އެކަށީގެންވާ ރިހިބިލިޓޭޝަން ޕްރޮގްރާމެއް ހިންގޭނެ ކަމުގެ ޔަގީންކަން މިގައުމަށް އަދި އޮތްތަނެއް ނުފެން ކަމަށް މާލެ ސިޓީ ކައުންސިލްގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިފާ މިހެން ވިދާޅުވީ ސީރިއާ ހަނގުރާމައަށް ދިޔަ ދިވެހިން އަނބުރާ އައުމުން އެމީހުން އަނބުރާ މުޖުތަމައުއަށް ނެރުމުގެ ކުރިން ރީ އިންޓަގްރޭޓް ކުރެވޭނެ ނިޒާމެއް ގާއިމު ކޮށްފައިވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ސިފާ ވަނީ ރާއްޖެއަށް އެންމެ ފުރަތަމަ ގެންނަ އާއިލާއަކީ ކޮބައިތޯ މިނިސްޓަރ އަރިހުން އައްސަވާފައެވެ.

އަދި ރާއްޖެއަށް ގެންނަ މީހުން ރިހެބިލިޓޭޓް ކުރުމުގެ ޕްރޮގުރާމް އޮންނަނީ މިނިސްޓަރުގެ ބެލުމުގެ ދަށުގައިތޯ ސިފާ ވަނީ ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އެފަދަ މީހުން ގެނެސް ރިހެބިލިޓޭޓް ކުރެވޭނެ ވަރުގެ ޕްރޮގްރާމްތަކެއް ހިމެނޭގެ މަގެއް އޮތްކަމަށް އަދި ފެންނާކަށް ނެތްކަމަށެވެ.

މާލޭގެ ކުރީގެ މޭޔަރުގެ ފާޑުކިޔުން މިނިސްޓަރ އިމްރާނަށް އަމާޒުވިއިރު ގަތަރުގެ ދޯހާގައި ކުރިއަށްދިޔަ "ގްލޯބަލް ސެކިއުރިޓީ ފޯރަމް" ގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ 2012 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ގާތްގަނޑަކަށް 200 އެއްހާ ދިވެހިން ސީރިއާއާއި އިރާގު ހަނގުރާމައިގައި ބައިވެރިވުމަށް ގޮސްފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ދިވެހިން އަނބުރާ އަންނަން ބޭނުންވެފައިތިބި ކަމަށެވެ.

އަދި އެގޮތަށް އަނބުރާ އަންނަ މީހުން މުޖުތަމައަށް ނެރުމުގެ ކުރިން އެމީހުންނަށް "ރީއިންޓަގްރޭޝަން" ޕްރޮގްރާމްތައް ހިންގުމަށްޓަކައި ބޭނުންވާނެ ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރު މިހާރު ސަރުކާރުން ގާއިމުކޮށްފައިވާކަންވެސް މިނިސްޓަރ ފާހަގަކުރައްވާފައިވެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ގާއިމު ކުރަންޖެހޭ "ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ" ގާއިމުކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކ.ހިންމަފުށީގައި ކަމަށް ސަރުކާރުން ބުނެއެވެ.