އދ. ހަންޏާމީދޫގައި ކުރިއަށްގެންދާ އެންމެ ފޯރިގަދަ ފުޓްސަލް މުބާރާތް ކަމުގައިވާ ހަންޏާސް ކަޕުގެ ދެވަނަ މުބާރާތް "ވިވާ ބީޗް އެންޑް ސްޕާ ހަންޏާސް ކަޕް 2021"ގެ ފައިނަލް މެޗު ވީޓީވީން ވަގުތުން ގެނެސްދިނުމަށް ނިންމައިފިއެވެ.

މިހާތަނަށް މި މުބާރާތުގައި 10 މެޗު ކުޅެފައިވާއިރު ފައިނަލްގައި ވާދަކުރާނީ އެފް.ސީ ސްލޭޔާރސް އާއި ޓީމް ޔޫ.ވީ.ޔޫ.އެޗް.ޑީ އެވެ.

ޖުމްލަ ފަސްޓީމު ވާދަކުރި މިމުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަހޯދި ސްލެޔާސް އިން ފައިނަލަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއްވެސް ފަސޭހަކަމާއެކު ކާމިޔާބު ކޮށްގެންނެވެ. އެގޮތުން ފުރަތަމަ މެޗުގައި ޑީޓުއަރ އެފްސީގެ މައްޗަށް 5-8 އިން ސްލެޔާސް ކުރިހޯދިއިރު ދެވަނަ މެޗު ކާމިޔާބުކުރީ ޓީމް ޑިފެންޑާސްގެ މައްޗަށް 2-9 އިން ކުރިހޯދައިގެންނެވެ. ތިންވަނަ މެޗުގައި ޔޫ.ވީ.ޔޫ.އެޗް.ޑީ އަތުން 1-5 އިން މޮޅުވިއިރު ފަހުމެޗުގައި ޔުނައިޓެޑް ފަހުލަވާނުގެ މައްޗަށް ކުރިހޯދީ 11-7 އިންނެވެ.

ޓީމު ޔޫވީޔޫއެޗްޑީ

ޓީމް ޔޫ.ވީ.ޔޫ.އެޗް.ޑީ ފައިނަލަށް ދަތުރުކުރީ ހަތަރު މެޗުގެ ތެރެއިން ތިންމެޗުން މޮޅުވެގެންނެވެ. އެޓީމު ބަލިވީ މި މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވިފައިވާ އަދި ފައިނަލްގައި އެޓީމަކާ ދެކޮޅަށް ޔޫ.ވީ.ޔޫ.އެޗް.ޑީ ނިކުންނަންޖެހޭ އެފްސީ ސްލެޔާސް އަތުން އެކަންޏެވެ. ޔޫ.ވީ.ޔޫ.އެޗް.ޑީގެ ފުރަތަމަ މެޗުގައި ޑީޓުއަރ އެފްސީގެ މައްޗަށް 5-9 އިން ކުރިހޯދިއިރު ދެވަނަ މެޗުގައި ފަހުލަވާނުގެ މައްޗަށް 0-4 އިން ވަނީ ކުރިހޯދާފައެވެ. ތިންވަނަ މެޗުގައި ޔޫ.ވީ.ޔޫ.އެޗް.ޑީ އެފްސީ ސްލެޔާސް އަތުން ބަލިވިއިރު ފައިނަލްގެ ޖާގައެއް ޔޫ.ވީ.ޔޫ.އެޗް.ޑީ އިން ކަށަވަރުކުރީ ފަހު މެޗުގައި ޓީމް ޑިފެންޑާސްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން އުނދަގޫ މޮޅެއް ހޯދައިގެންނެވެ.

ގިނަ ގޯލްތަކެއް ފެނިގެންގޮސްފައިވާ މި ފޯރިގަދަ މުބާރާތުގެ ފައިނަލް މެޗަށް ވަގުތު ކުޑަތަންވަމުން އަންނައިރު މިވަގުތު ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ 8 ލަނޑު ޖަހައިގެން އެފްސީ ސްލެޔާސްގެ އަލީ މުނާޒް އެވެ. ދެވަނައިގައި ފަހުލަވާލުގެ ހުސެއިން ތޮލްހަތް 6 ލަނޑާއެކު އޮތްއިރު ތިންވަނައިގައި ސްލެޔާސްގެ ޝިފާއު އާދަމް ވެސް އޮތީ 6 ލަނޑާއެކުއެވެ.

"ވީވާ ބީޗް އެންޑް ސްޕާ ހަންޏާސް ކަޕް 2021" ފުޓްސެލް މުބާރާތަކީ "ހަންޏާސް ކަޕް" ގެ 2 ވަނަ މުބާރާތެވެ. 2020 ވަނަ އަހަރު މިމުބާރާތުގެ ފުރަތަމަ އެޑިޝަން ބޭއްވިއިރު އެމުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އެފް.ސީ ސްލޭޔާރސް އެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 20،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

މިމުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވީމީޑިއާއެވެ. މިއަދު ހަވީރު ކުޅޭ މިމުުބާރާތުގެ ފައިނަލްމެޗު ވީމީޑިއާގެ ވީޓީވީން ވަގުތުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފައެވެ. ފައިނަލް މެޗުކުޅޭނީ ހަވީރު 16:00 ގައެވެ.