ކަނޑޫދޫއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް، ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ތ. ކަނޑޫދޫގައި ކުރިއަށްގެންދިޔަ ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ޙަރަކާތްތައް ވަނީ ފަށްޓަވައިދެއްވާފައެވެ.

އަދި އެމަނިކުފާނު ވަނީ ފަރޓިގޭޝަން ސިސްޓަމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވުމުގެ އިތުރުން، ކާބޯތަކެތީގެ މައުރަޒު ވެސް ހުޅުއްވައިދެއްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރި ޤައުމީ ދަނޑުވެރިންގެ ދުވަހާއި، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާފައެވެ.

ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަސް ޤައުމީ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާއިރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހަކީ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހެވެ.

ދިވެހިރާއްޖޭގެ ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ ގޮތުން ދަނޑުވެރިންކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމާއި، ދަނޑުވެރިކަމުގެ މަސައްކަތް ރާއްޖޭގެ އިގްތިސާދުގައި ހިއްސާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ޒުވާނުންނާއި މަސައްކަތްކުރާ އުމުރުގެ މީހުން ދަނޑުވެރިކަމަށް ޝައުގުވެރިކުރުވުމުގެ މަގްސަދުގައި ގައުމީ ދަނޑުވެރިންގެ ދުވަސް ފާހަގަކުރާއިރު، ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ، ދުނިޔޭގެ ކާބޯތަކެތީގެ ދުވަހާ ގުޅުވައިގެން ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައި ވަނީ ދަނޑުވެރިންނާއި އެ މީހުން އުފައްދާ ތަކެއްޗާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ތަފާތު ހަރަކާތްތައް ހިންގުމަށް މަގުފަހިކޮށްދިނުމަށްޓަކައި ކަމަށް ސަރުކާރުން ބުނެއެވެ.