ރާއްޖޭގައި އޯގަނިކް ފާމިންގ އަށް އޮތް ބާޒާރު ކުޑަ ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަނޑޫދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އޯގަނިކް ފާމިން އަށް މާކެޓް އެބައޮތް ކަމަށާއި އުފައްދާ ތަކެތީގައި ތަންކޮޅެއް އަގު ބޮޑުވިނަމަވެސް އޯގަނިކް ފާމިންގ އަށް ރާއްޖޭގައި އޮތް ބާޒާރު ކުޑަ ނޫން ކަމަށެވެ.

އަދި މިކަމަކީ މިއަދު ދަނޑުވެރިކަން ފުޅާކުރަމުންދާ އިރު ވިސްނަންޖެހިފައިވާ ކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ދަނޑުވެރިކަން ކުރާއިރު ކެމިކަލްގެ ބާވަތްތައް ބޭނުންނުކޮށް ހައްދާ ބާވަތްތައް ބޮޑު އަގުގައި ބާޒާރުގައި ވިކޭނެ ކަމަށް ވިދާޅުވެފައެވެ.

އާދެ ދަނޑުވެރިކަން ފުޅާ ކުރުމަކީ އަޅުގަނޑުމެން ލާމަރުކަޒް ކުރަމުންދާއިރުގަ ވަރަށް މުހިންމު ބޭނުންތެރި ކަމެއް. މިއީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިގްތިސާދު ފުޅާކުރުމަށްޓަކައި ކުރެވިދާނެ އެއް ސިނާއަތް. މީގެ ސަބަބުން އިތުރު ވަޒީފާތައް ރާއްޖޭގެ އެކި ރަށްރަށުގައި އުފެދިގެންދާނެ. އާއިލާތަކަށް އޭގެ ސަބަބުން ލިބޭ ނަފާ ބޮޑުވެގެންދާނެ. ރަށުގައި ތިބެ ކުރާނެ މަސައްކަތްތައް އިތުރުވެގެންދާނެ. އަޅުގަނޑުމެން ބޭނުންވަނީ މިކަމަށް ޒުވާނުން ނެރުން. މިކަމަށްޓަކައި ފިޝަރީޒް މިނިސްޓްރީން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް އަޅުގަނޑު ގަބޫލުކުރަން މިއަދު."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ރައީސް ވިދާޅުވީ މިއަހަރު ދަނޑުވެރިންގެ ދުވަހެއް ފާހަގަކުރާއިރު ދަނޑުވެރިކަމަށް މުހިންމުކަން ދޭންޖެހިފައިވާ ކަން ފާހަގަކުރެވޭ ކަމަށާއި އެގޮތުން ފާއިތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑުގެ ރޯގާގެ ސަބަބުން މުޅި ދުނިޔެ ބަންދުވެގެން ދިޔަކަމަށެވެ.

އެގޮތުން ރާއްޖެފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމަކަށް މިއީ ވަރަށް ބޮޑު ގޮންޖެހުމަކަށްވީ ކަމެއް ކަމަށާއި އެކަމުގެ ސަބަބުން ދިރިއުޅުމުގެ ކަންކަމަށް ބަދަލުތަކެއް ގެންނަން މިހާރު މިވަނީ ޖެހިފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މިކަމުން ސަލާމަތްވުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން. ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަން ހޯދަން ބަލާއިރު ދަނޑުވެރިންނަށް ދިމާވާ ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި. ދަނޑުވެރިންނަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަން ބަލާއިރު ބިން ފަސޭހައިން ލިބެން ނެތުން. ދިގު މުއްދަތަށް ބިން ފަސޭހައިން ލިބެން ނެތުން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް

ރައީސް ވިދާޅުވީ ކައުންސިލްތަކާ ވާހަކަ ދައްކައިގެން ދަނޑުވެރިންނަށް މީހުން ދިރިއުޅޭ ރަށްރަށުން ފަސޭހައިން ބިންލިބޭނެ ގޮތް ހަމަޖައްސާދެއްވާނެ ކަމަށެވެ.

ދަނޑުވެރިން އުފައްދާ ތަކެތި ތާޒާކަންމަތީ ބާޒާރަށް ނެރުމުގައި ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދަނޑުވެރިންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަދެއްވާނެ ކަމުގެ ޔަގީންކަން ދަނޑުވެރިންނަށް ދެއްވާފައެވެ.

މީގެ އިތުރަށް ރައީސް ވަނީ ދަނޑުވެރިންނަށް މާލީ އެހީތެރިކަން ލިބޭފަދަ ގިނަ ލޯން ސްކީމް ފަަދަ ފުރުސަތުތައް ހުރިނަމަވެސް އެމައުލޫމާތު ދަނޑުވެރިންނާ ހަމައަށް ފޯރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ.

އަދި ރާއްޖޭގެ ޖީޑީޕީގައި ދަނޑުވެރިކަން ހިއްސާކުރަނީ 1.7 އިންސައްތަ ނަމަވެސް އެކަން ބަދަލުކުރެވޭ މިންވަރަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ދާއިރާ ފުޅާކުރެވޭނެވަރުގެ މާކެޓެއް އޮތްކަން ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން ރިޒޯޓްތަކަށް ބޭނުންވާ މޭވާއާއި ތަރުކާރީ ފަދަ ބާވަތްތައް އުފެއްދުމަށް އަމާޒު ހިފައިގެން މަސައްކަތް ކުރެވިއްޖެނަމަ ދަނޑުވެރިކަމުން ލިބޭ އާމްދަނީ ޖީޑީޕީގައި ހިއްސާ ކުރާ މިންވަރު މިހާރަށްވުރެ މަތިކުރެވޭނެކަމުގައި ރައީސް ސާލިހް ވިދާޅުވިއެވެ.

މި ޖަލްސާގައި، ދަނޑުވެރިކަމަށް ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވައި ރިޓަޔަރކުރައްވާފައިވާ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ މުވައްޒަފަކާ އަދި ކަނޑޫދުއަށް ދަނޑުވެރިކަމުގެ މަސައްކަތް ތައާރަފުކުރުމުގައި އިސްދައުރެއް އަދާކުރެއްވި ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ގައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.