ގާނޫނީ ފަންނުެ ދަށުން ދަށުން އެކުލަވާލާފައިވާ ގާނޫނީ ވަކީލުންގެ ސުލޫކާ ގުޅޭ ގަވާއިދުތަކަށް ވަކީލުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ދެ ގަވާއިދަކަށް ގާނޫނީ ވަކީލުން އަހުލުވެރި ކުރުވުމާއެކު، ގާނޫނީ ވަކީލުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކުގެ މައްޗަށް ގާނޫނީ ވަކީލުން ހޭލުންތެރިކުރުން ކަމަށް ބާ ކައުންސިލުން ބުނެއެވެ.

ތަމްރީން ޕްރޮގްރާމް ފެށުމުގެގޮތުން ބާ ކައުންސިލްގެ ރައީސް އަލްއުސްތާޛް މައުމޫން ހަމީދު ވަނީ ތމްރީނުގެ ބައިވެރިންނާ މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ. އޭނާގެ ވާހަކަފުޅުގައި ގާނޫނީ ވަކީލުންގެ ސުލޫކުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފައި ވެއެވެ.

މި ތަމްރީނުގައި މައިގަނޑު ގޮތެއްގައި ވަކީލުން ތަމްރީނުކުރަން ހަމަޖެހިފައިވާ ބައިތަކުގެ ތެރޭގައި، ބައިނަލްއަގްވާމީ ގޮތުން ގެންގުޅޭ ގާނޫނީ ވަކީލުންގެ ސުލޫކީ މިންގަނޑުތަކާއި، މިންގަނޑުތައް ހިފެހެއްޓުމަށްޓަކައި ގެނގުޅޭ މައިގަނޑު މަފްހޫމްތަކާއި ހަމަތާއި، ބާ ކައުންސިލުން އެކުލަވާލާފައިވާ ގާނޫނީ ވަކީލުންގެ ސުލޫކީ ގަވާއިދާއި، މިހާރު އަމަލުކުރަމުންދާ ސުލޫކީ މައްސަލަތައް ބެލުމާބެހޭ ގަވާއިދުގެ މުހިންމު ބައިތަށް ހިމެނެއެވެ.

އެގޮތުން، ގާނޫނީ ވަކީލުންގެ ސުލޫކީ މައްސަލައެއް ބާ ކައުންސިލަށް ހުށަހަޅާނެ ގޮތާއި، މައްސަލަތައް ބަލައިގަތުމުގައި ގެންގުޅޭ ހަމަތަކާއި، މައްސަލަތައް ވަޒަންކުރެވޭ ގޮތާއި، އެގްޒެކެޓިވް ކޮމިޓީ އަދި އެތިކްސް ކޮމިޓީގެ ދައުރާއި، ސުލޫކީ ހަމަތައް ހިފެހެއްޓުމުގައި ގާނޫނީ ވަކީލުން ބަލަންޖެހޭ ކަންކަމުގެ މައްޗަށް ބައިވެރިންނަށް ތަމްރީން ފޯރުކޮށްދެވިގެންދާނެ ކަމަށް ބާ ކައުންސިލުން މައުލޫމާތު ދެއެވެ.

މި ޕްރޮގްރާމްގެ ސެޝަންތައް ނަގައިދެއްވާފައިވަނީ އެމެރިކަން ބާ އެސޯސިއޭޝަން އާއި ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީ، އެތިކްސް ކޮމިޓީ، އަދި ސެކްރެޓޭރިއަޓުގެ ކަމާބެހޜޭ ފަންނީ ފަރާތތަކުންނެވެ.

މިތަމްރީނުގެ ފުރަތަމަ ސެޝަން އިއްޔެ ކުރިއަށް ގެންގޮސަފައިވާއިރު، މިބުރަށް ޖުމްލަ 97 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށް ބާ ކައުންސިލުން ބުނެއެވެ.

ބާ ކައުންސިލުން ބުނީ، މި ޕްރޮގްރާމްގެ އިތުރު ބުރުތަކެއް ކުއިއަށް އޮތްތަކުގައި އިންތިޒާމު ކުރެވިގެންދާނެ ކަމަށާއި، މި ޕްރޮގްރާމް އޮންލައިންކޮށް އަދި ފިޒިކަލްކޮށް ބައިވެރިވެގެން ފުރިހަމަކުރުމުގެ ފުރުސަތު ގާނޫނީ ވަކީލުންނަށް ލިބިގެންދާނެ ކަމަށެވެ.