އދ. ހަންޏާމީދޫގައި އަމިއްލަ ފަރުދަކު އިސްނަގައިގެން "ވިވާ ބީޗް އެންޑް ސްޕާ ހަންޏާސް ކަޕް 2021" ގެ ނަމުގައި ފުޓްސަލް މުބާރާތެއް ފަށާ، ރަށަށް ފުޓްސަލްގެ ބޮޑު ޢީދެއް ގެނުވައިފިއެވެ.

މިއަދު ހަވީރު މުބާރާތުގެ ފުރަތަމަ މެޗުތައް ކުޅެން ފަށާފައިވާއިރު މިހާތަނަށް ޖުމްލަ ދެމެޗު ވަނީ ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ޑީޓުއަރ އެފްސީ އާއި އެފްސީ ސްލެޔަރސް ބައްދަލުކުރިއިރު ދެވަނަ މެޗުގައި ފެނިގެންދިޔައީ ޔުނައިޓެޑް ފަހުލަވާނު އާއި ޓީމް ޑިފެންޑާސްގެ ކުރިމަތިލުމެކެވެ.

ވީވާ ބީޗް އެންޑް ސްޕާ ހަންޏާޒް ކަޕް 2021

މުބާރާތުގެ ފުރަތަމަ މެޗުގައި އެފްސީ ސްލެޔާރސް އިންވަނީ ޑީޓުއަރގެ މައްޗަށް ކުރިހޯދާފައެވެ. ހަންޏާމީދޫ ފުޓްސަލް ދަނޑުގައި މުބާރާތުގެ މެޗުތައް ކުޅެމުންދާއިރު އެފްސީ ސްލެޔަރސް އިން ފުރަތަމަ މެޗު ކާމިޔާބުކުރީ 5-8 ގެ ނަތީޖާއަކުންނެވެ.

ސްލެޔާސް އާއި ޑީޓުއަރ ބައްދަލުކުރި މެޗުގެ ތެރެއިން

ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން މިމުބާރާތުގައި ކުޅެމުންދާއިރު ފުރަތަމަ މެޗުގައި ޑިޓުއަރ އެފްސީ ޓީމުގެ 10 ނަމްބަރު ޖާޒީގައި ކުޅެފައިވަނީ ރާއްޖޭގެ ފުޓްސަލްގެ ރަސްގެފާނެއްގެ ގޮތުގައި ބެލެވޭ އަޔާޒް އަހްމަދު (އަޔާ) އެވެ. މެޗުގައި އަޔާގެ ފަރާތުން މޮޅުކުޅުމެއް ފެނިގެންގޮސްފައިވާއިރު އޭނާ ވަނީ ތިންލަނޑުވެސް ޖަހާފައެވެ.

ސްލެޔާސް އާއި ޑީޓުއަރ ބައްދަލުކުރި މެޗުގެ ތެރެއިން

ގިނަ ލަނޑުތަކެއް ފެނިގެންދިޔައ ފޯރިގަދަ މިމެޗުގައި ސްލެޔާސްގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ޝިފާއު އާދަމް އާއި އަލީ މުނާޒްގެ އިތުރުން އަހްމަދު ރިއުޝާން އެވެ. މީގެތެރެއިން މުނާޒް އާއި ރިއުޝާން ތިންލަނޑު ޖަހާފައިވާއިރު ޝިފާއު ވަނީ ދެލަނޑު ޖަހާފައެވެ.

ޑީޓުއަރގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަޔާގެ އިތުރުން މުހަންމަދު ޒައިދު އާއި މުހަންމަދު ވިލްފް އެވެ.

ފުރަތަމަ މެޗުގެ މޮޅުކުޅުންތެރިޔާ

ފުރަތަމަ މެޗުގެ އެންމެމޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސްލެޔާސް ޓީމުގެ އަހްމަދު ރިއުޝާން އެވެ.

ޓީމް ޑިފެންޑާސް އާއި ޔުނައިޓެޑް ފަހުލަވާނު ބައްދަލުކުރި މެޗުގެ ތެރެއިން

ފުރަތަމަ މެޗު ކާމިޔާބުކޮށް ސްލެޔަރސް އިން މުބާރާތުގެ ފެށުން ރަނގަޅުކުރިއިރު ދެވަނަ މެޗުގައި ޓީމް ޑިފެންޑާސް އިންވަނީ 1-4 ގެ ނަތީޖާއަކުން އެފްސީ ފަހުލަވާނުގެ މައްޗަށް ކުރިހޯދާފައެވެ.

މެޗުގައި ފަހުލަވާން ޓީމުންޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އަހްމަދު ސުޖާއު (އަންމަޑޭ) އެވެ. ޓީމް ޑިފެންޑާސް އިން މެޗުގައިޖެހި ލަނޑުތަކުގެ ތެރެއިން ހުސެއިން އަލީ (އަޗޭ) އާއި ހުސެއިން ސުހައިލް (ސޮކޭ) ވަނީ ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބު ކޮށްފައެވެ.

ދެވަނަމެޗުގެ މޮޅު ކުޅުންތެރިޔާ

މި މެޗްގެ މޮޅު ކުޅުންތެރިޔާއަކީ ޑިފެންޑާާސް ގެ ހުސެއިން އަލީއެވެ.

ޖުމްލަ 5 ޓީމު ބައިވެރިވާ މި މުބާރާތުގައި މާދަމާ ފަސްމެޗެއް ކުޅޭނެއެވެ. މާދަމާ ކުޅޭ ފުރަތަމަ މެޗުގައި ޑީޓުއަރ އެފްސީން ޓީމް ޔޫ.ވީ.ޔޫ.އެޗް.ޑީ އާއި ދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ކުޅޭނީ އެފްސީ ސްލެޔަރސް އާއި ޓީމް ޑިފެންޑާސް އެވެ.

ރައުންޑް ރޮބިން އުސޫލުން މުބާރާތުގެ ފޯމެޓް ރާވާފައިވާއިރު ފައިނަލްގައި ކުޅޭނީ ލީގު އުސޫލުން ކުޅޭ މެޗުތަކުން އެންމެގިނަ ޕޮއިންޓު ހޯދާ ދެޓީމެވެ.

"ވީވާ ބީޗް އެންޑް ސްޕާ ހަންޏާސް ކަޕް 2021" ފުޓްސެލް މުބާރާތަކީ "ހަންޏާސް ކަޕް" ގެ 2 ވަނަ މުބާރާތެވެ. 2020 ވަނަ އަހަރު މިމުބާރާތުގެ ފުރަތަމަ އެޑިޝަން ބޭއްވިއިރު އެމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެފް.ސީ ސްލޭޔާރސް އެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވީމީޑިއާއެވެ. މިމަހުގެ 16 ވަނަ ދުވަހުގެ ހަވީރު ކުޅޭ މިމުުބާރާތުގެ ފައިނަލްމެޗު ވީމީޑިއާގެ ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ފައިނަލް މެޗުކުޅޭނީ އެދުވަހުގެ ހަވީރު 16:00 ގައެވެ.