ހަރުދަނާ އުސޫލެއް އެކުލަވާލައި ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ވަރުގަދަކޮށް، ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ރައްޔިތުންގެ ގެއްލިފައިވާ ފައިސާއާއި މުދާ އަވަހަށް ހޯދުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ޓްރާންސްޕޭރެންސީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންތަކަކަށް ދައުވާކޮށްދިނުމަށް އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހަށް ހުށަހަޅާފައިވާއިރު، އެމީހުންނަށް ފިޔަވަޅު އަޅަންދެން މަގާމުގައި ބޭތިއްބުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

ރައީސް އޮފީހުން އަމަލުކުރަމުން އަންނަ އާ އުސޫލުގެދަށުން، ތުހުމަތުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅާނީ ޕީޖީން ދައުވާކުރުމުން ކަމަށްވެސް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

މި އައު އުސޫލުގެ ދަށުން، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގަށް ފަހު، ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ދައުވާކުރުމަށް ފޮނުވާފައިވާ، މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް، އަހުމަދު މަހުލޫފުގެ ސަސްޕެންޝަން އުވާލައި، އެމަނިކުފާނު އަނބުރާ އޮފީހަށް ނިކުތުމަށް އަންގާފައިވާކަންވެސް ޓްރާންސްޕޭރެންސީން ފާހަގަކޮށްފައި ވެއެވެ.

އަލަށް އެކުލަވާލެވުނު އުސޫލުގެ ދަށުން، ތުހުމަތުކުރެވޭ ފަރާތްތައް މަގާމުގައި ދެމިތިބުމަކީ، މަގާމުގެ ނުފޫޒާއި ބާރު ބޭނުންކޮށްގެން، ތަހުގީގަށް އަސަރުފޯރުވުމާއި، ހެކި ނައްތާލުންފަދަ ކަންކަން ކުރުމަށް މަގުފަހިކުރުވާނެ ކަމެއްކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.

ޓްރާންސްޕޭރެންސީން ބުނީ، ހާމަކަމެއް ނެތްގޮތެއްގައި އެކުލަވާލެވޭ މިފަދަ އުސޫލުތަކަކީ، ކޮރަޕްޝަނާ ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ވަކި ނިޒާމެއްގެ މައްޗަށް ބިނާކުރުމެއްނެތި މިފަދައިން ކަންކަން ކުރުމަކީ ކޮރަޕްޝަންގެ މައްސަލަތަށް ތަހުގީގު ކުރުމާއި އެފަދަ ތުހުމަތު ކުރެވޭ ފަރާތްތަކަށް ހަމަހަމަ ކަމާއިއެކު އިންސާފުގެ ކުރިމައްޗަށް ހާޒިރު ކުރުމަށް ހުރަސްއެޅޭ ކަމެކަމަށް ޓްރާންސްޕޭރެންސީގެ ބާޔާނުގައި ވެއެވެ.

ނޫސްބަޔާނުގައި ޓްރާންސްޕޭރެންސީން ވަނީ، ކޮރަޕްޝަންގެ މައްސަލަތަކުގައި އަމަލުކުރާނެ ހަރުދަނާ ނިޒާމުތަކާއި، އުސޫލުތައް އަވަހަށް އެކުލަވާލައި، އާންމުންނަށް ފަސޭހައިން ފެންނަން ހުންނާނެހެން ހާމަކުރުމަށް ގޮވާލާފައެވެ.

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި، އަދި އެހެން ކޮރަޕްޝަނާއި ގުޅިފައިވާ މައްސަކަތުގައި ތަހުގީގުތައް ހަލުވިދުވެލީގައި ކުރިއަށް ގެންގޮސް، ދައުވާކުރުމަށް ލަސްނުކޮށް ފޮނުވައި، އެކަމުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަށް ހައްގު އަދަބު ތަންފީޒު ކުރުމަށްވެސް ގޮވާލާފައި ވެއެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން ރައްޔިތުންގެ ގެއްލިފައިވާ ފައިސާއާއި މުދާ ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް، އެމުދަލާއި ފައިސާ އަނބުރާ ހޯދުމަށްވެސް ގޮވާލާފައިވެއެވެ.