ސަލްމާނާއި ޖޯން ދެ އެކްޓަރުން ވަރުގަދަ ކުރިމަތިލުމަކަށް ތައްޔާރުވާން ފަށައިފިއެވެ.

ބޮލީވުޑް ޚަބަރުތައް ގެނެސްދޭ އިންޑިޔާގެ ނޫސްތަކުން ބުނީ ސަލްމާން ޚާންގެ "އަންތިމް ދަ ފައިނަލް ޓްރުތު" އަދި ޖޯން އަބްރަހަމްގެ "ސަތިޔަމޭ ވިޖަޔެތޭ 2" މި ދެފިލްމްވެސް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރ 26 ގައި ކަމަށެވެ.

މިހެންކަމުން މިދެ ފަންނާނުންގެ ވަރުގަދަ ކުރިމަތިލުމެއް ބޮކްސް އޮފީހުގައި ނޮވެމްބަރ 26 ގައި ފެނިގެންދާނެ ކަމަށެވެ.

ފިލްމްގެ ޑައިރެކްޓަރ ވަނީ ސަލްމާން ޚާންގެ ދެވަނަ ފިލްމު "އަންތިމް: ދަ ފައިނަލް ޓުރުތު" އަންނަ މަހުގެ 26 ގައި ރިލީޒް ކުރާނެކަން ކަށަވަރުކޮށް ދީފައި ކަމަށެވެ.

މީޑިއާތަކުން ކުރިން ބުނި ގޮތުގައި މިމަހުގެ ފުރަތަމަ ހަފުތާ ތެރޭގައި ސަލްމާންގެ ފިލްމު ރިލީޒް ކުރަން ނިންމާފައި ވާކަމަށެވެ.

އެހެންނަމަވެސް ވާއިތުވި ތިން މަހެއްހާ ދުވަހުގެ ތެރޭގައި "ޓައިގާ 3" ގެ ޝޫޓިން އަށް އިންޑިއާ އިން ބޭރުގައި އުޅެން ޖެހުމުން "އަންތިމް" ގެ ޝޫޓިންގެ ތެރެއިން ފުރިހަމަ ނުކުރެވި ހުރި ބައެއް ޕެޗް ވާކްތައް ޝޫޓް ނުކުރެވި ލަސްވުމާ ގުޅިގެން އަންނަ މަހަށް ފިލްމު ފަސްކުރީއެވެ.

ފޮޓޯ: ހިންދުސްތާން ޓައިމްސް

ޕްރޮޑިއުސަރާއި ހަވާލާދީ މީޑިޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިކަން އިއުލާނު ކޮށްފައިވަނީ ސަލްމާން ޕްރޮޑިއުސްވެސް ކޮށްފައިވާ ފިލްމުގެ މޯޝަން ޕޯސްޓަރަކާއެކު ސޯޝަލް މީޑިއާގައެވެ.

އޭނާގެ ކުންފުނި އެސްކޭއެފާއި ޒީ ސްޓޫޑިއޯސް ގުޅިގެން ގެނެސްދޭ "އަންތިމް" އަންނަ މަހުގެ 26 ގައި ރިލީޒް ކުރަން ނިންމާފައި މިވަނީ މިދިޔަ އަހަރުން ފެށިގެން ކޮވިޑާ ހެދި ފަސްކޮށްފައި އޮތް ޖޯން އަބްރަހަމްގެ "ސަތިއަމޭވް ޖަޔަތޭ 2" ވެސް ހަމަ އެ ތާރީހުގައި އަޅުވަން ތާވަލުކޮށްފައި ވަނިކޮށެވެ.

ޖޯންގެ "ސަތިއަމޭވް ޖަޔަތޭ 2" އަކީ ކޮވިޑާހެދި މިދިޔަ އަހަރުން ފެށިގެން އެކިފަހަރު މަތިން ތާރީހު ބަދަލުކުރަމުން އައި ފިލްމެކެވެ.

އަންނަ މަހުގެ 26 ގައި ފިލްމު ރިލީޒް ކުރާނެކަން އިއުލާންކުރީ މިދިޔަ ހަފުތާގެ ތެރޭގައެވެ.

ފޮޓޯ: ހިންދުސްތާން ޓައިމްސް

މި ފިލްމު މިއަހަރުގެ ފިތުރު އީދާ ދިމާކޮށް މެއި 13 ގައި ސަލްމާންގެ "ރާދޭ" އާ އެކު ގެނެސް ދޭންވެސް ކުރިން ނިންމިއެވެ.

އެކަމަކު އެތާރީހުގައި ސަލްމާންގެ ފިލްމު ރިލީޒް ކުރާތީ "ސަތިއަމޭވް ޖަޔަތޭ 2" ރިލީޒްކުރުން ފަސްކުރީއެވެ.

މި ފިލްމަކީ ޖޯންއާއެކު ޑައިރެކްޓަރު މިލަޕް މިލަން ޒަވޭރީ 2018 ގައި ގެނެސް ދިން "ސަތިއަމޭވް ޖަޔަތޭ" ގެ ދެވަނަ ބައެވެ.

ސަލްމާނާއި ޖޯން އަލުން ބޮކްސް އޮފީހުގައި ކުރިމަތިލުމަކަށް ދިއުމަކީ ދެފިލްމުގެ ވާދަ ވެރިކަން ބޮޑުވާނެ ކަމެއް ކަމަށް އިންޑިޔާގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.