަދި "ރިވެލި ތަރި" އަށް ކުރިމަތިލުމުގެ ފުރުޞަތު 12 އޮކްޓޫބަރ 2021 ވާ އަންގާރަ ދުވަހުން ފެށިގެން އާންމުކޮށް ހުޅުވާލާފައި ވާކަމަށެވެ.

އެމިނިސްޓްރީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެތެރެއިން އެކި ދާއިރާތަކުން ހުނަރުވެރިން ކުރަމުން އަންނަ މަސައްކަތާއި އުފެއްދުންތައް ދައްކާލުމާއި، އެފަރާތްތަކުގެ މަސައްކަތާއި އުފެއްދުންތައް ކުރިއަރުވާ މާކެޓުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ގާބިލުކަމުގެ މައުލޫމާތު ފުޅާ ދާއިރާއެއްގައި ފަތުރައި އަދި ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންގެ ތެރެއިން މަސައްކަތް ތެރިކަމާއި ވިޔަފާރި ކުރިއެރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެކަމަށް ހިތްވަރުދީ މަގުފަހިކޮށްދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

އަދި މިހަރަކާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެފަރާތުން ބައިވެރިވާން ބޭނުންވާ ކެޓަގަރީއަކުން 2 މިނިޓާއި 5 މިނިޓާއި ދެމެދުގެ ވީޑިއޯއެއް ތައްޔާރު ކުރުމަށްފަހު އެކަމަށް ކަނޑައަޅާފައިވާ ފޭސްބުކް ޕޭޖަށް މިނިސްޓްރީން އަޕްލޯޑް ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

"ރިވެލި ތަރި" މުބާރާތަށް ކުރިމަތިލާނީ "ރިވެލި ތަރި" އަށް ހުށަހަޅާ މިކަމަށް ކަނޑައަޅާފައިވާ ފޯމުން ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވާން އެޕްލިކޭޝަން ހުށަހަޅާ ފަރާތްތަކުން ޖެންޑަރ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހެޅުމުން ވީޑިއޯ އަޕްލޯޑް ކުރަންވީގޮތުގެ މަޢުލޫމާތު މިނިސްޓްރީން ހިއްސާކުރާނެ ކަމަށެވެ.

އަދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް [email protected] މެއިލްކޮށް ދިނުމަށްވެސް އެދިފައިވެއެވެ.

"ރިވެލި ތަރި" އަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ 15 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން ކަމަށްވެސް ޖެންޑަރ މިނިސްޓްރީން ބުނެއެވެ.