ކޮވިޑް ޕޮޒިޓިވް ކޭސްތައް ފެންނަމުން ދާއިރުވެސް މާލެ މޮނިޓަރިންގައި ނުބާއްވައި، އައްޑޫ ސިޓީ މޮނިޓަރިންގައި ބާއްވަންޖެހޭ ސަބަބެއް ނެތްކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ކޮވިޑްގެ ގިނަ ކޭސްތައް ފެނުމާގުޅުގެން އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ރޭގަނޑު 9 އިން ފަތިހު ހަތަރަކަށް އަންނަނީ ކާފިއު ހިންގަމުންނެވެ.

ކާފިއުގެ އިތުރުންވެސް ބަލި ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް ވެސް އައްޑޫގައި ވަނީ އަޅާފައެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ޖަލްސާގައި ވަހަކަ ދައްކަމުން މޭޔަރު ނިޒާރު ވިދާޅުވީ، އައްޑޫ މޮނިޓަރިން ހާލަތުން ނަގައިދޭން މީގެ ދެހަފްތާ ކުރިން އެޗްޕީއޭގައި އެދިފައިވާނެ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ބައްޔާއެކު އުޅެން ރައްޔިތުންނަށް މިހާރު އެނގޭ ކަމަށެވެ.

މީގެކުރިން މޭޔަރު ވިދާޅުވެފައިވަނީ، މިކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމްއަށް ފޯނުން ގުޅުއްވާ މަޝްވަރާ ކުރެއްވުނު ކަމަށެވެ.

އަދި އައްޑޫ މޮނިޓަރިން ހާލަތުން ނަގައިދިނުމަށް އެދި ނައިބު ރައީސްގެ އިތުރުން ޑިރެކްޓަރ ޖެނެރަލާވެސް މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ އުއްމީދަކީ މިހާރު އަޅާފައިވާ ހުރި ފިޔަވަޅުތަކުން ވަރަށް އަވަހަށް ރައްޔިތުންނަށް ލުޔެއް ލިބިގެންދިޔުން ކަމަށެވެ.