އާދަޔާ ޚިލާފަށް ފެން ބިލް ބޮޑުވެފައިވާ ފްލެޓްތަކަށް ބިލްކޮށްފައި ނުވާނެކަމަށް މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީން ބުނެފިއެވެ.

އެމްޑަބްލިޔުއެސްސީން މިކަން ހާމަކޮށް ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތުގެ ނަމަށް ފެން މީޓަރުގެ ރަޖިސްޓްރީ ބަދަލުކޮށް ބިލްކުރަމުން އަންނަކަމަށެވެ.

އަދި ފެން ބިލް އާދަޔާޚިލާފަށް ބޮޑުވެފައިވާކަން ފާހަގަކުރެވޭ ނަމަ، އެ ފްލެޓްއެއްގެ ވެރިފަރާތާއި ގުޅާ އެކަން ފުލެޓްތަކުގެ ވެރިންގެ ސަމާލުކަމަށް ގެންނަމުން އަންނަ ކަމަށެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ ފްލެޓްތަކުން ރީޑިންގނަގައި ބިލްކުރަން ފަށާފައި ވީނަމަވެސް، އާދަޔާހިލާފަށް ފެން ބިލް ބޮޑުވެފައިވާ ފްލެޓްތަކަށް ބިލް ކޮށްފައިނުވާނެ ކަމަށެވެ.

މީޑިއާގައި މިހާރު ދައުރުކުރަމުން ގެންދާ 6 ލައްކަ ރުފިޔާގެ ފެން ބިލަކީ އެކުންފުނިން ފޮނުވާފައިވާ ބިލެއް ނޫންކަމަށްވެސް އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ފެން ބިލުގައި މައްސަލައެއް އުޅޭކަން ފާހަގަކުރެވޭ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަމްބަރ 105 މެދުވެރިކޮށް އެކަން އެކުންފުނީގެ ކޯލް ސެންޓަރަށް ހުށައެޅުމަށް އެމްޑަބްލިއުއެސްސީން ވަނީ އެދިފައެވެ.

އެމްޑަބްލިޔުއެސްސީން ބުނެފައިވަނީ އެކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތުގައި ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ކަމާއެކު ކުންފުނީގެ ޚިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

ހިޔާގެ ބައެއް ފްލެޓްތަކުގެ ފެން ބިލު ބޮޑުވެފައިވާކަން އެ ކުންފުނިން މިމަހުގެ ކުރީކޮޅު ވަނީ ހާމަކޮށްފައެވެ.

އެގޮތުން ފެން ބިލް ބޮޑުވުމަށް މައިގަނޑު ގޮތެއްގައި ދިމާވާ އެއް ސަބަބަކީ އެޕާރޓްމަންޓް ތަކުންނާއި ގޭގެ ފެން ވައަރިން އަދި ވޭލްތަކުން ނުވަތަ އިސްކުރުތަކުން ފެން ލީކުވުންކަމަށްވެސް އެކުންފުނިން ބުނެފައިވެއެވެ.

އެހެންކަމުން، ހުރިހާ ކަސްޓަމަރުންވެސް އެޕާރޓްމެންޓްތަކުގައި ފެން ލީކެއް އުޅޭތޯ ބަލައި އެކަމަށް ސަމާލުކަން ދިނުން ވަރަށް މުހިންމުކަމަށް އެމްޑަބްލިއުއެސްސީން ކުރިން ބުނެފައިވެއެވެ.

ހިޔާ ފްލެޓްތަކަށް ފެނުގެ ހިދުމަތް ދީފައިވާއިރު ފްލެޓްގެ ތަޅުދަނޑި ހަވާލުވި ނަމަވެސް އަދި ދިރިއުޅެން ނުފަށާ ފްލެޓްތަކުގެ އިސްކުރުތަކާއި ވޭލްތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުމަށް ސަމާލުކަން ދިނުމަށް އެމްޑަބްލިޔޫއެސްސީން ވަނީ އިލްތިމާސް ކޮށްފައެވެ.

ހިޔާ ފެލްޓްގައި ބައެއް ފަރާތްތަކުން މިހާރު ދިރިއުޅެން ފަށާފައިވާއިރު އެސަރަހައްދުގައި އަސާސީ ހިދުމަތްތައް އެންމެ ފުރިހަމައަށް ލިބިގެން ނުދާތީ ފްލެޓް ލިބުނު ފަރާތްތަކުން އަންނަނީ ޝަކުވާ ކުރަމުންނެވެ.