ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކާއި ގުޅޭ މައްސަލަ ހުށަހެޅުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާއްސަ ހޮޓަލައިނެއް ތައާރަފް ކޮށްފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން މައްސަލައެއް އޮޅުންފިލުވުމަށް ނުވަތަ މައްސަލައެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް އެ އިދާރާގެ 7253535 ނަމްބަރަށް މެސެޖު ކޮށްލައިގެން މައްސަލަ ހުށަހެޅޭނެ ކަމަށެވެ.

އެޗްޑީސީން ބުނީ ތައާރަފްކުރި މި ހޮޓްލައިނާއެކު ގިނަ މައްސަލަތަކަށް ހައްލު ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އަދި ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަަމަށްވެސް އެޗްޑީސީން ބުނެއެވެ.

ހޮޓްލައިނަށް މެސެޖްކުރާއިރު، އެމެސެޖުގައި މީހާގެ ފުރިހަމަ ނަމާއި، ގުޅޭނެ ފޯނު ނަމްބަރު، ފްލެޓް ނަމްބަރު އަދި މައްސަލަ ނުވަތަ އޮޅުންފިލުވަން ބޭނުންވާ މައުލޫމާތު ފޮނުވަން ޖެހެއެވެ.

އެޗްޑީސީން ގާއިމްކުރި މި ހޮޓްލައިން ނަންބަރު މެދުވެރިކޮށް ހިޔާ ފްލެޓާ ގުޅޭ މައުލޫމާތު ސާފުކުރުމުގެ އިތުރުން، އެހެން އިތުރު ކަންކަމަށްވެސް ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި މިހާރު ބައެއް އާއިލާތައް ދިރިއުޅެމުން އަންނައިރު، މަގުތައް ހެދިފައިވާ ނެތުމާއި ކުނީގެ މައްސަލައަށް ހައްލުވެފައި ނުވުމާއި މިފަދަ ބައިވަރު ކަންކަމުގައި ފުލެޓްގައި ދިރިއުޅޭ މީހުން އަންނަނީ ޝަކުވާ ކުރަމުންނެވެ.