ފުރަތަމަ ފަހަރަށް އަމިއްލަ ގައުމުގައި މުޅި ސާފް ޗެމްޕިއަންޝިޕް ބޭއްވުމުގެ ފުރުސަތު ލިބި، އަމިއްލަ ފަސްގަނޑުގައި ތަށި އުފުލާލަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފި، މިލިބުނު ނާކާމިޔާބީގެ ފުރިހަމަ ޒިންމާ އަމިއްލަ އަށް ނަގާކަމަށް ގައުމީ ޓީމުގެ ކޯޗް އަލީ ސުޒެއިން ވިދާޅުވެއްޖެއެވެ.

މުބާރާތުގައި ރާއްޖެއިން ކުޅުނު އެންމެފަހު މެޗުގައި އިންޑިއާ އަތުން ބަލިވެ މުބާރާތުގެ ފައިނަލަށް ދިއުމުގެ ފުރުސަތު ރާއްޖެއަށް ގެއްލި މުބާރާތުން ކަޓާފައިވާއިރު މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ސުޒެއިން ވިދާޅުވީ މެޗުގައި ކުޅުންތެރިން ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި ދެއްކި ކުޅުމަށް ތައުރީފު ހައްގު ކަމަށެވެ.

އެހެންނަމަވެސް ރޭގެ މެޗުގައި ރާއްޖެ ކޮޅަށް ވަން ތިން ލަނޑުގެ ތެރެއިން ދެލަނޑަކީ ތަންކޮޅެއް ސްފްޓް ދެގޯލުކަން ސުޒެއިން ފާހަގަކުރެއްވިއެވެ. އެއީ ކޮންސަންޓްރޭޝަން ދަށްވެގެން ނުވަތަ ހިލޭޖެހުންތަކަށް ރަނގަޅަށް ތައްޔާރުނުވެވުމުގެ ސަބަބުން ދިމާވި ކަމަކަށް ވެދާނެކަމަށް ސުޒޭން ވިދާޅުވިއެވެ.

ސުޒެއިން އިތުރަށް ވިދާޅުވީ މުބާރާތުގައި ކުރިމަތިވި ނާކާމިޔާބީގެ 100 އިންސައްތަ ޒިންމާ ނަންގަވާ ކަމަށާއި، އެހެންނަމަވެސް މިއީ ދިވެހި ކޯޗުންނަށް މިކަން ނުވާނެކަން ހާމަވިކަމެއް ނޫންކަމަށެވެ. އަދި މުބާރާތުގެ ސްޓެޓިސްޓިކްސް އާއި އެހެނިހަން ކަންކަމަށް ބަލާނަމަ އުންމީދީ ކަންތައްތަކެއް ހާސިލްވެފައިވާކަން ފާހަގަކުރައްވާ ސުޒެއިން ވިދާޅުވީ މި މުބާރާތުގެ ނަތީޖާއަށް ބިނާކޮށް ދިވެހި ކޯޗިންގ ސްޓާފުންގެ ޓީމަކާ ގައުމީ ޓީމު ހަވާލުނުކުރަން ނުޖެހޭ އެއްވެސް ފެކްޓެއް ނެތްކަމަށެވެ.

"ނާކާމިޔާބީގެ 100 އިންސައްތަ ޒިންމާ އަޅުގަނޑު ނަގަން. އެކަމު ދިވެހިންނަށް މިކަން ވާނެ. މިކަން ވާނެކަމުގެ ރަނގަޅު ޕޮޒިޓިވް ކަންތައްތަކެއްވެސް މުބާރާތުގަ ފެނިގެންގޮސްފި. އަޅުގަނޑުމެން އެންމެންވެސް މިތިބީ މާޔޫސްވެފަ. އެހެންނަމަވެސް މިއީ ދިވެހިންގެ ކޯޗިން ކެރިއަރުގަ ދުވަހަކުވެސް ދިވެހި ގައުމީ ޓީމެއް ހަވާލުކުރަން ނުވާނެކަމަށް ނިންމަން ހަމަ އެއްގޮތަކަށްވެސް އެއްެވެސް ފެކްޓެއް އަދި އެއްވެސް ބޭސިސް އެއްވެސް އޮތްކަމެއް ނޫން".
އަލީ ސުޒެއިން

ސުޒެއިން މިފަދައިން ވިދާޅުވެފައިވާއިރު ގައުމީ ޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވުމަށްފަހު އެންމެފުރަތަމަ ނޫސްވެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސުޒެއިން ވަނީ މިއީ ދިވެހި ކޯޗުންނަށް މިކަން ކުރެވިދާނެކަން ސާބިތުކޮށްދޭން ލިބުނު ފުރުސަތެއް ކަމަށް ވިދާޅުވެފައެވެ.

100 އިންސައްތަ ދިވެހި ކޯޗިންގ ސްޓާފުންގެ ޓިމަކާއެކު ސާފް ޗެމްޕިއަންޝިޕަށް ދިވެހި ގައުމީ ޓީމު ނުކުތީ މުބާރާތް ކާމިޔާބުކުރުމުގެ ފޮނި އަޒުމުގައެވެ. އެހެންނަމަވެސް ބުދަ ދުވަހުގެރޭ އިންޑިއާ އަތުންވީ ބައްޔާއެކު މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ރާއްޖެއަށް ގެއްލުނު ނަމަވެސް ރާއްޖެއަށް ވަނީ މުބާރާތުގެ ތިންވަނަ ލިބިފައެވެ.

ރައުންޑް ރޮބިން އުސޫލުން މުބާރާތް ކުރިއަށްދާއިރު ފައިނަލްގައި ވާދަކުރާނީ އިންޑިއާ އާއި ނޭޕާލް އެވެ. މިދެޓީމުންވެސް ވަނީ މިފަހަރުގެ މުބާރާތުގައި ރާއްޖެ ޓީމުގެ މައްޗަށް ކުރިހޯދާފައެވެ.