ހުޅުމާލޭގައި އަލަށް ހެދި މިސްކިތް، "މަސްޖިދު މުޙައްމަދު" މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.

އެމަނިކުފާނު މި މިސްކިތް ހުޅުއްވައިދެއްވާފައިވަނީ، މިއަދު ހަވީރު ހުޅުމާލޭގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

"މަސްޖިދު މުޙައްމަދު" މިސްކިތަކީ، ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީގައި ޢިމާރާތްކޮށްފައިވާ، 760 މީހުންގެ ޖާގައިގެ މިސްކިތެކެވެ. ހުޅުމާލޭ ފޭސް 1 ގައި ދެ ފަންގިފިލާއަށް ޢިމާރާތްކޮށްފައިވާ މި މިސްކިތުގައި އަންހެނުނަށް ނަމާދުކުރެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.

މި މިސްކިތް އިމާރާތްކުރަން ފަށާފައިވަނީ 18 ޖުލައި 2019 ގައެވެ. އަދި މިއަހަރުގެ 10 އޮކްޓޫބަރު ވީ އާދިއްތަ ދުވަހު މި މިސްކިތުގައި އިތުރަށް ފުރިހަމަކުރަން ހުރިކަންކަން ވަނީ މުޅިން ފުރިހަމަކޮށް ނިންމާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މިސްކިތް ހުޅުއްވައިދެއްވުމަށްފަހު، މި މިސްކިތުގައި މިއަދުގެ އަޞުރު ނަމާދު ވަނީ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އިތުރުން މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒާހިރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.