ފުލުހުން ހިންގަމުންދާ ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން، ފާއިތުވި 24 ގަޑިއިރު ތެރޭގައި 100 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައ ފުލުހުންގެ ޑްރަގް އިންޓަލިޖެންސާއި، މެރިން ފުލުހުން އަދި ފުލުހުންގެ ފޮރެންސިކްސް ޓީމް ގުޅިގެން ހިންގި އޮޕަރޭޝަނުގައި 100 ކިލޯގެ ހެރޮއިން ހޯދާފައިވަނީ 10 ތަނެއް ބަލައި ފާސްކުރުމަށް ފަހު ކަމަށެވެ.

އަދި، މި އޮޕަރޭޝަނުގައި 10 މީހުން ހައްޔަރުކޮށްފައިވާ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ.

މާލޭގެ ގޭގޭގައި ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ތަންތަން ބަންދުކުރުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއްވެސް ފަށާފައެވެ. އެގޮތުން، އެފަދަ ތަންތަން ހިންގާ 25 ގެއެއްގެ ވެރިފަރާތަށް ވަރަށް ފަހުން ގާނޫނީ އިންޒާރު ދީފައިވެއެވެ.

މި އޮޕްރޭޝަނާއި ގުޅޭ އިތުރު ތަފްސީލެއް ސީޕީ ދެއްވާފައެއް ނުވެއެވެ. ނަމަވެސް، މި އޮޕަރޭޝަންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށް ސީޕީ ވިދާޅުވިއެވެ.