މި ހިނގާ 2021 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައިން މައްޗަށް އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ "މޯލްޑިވްސް ޓުއަރިޒަމް އަޕްޑޭޓްސް"ގައި ވާގޮތުން، މިއަހަރުގެ މިހާތަނަށް 923،146 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 409،434 ފަތުރުވެރިންނެވެ. އަދި 2019 ވަނަ އަަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،310،428 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ދުވާލެއްގެ މައްޗަށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ހުރީ 3،228 ގައެވެ.

މިއަހަރުގެ މިހާތަނަށް ނުވަ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. ޒިޔާރްތްކުރި ފަތުރުވެރިންގެ 23 އިންސައްތަ އެގައުމުން ހިއްސާކުރާއިރު، މިއީ 211،062 ފަތުރުވެރިންނެވެ. 177،321 ފަތުރުވެރިން ރަޝިއާއިން ޒިޔާރަތްކޮށްފައިވާރު، ޖަރުމަނުވިލާތުން 60،463 ފަތުުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ، އެމެރިކާ، ސައުދީ އަރަބިއްޔާ، ޔޫކްރެއިން، ސްޕެއިން އަދި އިނގިރޭސިވިލާތެވެ.

ރާއްޖޭން ބޭރުގެ 33 އެއާލައިނަކުން ރާއްޖެއަށް މިހާރު ދަތުރުކުރާއިރު، އެންމެ ގިނަ ފަތުުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވަނި އެމިރޭޓްސް މެދުވެރިކޮށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިދިޔަ އަހަރުގެ ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލިފަހުން، ފަތުރުވެރިންނަށް ހިދުމަތްދޭ 890 ތަނެއް މިހާރު ވަނީ ހުޅުވާލާފައެވެ.

މީގެތެރޭގައި ހިމެނެނީ، 157 ރިސޯޓާއި، 589 ގެސްޓްހައުސްގެ އިތުރުން 144 ސަފާރީއެވެ. މިއީ 51،182 ބެޑް ކެޕޭސިޓީއެވެ.

ރާއްޖެއަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލަކަށް ހެދުމުގެ ގޮތުން، ޓުއަރިޒަމް މިނިސްޓްރީން ފެށި ވެކްސިން ޕްރޮގްރާމުގެ ދަށުން މިހާތަނަށް 93 އިންސައްތަ ރިޒޯޓް މުވައްޒަފުން ވަނީ ވެކްސިން ފުރިހަމަކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ނުވަ ލައްކައިން މައްޗަށް އަރާފައިވާއިރު، ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމުވެ.