އިޓަލީގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމުގެ މަޤްސަދުގައި ވިޒިޓް މޯލްޑިވްސް އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް 2021 ގައި ބައިވެރިވެއްޖެއެވެ.

މި ހަރަކާތް ކުރިއަށް ދާނީ އޮކްޓޫބަރު މަހުގެ 13 އިން 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް އަކީ އިޓަލީގައި ބާއްވާ ފަތުރުވެރިކަމާ ގުޅުހުންހުރި އެންމެ ބޮޑު އެއް ހަރަކާތެވެ. ޓީޓީޖީ އަކީ އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ޓްރެވަލް އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުން ބައިވެރިވެ ދުނިޔޭގެ އެކި ފަތުރުވެރިކަމުގެ މަންޒިލްތަކާއި ހިދުމަތްދޭަ ފަރާތްތަކާއި އެއްތަނަކުން ބައްދަލުކޮށް، ނެޓްވޯކް ކުރުމަށް ފުރުސަތުދޭ ހަރަކާތެކެވެ.

ޓީޓީޖީގައި ދުނިޔޭގެ ފަތުރުވެރިކަމުގެ މަންޒިލްތަކާއި، ފަތުރުވެރިކަމުގެ ހިދުމަތްދޭ އެކި ފަރާތްތަކުން ބައިވެރިވެއެވެ. އަދި އިޓަލީ ފަތުރުވެރިންނަށް ހުރި ފަތުރުވެރިކަމުގެ ފުރުސަތުތައް ހާމަކޮށްދެއެވެ.

މި ހަރަކާތުގައި އިޓަލީ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކޮށް، ރާއްޖެއަކީ އިޓަލީ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި މަންޒިލްގެ ގޮތުގައި އިޝްތިހާރުކުރެވޭނެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އެންމެ ފަހުގެ މައުލޫމާތު އިޓަލީގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާ ހިއްސާކުރުމުގެ އިތުރުން ރާއްޖޭގެ ރިސޯޓް، ހޮޓެލް، ގެސްޓްހައުސް، ލިވަބޯޑްތަކުގެ މައުލޫމާތާއި، ރާއްޖޭން ފަތުރުވެރިންނަށް ލިބެން ހުންނަ ތަފާތު ތަޖުރިބާތަށް ޕްރޮމޯޓްކުރެވޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.

ޓީޓީޖީގައި ގިނަ އެގްޒިބިޓަރުންތަކެއް ބައިވެރިވަމުންދާއިރު، މި ހަރަކާތުގެ ތިން ދުވަހުގެ ތެރޭގައި ބައިވެރިންނާއި އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކުގެ މެދުގައި ގިނަ ބައްދަލުވުންތަކާއި، ސެމިނާ އަދި ނެޓްވޯކިން ސެޝަންތައް ބޭއްވޭނެއެވެ.

ވިޒިޓް މޯލްޑިވްސްއާއެކު ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސްގައި ރާއްޖޭގެ 8 އިންޑަސްޓްރީ ޕާޓްނަރުން ދަނީ ބައިވެރިވަމުންނެވެ.