ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ރައީސް ކަމަށް މަރިޔަމް މުނާ އަދި ނައިބު ރައީސް ކަމަށް ޑރ. އަހުމަދު އަދުހަމް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފިއެވެ.

އެ ދެބޭފުޅުން މަގާމަށް އައްޔަން ކުރަން ފެންނަކަމަށް ނިންމާފައިވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމުގައެވެ.

އެ ދެ ބޭފުޅުންވެސް އެޗްއާރުސީއެމްގެ މެމްބަރުކަމަށް އައްޔަނުކުރީ ވަރަށް ފަހުން ކަމަށްވެފައި އަދި އެޗްއާރުސީއެމްގެ މެމްބަރުކަމަށް ކޮންމެ ބޭފުޅަކުވެސް އައްޔަނުކުރީ ވަަރަށް ބޮޑަށް ދިރާސާ ކުރުމަށްފަހު ކަމަށް ވާތީ، މުނާ އާއި އަދުހަމް އައްޔަން ކުރަން ނިންމާފައިވަނީ އަލުން އިންޓަވިއު ކުރުމެއް ނެތިއެވެ.

ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ، މުނާއަކީ ރައީސް ކަމަށް ގާބިލް ކަނބަލެއް ކަމަށެވެ. އެގޮތުން، ހިންގުމުގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށް ތަޖްރިބާހުރިކަން ޖީހާން ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި، އަދުހަމަކީވެސް ނައިބު ރައީސްކަމަށް ވަރަށް ގާބިލް ބޭފުޅެއް ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

އެޗްއާރްސީއެމްގެ އިސްވެރިން އައްޔަންކުރަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، މުނާ އާއި އަދުހަމްގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުއެވެ.

އެޗްއާރްސީއެމްގެ މެމްބަރުންގެ ގޮތުގައި މިވަގުތު ތިއްބަވަނީ ޑރ. އަހްމަދު އަދުހަމް އަބްދުﷲ އާއި މަރިޔަމް މުނާ އާއި މޫމިނާ ވަހީދާއި، އައިމިނަތު ޝިފާއަތު އަބްދުއްރައްޒާގްގެ އިތުރުން ސަމާއު އަހުމަދު ނަޖީބެވެ.