އުތުރުތިލަފަޅު އެއްބަސްވުމުގައި ހުރި ބައެއް މައުލުމާތުތައް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް އަންގައިފިއެވެ.

އުތުރުތިލަފަޅު އެއްބަސްވުމުގައިވާ މައިގަނޑު ހަ ކަމެއްގެ ތަފްސީލް ހޯދުމަށް "ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހުމަދު އަޒާން ސިޓީއަކުން އެމްއެންޑީއެފްގައި އެދުމުން، އެމްއެންޑީއެފުން ވަނީ، އެއީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެކަމެއް ކަމަށް ބުނެ އެމައުލޫމާތުތައް ހިއްސާކުރަން އިންކާރުކޮށްފައެވެ.

އެހެންކަމުން ނޫސްވެރިޔާ އަޒާން ވަނީ، އެ މައްސަަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައަޅާފައެވެ.

އެ މައްސަލައާއި ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި މިއަދު އޮތް އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ ޑިފެންސް މިނިސްޓްރީން ބުނި ގޮތަށް އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ މައުލޫމާތަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ މައުލޫމާތު ކަމުގައި ގަބޫލުނުކުރެވޭ ކަމަށެވެ.

އަދި އޭގެ ތެރެއިން ބައެއް މައުލޫމާތުތަކަކީ މީގެ ކުރިން އެމްއެންޑީއެފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހިއްސާކޮށްފައި ހުރި މައުލޫމާތުތަކެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ފާހާގަކޮށްފައިވާ ކަމަށްވެސް އާހިދު ވިދާޅުވިއެވެ.

އެއްބަސްވުމާއި ގުޅޭގޮތުން ހޯދަން އެދުނު މައުލޫމާތު:

  1. އެއްބަސްވުމުގެ ދަށުން ތިބޭ ޓެކްނިކަލް މީހުން ނިސްބަތްވާ މުއައްސަސާ
  2. އެ މީހުން ރާއްޖޭގައި ތިބޭނެ މުއްދަތު
  3. އެއްބަސްވުމުގެ ދަށުން ތިބޭ ޓެކްނިކަލް މީހުންގެ އަދަދު
  4. އެއްބަސްވުމުގެ ދަށުން ދީފައިވާ ލޯނުގެ އިންޓްރެސްޓާއި، އަނބުރާ ދައްކަން ޖެހޭ މުއްދަތުގެ ތަފުސީލު
  5. އެތެނުގައި ތިބޭ ޓެކްނިކަލް މީހުންނަށް ޑިޕްލޮމެޓިކް އިމިއުނިޓީ ލިބޭ ނަމަ އޭގެ ތަފުސީލު
  6. ޓެކްނިކަލް މީހުންގެ ހުރުމާއި، ކެއިން ބުއިމުގެ ހަރަދުތަކާ ގުޅޭ ތަފުސީލުތައް

އެއްބަސްވުމުގެ ލޯނާ ގުޅޭ މައުލޫމާތު ހިއްސާނުކުރީ އެއީ ވުޒާރާއިން ސޮއިކުރި އެއްބަސްވުމަކަށް ނުވާތީ ތަފްސީލްތައް ނެތުމުން ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. ނަމަވެސް، އެއީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނާ ހިލާފަށް މިނިސްޓްރީން ކޮށްފައިވާ ކަމެއް ކަމަށާއި، ކަމާގުޅޭ އިދާރާއަކުން އެ މައުލޫމާތު ހޯދުމަކީ ގާނޫނުގައި ބުނާ ގޮތް ކަމަށް އާހިދު ވިދާޅުވިއެވެ.

މީގެއިތުރުން، ޑިފެންސް މިނިސްޓްރީން ގާނޫނުގައި ބުނާ ގޮތަށް އަމަލުކޮށްފައި ނުވާތީ އިންފޮމޭޝަން ކޮމިޝަނަރު ވަނީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހެޅޭ ހުށަހެޅުންތަކާ ގުޅިގެން އެ ގާނޫނުގައި ބުނާ ގޮތަށް އަމަލުކުރަން މިނިސްޓްރީއަށް އަންގާފައެވެ.

އުތުރުތިލަފަޅުގައި ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާ އެކު އެއްބަސްވުމުގައި ސޮއިކުރީ މި އަހަރުގެ ފެބްރުއަރީ މަހުއެވެ. ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދަމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން ވެސް ވަނީ އެ އެއްބަސްވުން ކޮމިޓީއާ ހިއްސާކުރަން އެދިފައެވެ.