އޮކްޓޯބަރ 2 ވަނަ ދުވަހު ބާއްވަން ކުރިން ނިންމި އިސްރަށްވެހިންގެ ދުވަހުގެ ހަރަކާތްތައް ވިއްސާރަވުމުގެ ސަބަބުން ފަސްކުރުމަށް ފަހު އަންނަ ހޮނިހިރު ދުވަހު ބާއްވަން އެޗްޑީސީން ނިންމައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް އަދި ދިރާގާ ގުޅިގެން މިހަރަކާތް ބާއްވަން ނިންމައިފަވަނީ ކުރިންވެސް މިހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ގޮތަށް ހުޅުމާލޭގައެވެ.

އެޗްޑީސީން ބުނީ، އިސްރަށްވެހިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އޮކްޓޯބަރު މަހުގެ 16 ވަނަ ދުވަހު ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައި ހޮނިިހިރު ދުވަހު ހެނދުނު 0630 އިން 0830 ކަމަށެވެ.

ދިރާގާއި އެޗްޑީސީ އަދި ކޮމިއުނިޓީ ނާސް ވޮލެންޓިއާސް ގުޅިގެން ކުރިއަށް ގެންދާ މިހަރަކާތުގައި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވާން ބޭނުންނަމަ 7924392 އަށް ގުޅައި، އެޗްޑީސީގައި ރަޖިސްޓްރީވާން ޖެހޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

މިހަރަކާތުގައި އިސްރަށްވެހިންނަށް ހާއްސަ ކޮށްގެން ރައްޓެހިންގެ ގްރޫޕްތަކާ އެކު ބައިވެރިވެވޭ ގޮތަށް ބޯޑް ގޭމުތަކާއި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ބާރުއަޅާ ގިނަ މައުލޫމާތުތަކެއް ދޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އަދި އެމީހުންގެ ހަކުރާއި ލޭގެ ޕްރެޝަރު ބަލައިލުން ފަދަ ހިދުމަތްތައް ވެސް އެދުވަހު ލިބޭނެއެވެ.

މިއަހަރު އިސްރަށްވެހިންގެ ދުވަހުގެ ތީމަކީ "ޑިޖިޓަލް އިކުއިޓީ ފޯ އޯލް އޭޖަސް" އެވެ.

ތީމާ ގުޅުވައިގެން ދިރާގުން ގިނަ ހިދުމަތްތަކެއްވެސް ކުރިއަށްދިއުމަށް ހަމަޖެހިފައި ވެއެވެ.

އެޗްޑީސީން ބުނި ގޮތުގައި އެހިދުމަތްތައް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޑިޖިޓަލް އާލާތްތައް ބޭނުން ކުރުމަށް އަހުލުވެރި ކުރުވުމާއި މައުނަވީ ގޮތެއްގައި ބައިވެރިވުމަށް ބާރު އެޅުމާއެކު ހޭލުންތެރިކަން އިތުރު ކުރުމެވެ.

.